ފައި ބުރިވި މީހާ މާލެ ގެނެސްފި

ފަޅެއްގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެއްގައި ފައިބުރިވި ޒުވާނާ އިތުރު ފަރުވާއަށް މިރޭ މާލެ ގެނެސްފި އެވެ.
ދުއްވާފައި ދިޔަ ޑިންގީއެއް ގައި ޖެހިގެން ފައި ބުރިވެފައިވަނީ ރ. އިނގުރައިދޫގެ ޒުވާނެކެވެ. އެ ހާދިސާ ހިނގީ އިނގުރައިދޫ ކައިރީ އޮންނަ ކޮއްޓަފަރު ކިޔާ ފަޅު ރަށެއްގެ ކައިރިއަށް މަސް ހިފަން ފައިބާ އުޅެނިކޮށް އެ ޑިންގީގެ ބުރަފަތީގައި އޭނާ ގެ ފައި ޖެހިގެން ނެވެ.
ފުލުހުން ބުނެފައި އުމުރުން 27 އަހަރުގެ އެ ޒުވާނާ ފަޅު ތެރޭގައި ސްނޯކަލިންގައި އޮއްވާ ޖެހިފައި ވަނީ ދުއްވާފައި ދިޔަ ޑިންގީއެއް ކަމަށާއި ހާދިސާ ހިނގީ މިއަދު ހަވީރު ކަމަށެވެ.
އޭނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގަ އެވެ. އެއަށްފަހު ލޯންޗެއްގައި މާލެ ގެންނަނިކޮށް ބ އަތޮޅު ކައިރިން ލޯންޗަށް މައްސަލައެއް ދިމާވުމުން ބ. ކަމަދޫއަށް ވަނީ ޖައްސާފަ އެވެ. އެ ޒުވާނާ މާލެ ގެނައީ ސިފައިންގެ އެހީތެރިކަމުގައި ކޯސްޓްގާޑުގެ ލޯންޗެއްގަ އެވެ. މިހާެރު އައިޖީއެމްއެޗްގައި އޭނާއަށް ފަރުވާ ދޭން ވަނީ ފަށާފަ އެވެ.
ޑިންގީގެ ބުރަފަތީގައި ޖެހުމުން ޒުވާނާގެ ވައަތު ފައިގެ ކުޑަ ހުޅާ ހަމައިން ވަނީ އެއްކޮށް ބުރިވެފަ އެވެ. އަދި ބުރަފަތިން ޖެހުމުގެ ސަބަބުން ވައަތުފައިގެ ފަލަމަސްގަނޑުން ބޮޑު ބައެއްވެސް ވަނީ ވަރަށް ބޮޑަށް ޒަހަމްވެފަ އެވެ.
ޒުވާނާގެ ހާލަތާއި ގުޅޭގޮތުން އައިޖީއެމްއެޗުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ