ކޮމަންވެލްތުން ވަކިވުމަށް ނިންމުމުން އެކަމާއި މެދު ހިތާމަފުޅު ކުރައްވާކަމުގައި ކުރީގެ ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ، ރާއްޖެ ކޮމަންވެލުތުން ވަކިވުމަށް ނިންމައި ސަރުކާރުން އެކަން އިއުލާން ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ މީގެ 34 އަހަރު ކުރިން ކޮމަންވެލްތުގެ މެންބަރަކަށް ރާއްޖެ ހެދުމަށް މަސައްކަތްކުރި މީހެއްގެ ހައިސިއްޔަތުން، އެ ޖަމިއްޔާ އިން ރާއްޖެ ވަކިވުމަށް ނިންމި ނިންމުމާއި މެދު ހިތާމަފުޅު ކުރައްވާ ކަމަށާއި، އެކަހެރިވެގެން މައްސަލަތައް ހައްލު ނުކުރެވޭނެ ކަމަށެވެ.
ރައީސް މައުމޫން މިގޮތަށް ވިދާޅުވި އިރު، ރާއްޖެއިން ކޮމަންވެލުތުން ވަކިވުމަށް ނިންމިކަން އިއުލާން ކުރުމާއި ގުޅިގެން، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލަންޑް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ކޮމަންވެލްތުން އަބަދުވެސް މަސައްކަތް ކުރަނީ ޑިމޮކްރެސީ ކުރިއަރުވަން ކަމަށާއި ރާއްޖެ އެ ޖަމާއަތާ އަލުން ގުޅޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ޕެޓްރީސިއާ ކުރެއްވި މިޓްވީޓް ރައީސް މައުމޫން ވަނީ ރިޓްވީޓުވެސް ކުރައްވާފައެވެ.
ކޮމަންވެލްތުން ރާއްޖެ ވަކިވުމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެންމަތިކުރީ، ރައީސް ނަޝީދުގެ ވެރިކަން ވެއްޓި ދިޔަގޮތާއި ގުޅިގެން އޭރުގެ ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތަކާއި ގުޅިގެންނެވެ. އޭގެ ފަހުން ސީމެގްގެ ރަސްމީ އެޖެންޑާގައި ދެފަހަރެއްގެ މަތިން ވަނީ ރާއްޖެ ހިމަނާފައެވެ. އަދި މިސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް އެކި ފޯރަމްތަކުގައި ގޮވާލާފައެވެ.
ކޮމަަންވެލްތުން ރާއްޖެ ވަކިވުމަކުން ލިބޭނެ ގެއްލުމެއް ނެތްކަމަށް ސަރުކާރުން ބުނި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެއަށް ރައްދުދެއެެވެ. އަދި ބައެއް ޤާނޫނީ ވަކީލުން ވިދާޅުވެފައިވަނީ، މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަށް އާއްމުގެ ޚިޔާލު ހޯދުމުގެ ވޯޓަކަށް ދާންޖެހޭނެ ކަމަށެވެ.
ކޮމަންވެލްތުން ވަކިވާން ނިންމި ނިމުމާއި މެދު ހިތާމަކުރަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ