ޕީޕީއެމަކީ ޕާޓީގެ އުސޫލުތަކަށް ތަބާވެ، ގައުމަށް ވަފާތެރި ބަޔަކު ތިބި ޕާޓީއެއް: މައުމޫން

ކިތައްމެ ހަގު ޕާޓީއަކަށް ވިއަސް ޕީޕީއެމަކީ އުސޫލުތަކެއް ހިފަހައްޓައި އަދި ގައުމަށް ވަފާތެރި ބަޔަކު ތިބި ޕާޓީއެއް ކަމަށް އެ ޕާާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. އެ ޕާޓީގެ ހަތަރު ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މައުމޫން ނެރުއްވި ހިތާބެއްގައި ވިދާޅުވީ ޕީޕީއެމްގެ މެމްބަރުން އެންމެ ފުރަތަމަ އިސްކުރާނީ ދިވެހި ގައުމު ކަމަށެވެ. އަދި ޕާޓީ އުފައްދާފައިވާ މައިގަނޑު އަސާސްތަކުގެ މަތީ ދެމިތިބެ އިސްލާމް ދީނުގެ މަތިވެރި އުސޫލުތަކަށް ތަބާވެ ޑިމޮކްރަސީގެ ހަމަތަކަށް ކަމޭހިތައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި ޕާޓީގެ އުސޫލުތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާން ޖެހޭ ވެސް ވިދާޅުވި އެވެ. ރަަައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ދަތުރުކުރެއްވި ލޯންޗުގައި ބޮން ގޮއްވައިލި ހާދިސާ އަށް އިޝާރާތްކުރައްވައި މައުމޫން ވިދާޅުވީ މި ދަނޑިވަޅުގައި ރައީސް ޔާމީން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ފަހުރުވެރިވެވަޑައިގެން އެމަނިކުފާނަށް އެއްބާރުލުމާއި ޔަގީންކަން ދޭން ޕީޕީއެމް ފަސްނުޖެހޭނެ ކަމަށެވެ. "ޕީޕީއެމަކީ ހަގު ޕާޓީއެއް ނަމަވެސް، މި ޕާޓި ވެގެން ގޮސްފައި މިވަނީ ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު ޕާޓީއަށެވެ. އެއީ ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދަށް ބެލިކަމުގައި ވިއަސް ނުވަތަ ވޭތުވެދިޔަ މުއްދަތުގައި ޕާޓީން ވާދަކޮށް ކާމިޔާބުކޮށްފައިވާ އިންތިހާބުގެ އަދަދަށް ބެލިކަމުގައި ވިއަސްމެ އެވެ،" މައުމޫންގެ ހިތާބުގައިވެ އެވެ. މިދިޔަ އަހަރު ބޭއްވި 12 ބައި އިލެކްޝަންގައި ބައިވެރިވެ އެ އިންތިހާބުތައް ކާމިޔާބު ކޮށްފައިވާކަން ވެސް މައުމޫން ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ