އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް: ވާދަވެރި މަޖީދިއްޔާ ބަލިކޮށް، ފައިނަލްގެ ދެ ވަނަ ޖާގަ ދަރުމަވަންތަ ހޯދައިފި

މިހާރު ކުރިއަށްދާ އިންޓަ ސުކޫލް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު މެޗް ކާމިޔާބު ކޮށް، ފައިނަލްގެ ދެ ވަނަ ޖާގަ ދަރުމަވަންތަ ސުކޫލުން ހޯދައިފި އެވެ.
ދަރުމަވަންތަ ފައިނަލުން ޖާގައެއް ކަށަވަރުކުރީ، އިއްޔެ ކުޅުނު ސެމީފައިނަލް ދެވަނަ މެޗްގައި ވާދަވެރި މަޖިއްދިއްޔާ ސުކޫލާ ވާދަކޮށް، ޕެނަލްޓީ ޖަހައިގެން 5-4 އިން މެޗް ކާމިޔާބު ކޮށްގެންނެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗްގައި ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މެޗްގައި ލަނޑުޖަހާނެ ރަނުގެ ފުރުސަތެއް ލިބުނު ނަމަވެސް، އެ ފުރުސަތުގެ ބޭނުން އެ ޓީމަށް ވަނީ ނުހިފި ބޭކާރު ވެފަ އެވެ.
މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމި، ދެ ޓީމް ވެސް ދެން ތައްޔާރުވީ، ޕެނަލްޓީ ޝޫޓް އައުޓަކަށެވެ. އެގޮތުން ކޮންމެ ޓީމަކަށް ވެސް ހަ ޕެނަލްޓީ ޖެހި އިރު ނަތީޖާ ވަނީ 4-4 އިން އެއްވަރުވެފަ އެވެ. އެކަމަކު މަޖީދިއްޔާގެ އަބްދުﷲ ރީހާން ފޮނުވާލި ޕެނަލްޓީ ބޭރަށް ދިއުމުން ދަރުމަވަންތަ އަށް މެޗު ކާމިޔާބުކުރުމުގެ ފުރުސަތު ތަނަވަސްވި އެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ކުޅުނު ދަރުމަވަންތަ އަށް މިހަރު ވެސް ފައިނަލުން ޖާގަ ލިބުނީ މުހައްމަދު ނަޒާމް ފޮނުވާލި ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ 5-4 ބަދަލުކޮށް ލުމުން ނެވެ.
ޕެނަލްޓީ ޝޫޓް ހަދައިގެން މަޖީދިއްޔާ ބަލިކޮށް، ދަރުމަވަންތަ ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ކުރިއިރު، ފައިނަލްގައި ދަރުމަވަންތައާ ދެކޮޅަށް ނިކުންނަ އަނެއް ޓީމަކީ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި އަރަބިއްޔާ އަތުން މޮޅުވި އަހުމަދިއްޔާ އެވެ.
މުބާރާތުގެ ފައިންލަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މާދަމާ ރޭ ގަލޮޅު ދަނޑުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ