ރާއްޖެ މިހާރު ވެއްޓެމުން މިދަނީ އަނދަވަޅަކަށް، ރައްޔިތުން ހޭއަރަން ވެއްޖެ: ނަޝީދު
ދައުލަތުގެ ޚަރަދު "ފިއްކަނޑައިގެން ދާ މިންވަރަކަށް" މައްޗަށް ހިނގައްޖެ ކަމަށާއި ރާއްޖެ މިހާރު ވެއްޓެމުން ދަނީ އަނދަވަޅަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރ. އުނގޫފާރުގައި މިރޭ ވިދާޅުވެއްޖެ އެވެ. ހޮނިހިރުދުވަހު އެރަށުގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ ބައި އިލެކްޝަންގައި އެމްޑީޕީން ވާދަކުރައްވާ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފްގެ އެންމެ ފަހު ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިން ހޭއަރަން ވެއްޖެ ކަމަށެވެ. އަޅުގަނޑުމެންގެ "ޝަކުވާ އަކީ، ކަންބޮޑުވުމަކީ މި ދުވަސްތަކުގައި ރާއްޖެ ވެއްޓެމުން މިދާ އަނދަވަޅު. އަޅުގަނޑުމެން މިދަނީ ކަނުބަނދެގެން ތިބެ އެ އަނދަވަޅާ ދިމާއަށް،" ނަޝީދު ވިދާޅުވި އެވެ. "ރާއްޖޭގެ ރައްޔިތުން ހޭއަރަން ވެއްޖެ." ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު އުފެއްދުންތެރިކަމުގެ ނިސްބަތުން ދައުލަތުގެ ޚަރަދު އުޅުނީ 22 ޕަސެންޓްގައި ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި އެ ނިސްބަތް ހަތް ޕަސެންޓްގެ މިންވަރަށް ކުޑަކުރެއްވި ކަމަށް ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނު ވިދާޅުވީ "ބަޣާވާތަށް" ފަހު އެ ޚަރަދުތައް ވަނީ އަތް ނުފޯރާ ހިސާބަށް ގޮސްފައި ކަމަށެވެ. "މާލިއްޔަތު، އިގުތިސާދު ފަނާވެގެން އެ ދަނީ،" ނަޝީދު ވިދާޅުވި އެވެ. "ރައްޔިތުންގެ ވާޖިބެއް އެއީ ހަމަ މަގަށް ގެނައުން." ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބަކީ ނަޝީދުގެ ވެރިކަމުގެ ތިން އަހަރު ކުރި ބޭކާރު ހޭދަ ކަމަށް އެމަނިކުފާނާ އިދިކޮޅު ސިޔާސީ ބޭފުޅުން ވިދާޅުވިޔަސް ނަޝީދު ދެއްކެވީ އޭގެ އިދިކޮޅަށެވެ. ދައުލަތުގެ ދަރަނި ބޮޑުވެ، ރައްޔިތުން ބޭނުންވާ ކަންކަން މިހާރު ނުކުރެވޭކަމުގެ މިސާލެއްގެ ގޮތުން ނެންގެވީ އުނގޫފާރުގައި ސަރުކާރުން ހަދައިދެމުން އަންނަ ބަނދަރެވެ. އެގޮތުން އެއީ 1،200 ފޫޓުގެ ބަނދަރެއް ނަމަވެސް ވެރިކަން ބަދަލުވުމާ އެކު އެއިން 500 ފޫޓު ކެނޑި މިހާރުގެ ބޮޑުމިނަކީ 700 ފޫޓު ކަމަށް ވިދާޅުވި އެވެ. އެހެންކަމުން ނަޝީދު ވިދާޅުވީ "ބަޣާވާތުގެ" އަގަކީ އުނގޫފާރު ބަނދަރުން 500 ފޫޓު ގެއްލުން ކަމަށް ވިދާޅުވި އެވެ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝީމް އަލީ، ވަރަށް އަނިޔާވެރިކޮށް އޮކްޓޯބަރު 1 ވަނަ ދުވަހުގެ ރޭ އަވަހާރަކޮށްލުމުން ހުސްވި ގޮނޑި އަށް އެމްޑީޕީގެ ކެންޑިޑޭޓް ޑރ. އަޝްރަފް ވާދަކުރައްވަނީ ޕީޕީއެމް ތަމްސީލްކުރައްވާ އަފްރާޝީމްގެ ކޮއްކޮއެކެވެ. ނަޝީދު ވިދާޅުވި ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ ފުލުހުންނާއި ސިފައިން ބޭނުންކޮށް ނިންމައިފި އެވެ. އަދި އެ ދެ ތަނަށް އިތުރު މީހުން ވައްދަން ވެސް ހޭދަކުރާ ކަމަށް ވިދާޅުވި އެވެ. ޑރ. އަފްރާޝީމާ ބެހޭ ގޮތުން ވެސް މިރޭ އެމަނުކުފާނު ވާހަކަފުޅު ދެއްކެވި އެވެ. އެގޮތުން އޭނާ އަކީ އެމްޑީޕީން ބޭނުންވާ މެދު މިނުގެ ދީނީ ޚިޔާލުގެ ބޭފުޅެއް ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީ އަށް ވަދެވަޑައިގަތުމަށް ދައުވަތު ދެއްވުމުން "އެހެން ޕާޓީއަކަށް ގުޅިވަޑައިގަންނަވަންޏާ އެއީ އެމްޑީޕީ ކަމަށް" އަފްރާޝީމް ދެންނެވި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ