އުފާވެރިކަމުގެ މެސެޖްތަކާއިއެކު ރިޔާސީ އިންތިޚާބަކަށް ރައްޔިތުން ތައްޔާރުވި، މީ ފުރަތަމަ ފަހަރު - މިނިސްޓަރ ނާޒިމް

އުފާވެރިކަމުގެ މެސެޖްތަކާއިއެކު ރިޔާސީ އިންތިޚާބަކަށް ރައްޔިތުން ތައްޔާރުވި ފުރަތަމަ އިންތިޚާބަށް މި އިންތިޚާބު ވެގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.ޗެނަލް13 ގެ ނިއުސްޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވީ ޕީޕީއެމްގެ ފަރާތުން މިރޭ ބާއްވާ ރެލީ އަކީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ރެލީ އަށް ވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި ދިވެހިރާއްޖެ އޮންނާގެ ގޮތުގެ ތަސައްވުރެއް މިރޭގެ ޖަލްސާގައި ރައީސް ޔާމީން ސިފަކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ޤައުމަށް ގެންނަވަމުންދާ ހެޔޮ ބަދަލުތަކަށް ތާއީދު ކުރާ ބޭފުޅުން ޖޯޝާއި ފޯރީގައި ނިކުމެ، އެ ރައްޔިތުން ތިބި ގޮތް އެ ޖަލްސާގައި މުޅި ޤައުމަށް ހާމަކޮށްދެއްވާނެ ކަމަށެވެ. މީގެއިތުރުން މިނިސްޓަރ ވިދާޅުވީ މަލްޓި ޕާޓީ ސިސްޓަމް ރާއްޖެއަށް އައި ފަހުން ބޭއްވޭ 3 ވަނަ ރިޔާސީ އިންތިޚާބަކަށް މި އިންތިޚާބު ވެގެންދާއިރު، އުފާވެރިކަމުގެ މެސެޖްތަކާއިއެކު ރިޔާސީ އިންތިޚާބަކަށް ރައްޔިތުން ތައްޔާރުވި ފުރަތަމަ އިންތިޚާބަށް މި އިންތިޚާބު ވެގެންދާނެ ކަމަށެވެ."މިރޭގެ ބައްދަލުވުމުގައި އިއްޒަތްތެރި ރައީސް މުޅި ޤައުމާ، ދިވެހި ރައްޔިތުންނާ މުޚާތަބު ކުރައްވާ، އެމަނިކުފާނުގެ މެނިފެސްޓޯގައި މިހާރު ހާމަނުކުރެވި ހުރި މާއްދާތައް ހާމަކުރައްވާނެ. އެހެންކަމުން އެ ބައްދަލުވުން ވެގެންދާނީ ވަރަށް މުހިއްމު ބައްދަލު ވުމަކަށް"މިނިސްޓަރ އިތުރަށް ވިދާޅުވީ ޕީޕީއެމްގެ ރެލީގެ ތެރެއިން ދިވެހި ރައްޔިތުން ތިބީ މިނިވަން ބައެއްގެ ގޮތުގައި ތަރައްޤީ އާއިއެކު ކުރިއަށް ދާންކަން، މުޅި ޤައުމަށާ ދުނިޔެއަށް ހާމަވެގެންދާނެ ކަމަށެވެ. އަދި އެ ޖަލްސާގައި ބައިވެރި ވުމަށް އަތޮޅުތެރެއިން އަންނަން ބޭނުންވެފައި ތިބި ވަރަށް ގިނަ ރައްޔިތުން އެބަތިބި ކަމަށާ، ނަމަވެސް ދަތުރުފަތުރުގެ ނިޒާމު ހަމަޖެއްސުމުގައި މައްސަލަތަކެއް ކުރިމަތި ވަމުން ދާކަމަށް ވިދާޅުވިއެވެ. އެހެންކަމުން އަންނަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެފުރުސަތު ނުލިބިދާނެ ކަމަށް ވިދާޅުވިއެެވެ. އެ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮއްވެވުމަށް ދިވެހި ރައްޔިތުން ޝައުޤުވެރިވާކަން، އެ ޖަލްސާ އަށް އަންނަން ބޭނުން ވުމުން ވަރަށް ރަނގަޅަށް ހާމަވެގެންދާ ކަމަށާ، ހަމައެއާއެކު މި ޤައުމު ނުބައި މަގަކުން ދިޔަ ނުދިއުމަށް ރައްޔިތުން އެއްބާރުލުންދޭ މިންވަރުވެސް ހާމަވެގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ