ޔާމީނާއި ގާސިމް ހަނުހުރުމުގެ ހައްގު ބޭނުން ކުރައްވައިފި: ވަކީލުން

ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ މުލަކު ދާއިރާގެ މެމްބަރު އަދި ޕީޕަލްސް އެލަޔަންސް (ޕީއޭ)ގެ ރައީސް އަބްދުﷲ ޔާމީނާއި މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހަނުހުރުމުގެ ހައްގު ބުރާސްފަތިދުވަހު ބޭނުން ކުރައްވައިފި އެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ނ. ގެ ދަށުން ލިބިދޭ އެ ހައްގުގެ ދަށުން، ފުލުހުންގެ ތަހުގީގުގައި އިތުރަށް އެއްވެސް ވާހަކައެއް ނުދައްކަވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަށް އަންގަވާފައިވާ ސިޓީއެއްގެ ކޮޕީ ޔާމީނާއި ގާސިމްގެ ވަކީލުން ވަނީ ނޫސްވެރިންނަށް ދެއްވާފަ އެވެ.
ހަނުހުރުމުގެ ހައްގުގެ ބޭނުންހިފަން ދެ ބޭފުޅުން މި ނިންމެވީ ފުލުހުންގެ ހައްޔަރުގައި ބެހެއްޓުމުގެ މުއްދަތު އިތުރުކުރަން ބުރާސްފަތި ވިލޭރޭ ޖިނާއީ ކޯޓަށް ގެންދިއުމުން ތިން ދުވަހުގެ ގޭ ބަންދަށް ބަދަލުކުރަން އެ ކޯޓުގެ ފަނޑިޔާރު ނިންމަވައި ގެއަށް ބަދަލުކުރި ފަހުންނެވެ.
ޔާމީނާއި ގާސިމް ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ދެ ބޭފުޅުންގެ ވަކީލުން އަންގާރަދުވަހުގެ ރޭ ޖިނާއީ ކޯޓަށް މައްސަލަ ހުށަހެޅުއްވުމުން އެއް ގަޑިއިރުގެ ތެރޭގައި ކޯޓަށް އެ ދެ ބޭފުޅުން ހާޒިރުކުރަން ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި ބުދަދުވަހު ފުލުހުން ވަނީ އިސްތިއުނާފްކޮށްފަ އެވެ. އެކަމަކު ބުރާސްފަތި ދުވަހު ހެނދުނު ހައި ކޯޓުން ނިންމީ އެއީ ރަނގަޅު އަމުރެއް ކަމަށެވެ.
ހައި ކޯޓުން ބުނެފައިވަނީ އެއް ގަޑިއިރު ތެރޭ ކޯޓަށް ގެންދިއުމަށް ޖިނާއީ ކޯޓުން އަމުރު ނެރުނީ ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.
މި މައްސަލާގައި ހައި ކޯޓުގައި ފުލުހުން ބުނެފައި ވަނީ އެއް ގަޑި އިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން އެންގުމުން އެ ގޮތަށް އެއްވެސް އިޖުރާތެއް ނެތި އެފަދަ އަމުރެއް ނެރުމުން ކޮންމެ މީހަކު، ކޮންމެ ގަޑިއެއްގައި ވެސް ގެންދަން ޖެހިދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ބަންދުގައި ބެހެއްޓުމަށް ފުލުހުންނަށް ލިބިދޭ 24 ގަޑިއިރުގެ ތެރެއިން ކޮންމެ ވަގުތެއްގައި ވެސް ކޯޓަށް ހާޒިރުކުރުވުމުގެ އިހުތިޔާރު ފުލުހުންނަށް ލިބިގެންވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.
ޔާމީނާއި ގާސިމްގެ ފަރާތުން ވަކީލުން ވިދާޅުވީ އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީއާ ހިލާފަށް ހައްގެއް ނިގުޅައިގަނެފައިވާ ކަމަށާއި އެހެންކަމުން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމުމަށް 24 ގަޑިއިރު ނަގަން ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި 24 ގަޑިއިރަކީ އެންމެ ގިނަވެގެން ލިބޭ މުއްދަތު ކަމަށް ވާއިރު އޭގެ ކުރިން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ވަކީލުން ވިދާޅުވި އެވެ.
ޔާމީނާއި ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކޮށްދިނުމަށް ފުލުހުން ޖިނާއީ ކޯޓުގައި އެދުމުން ކޯޓުން ރޭ ވަނީ، މަޖިލިހުގެ ޖަލްސާތަކާއި ކޮމިޓީތަކަށް ވަޑައިގެންނެވޭ ގޮތަށް، ތިން ދުވަހުގެ ގޭ ބަންދަށް މުއްދަތު އިތުރު ކޮށްދީފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ނިންމުން ވެސް ހައި ކޯޓުގައި ބުރާސްފަތިދުވަހު އިސްތިއުނާފް ކޮށްފަ އެވެ. "ހަވީރު" ޗާޕަށް ދިޔަ އިރު އެ މައްސަލަ ހައި ކޯޓުގައި ދަނީ ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ