ނަޝީދަށް މައުމޫން ރައްދު ދެއްވައިފި

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުކުރުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަމަށް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ އެ ކަމަށް މައުމޫން ރައްދު ދެއްވައިފި އެވެ. އެމެރިކާ އަށް މިހާރު ނަޝީދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުގެ އެކި މީޑިއާތަކުގެ އިތުރުން އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލުންގެ އަރިހުގައި ވެސް ނަޝީދު ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނުގެ ވެރިކަން ބަދަލުކުރި "ބަޣާވާތް" ރޭވީ މައުމޫން ކަމަށާއި "މައުމޫން "އެނބުރި އަތުވެއްޖެ" ކަމަށެވެ. ނަޝީދުގެ މި ވިދާޅުވުންތަކަށް ރައްދު ދެއްވައި މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު ގޮތަކުން ރައީސުލްޖުްހޫރިއްޔާގެ ކަމުގެ މަގާމުން ނަޝީދު ވަކި ކުރެއްވުމަށްޓަކައި އެއްވެސް ބާވަތެއްގެ ހަރަކާތެއް ހިންގަވައި އަދި އަމަލު ކުރައްވާފައި ވެސް ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަދި އިސްލާމްދީނާ ދުރަށް ދިވެހިން ގެންދިއުމަށްޓަކައި ނަޝީދުގެ ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދިޔަ އެތައް ހާސް ދިވެހި ރައްޔިތުންގެ އަޑުތަކުގައި މައުމޫންގެ ޕީޕީއެމްގެ އަޑު ވެސް އެކުލެވިފައިވާނެ ކަމަށް މައުމޫންގެ ބަޔާނުގައި ވެ އެވެ. "އަދި ހަމަ އެކަމަށްޓަކައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމާއަތްތަކުން ކުރަމުން ގެންދިޔަ މުޒާހަރާތަކުގައި ޕީޕީއެމް ވެސް ބައިވެރިވެފައިވާނެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަ މީހަކާއި އޭނާގެ ސަރުކާރު ހިންގަން ތިބި މީހުން ޒިންމާދާރު ކުރުވުމުގެ ގޮތުން ރައްޔިތުންނަށް ލިބިފައިވާ ގާނޫނީ އަދި ޑިމޮކްރެޓިކް ހައްގެކެވެ. އަދި ގާނޫނު އަސާސީ އާއި ގާނޫނުތައް ނެގެހެއްޓުމުގެ ގޮތުން ރައްޔިތުން އަދާކުރަންޖެހޭ ވާޖިބެއް ވެސް މެ އެވެ. މި ނޫން ގޮތެއްގައި އަޅުގަނޑު އަދި އަޅުގަނޑުގެ ޕާޓީ ވެސް އެއްވެސް އަމަލެއް ކޮށްފައެއް ނުވާނެ އެވެ،" މައުމޫން ވިދާޅުވި އެވެ. "އެހެންކަމުން މިދިޔަ ފެބްރުއަރީ 7 ވަނަ ދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ބަޣާވާތެއްގެ ސަބަބުން ކަމަށާއި ނުވަތަ އެއީ އިންގިލާބަކުން ވީ ކަމެއް ކަމަށް، އަދި އެ ކަމަކީ އަޅުގަނޑު އަޑީގައި ހުރެގެން ހިންގާފައިވާ ކަމެއް ކަމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު އެ ވިދާޅުވާ ވާހަކަތަކަކީ އޭގެ އަސްލުން އަސްލަށް ދޮގު ވާހަކަތަކެއް ކަމުގައި ނުހަނު ސާބިތުކަމާއެކު އަޅުގަނޑު ދަންނަވަމެވެ." މައުމޫން ވިދާޅުވީ މިދިޔަ ދުވަސްތަކުގައި އެ މަނިކުފާނަށާއި އާއިލާ އަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އެކިއެކި ދުއްތުރާތައް ނަޝީދުގެ ސަރުކާރުން ކުރަމުން ގެންދިޔައިރު ވެސް، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް 2008 ގައި ނަޝީދު އިންތިހާބުވެ ވަޑައިގަތުމާ ގުޅިގެން މީޑިއާ ކުރިމަތީގައި އެންމެ ފުރަތަމަ އެ މަނިކުފާނަށް މަރުހަބާ ދެންނެވީ މައުމޫން ކަމަށް ބަޔާނުގައިވެ އެވެ. އަދި ވެރިކަން އޮމާންކަމާއެކު ބަދަލުވެގެން ދިއުމަށްޓަކައި ކުރަން ޖެހުނު އެންމެހާ ކަންތައްތައް ކުރެއްވީ ވެސް ނުހަނު އިހުލާސްތެރިކަމާއެކު ގައުމަށާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް މައުމޫންގެ ބަޔާނުގައިވެ އެވެ. މައުމޫން ވަނީ ނަޝީދުގެ ވެރިކަން ބަދަލުކުރީ އިންގިލާބަކުން ކަމަށް ބުނާ ބުނުމަށް ވެސް ރައްދު ދެއްވައިފަ އެވެ. އެ ގޮތުން އެ މަނިކުފާނު ވިދާޅުވީ ނަޝީދު އިސްތިއުފާ ދެއްވީ ހެޔޮ ހާލުގައި ހުންނަވައި އަމިއްލަފުޅަށް ކަމަށާއި އެއީ އިންގިލާބެއް ކަމަށް ބުނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އިސްތިއުފާގެ ސިޓީފުޅު ވެސް ނަޝީދު ލިޔުއްވީ އަމިއްލަފުޅަށް ކަމަށާއި އިސްތިއުފާ ދެއްވިކަން މީޑިއާ ކުރިމަތީގައި އިއުލާން ކުރެއްވީ ވެސް އަމިއްލަފުޅަށް ކަމަށް މައުމޫންގެ ބަޔާނުގައިވެ އެވެ. އަދި ނަޝީދު އިސްތިއުފާ ދެއްވުމުން އޭރުގެ ނާއިބު ރައީސް ޑރ. މުހަންމަދު ވަހީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ވެސް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ