ވައްކަން ކުރަން އުޅެނިކޮށް ނިދިއްޖެ

އިންޑިޔާގެ ސްޓޭޓެއް ކަމަށްވާ އަންދްރާ ޕްރަދޭޝްގެ ގެޔަކަށް ވައްކަން ކުރަން ވަން 21 އަހަރުގެ ފިރިހެނަކަށް ވައްކަން ކުރަން އުޅުމުގެ ތެރޭގައި ނިދިއްޖެ އެވެ. މިދިޔަ ހަފުތާގައި ހިނގި މި ހާދިސާގައި މި މީހާ ގެއަކަށް ވަގަށް ވަދެ އެ ގޭގެ ކޮޓަރިއަކަށް ވަންއިރު އެ ކޮޓަރީގެ އޭސީ ޖައްސާފައި ހުރުމުން ކޮޓަރިތެރެ ވަރަށް ފިންޏެވެ. އެހެންވެ އެ މީހާއަށް ވީ އަރާމުން ނިދުނީ އެވެ.
ނިދާފައި އޮއްވާ އެ ކޮޓަރީގައި އުޅޭ މީހުންނަށް ހޭލެވި ވަގުކަލޭގެ ވަނީ އަތުލައިގެންފަ އެވެ.
ބާބޫ ނަމަކަށް ކިޔާ މީހާ ވައްކަން ކުރަން ވަނީ ޕެޓްރޯލުގެ ވިޔަފާރިކުރާ ވަރަށް މުއްސަނދި މީހެއްގެ ގެޔަށެވެ. މާސްކް އަޅައިގެން ހުރި މިމީހާ ވައްކަން ކުރަން ވަނުމުގެ ކުރިން ވަރަށް ރަނގަޅަށް އެ ގޭގެ ކަންތައްތައް ހުރީ ބަލާފަ އެވެ. އެ ގޭގެ ވެރިމީހާ ކޮންމެ ދުވަހަކު އުޅޭ ނޫޅޭ ގޮތްތައް އެމީހާ ދުރާލާ ބަލައި ވައްކަން ކުރާނެ ގަޑިއާއި ވަގަށް ނަގަންވީ ތަކެތި ހުރި ތަންތަން ވެސް ކުރީބައިގައި އޮތީ ކަނޑައަޅާ ނިންމާފަ އެވެ.
އިންޑިޔާގެ މީޑިއާއިން ބުނެފައިވާ ގޮތުގައި ވައްކަން ކުރަން އެ ގެއަށް ވަންނަން ބާބޫ ގަސްތުކުރީ ސެޕްޓެމްބަރު 12 ވަނަ ދުވަހުގެ ރެ އެވެ. އެ ރޭ އިއްތިފާގުން އެ ގޭގެ ބޭރު ދޮރު ހުރީ ތަޅުވެސް ނުލަ އެވެ. ފަތިހު 4.00 ހާއިރު ބާބޫ އެ ގެއަށް ވަދެގެން ގޮސް ގޭގެ ވެރިމީހާ ސައްޓީ ވެންކަޓް ރެޑީ ނިދާ ކޮޓަރިއަށް ވަނެވެ.
ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހުން އާއްމުކޮށް އެމީހުންގެ ފައިސާ ބަހައްޓަނީ ތިޖޫރީގަ އެވެ. ނޫނީ ތަޅުލެވޭ އަލަމާރިއެއްގައި ރައްކާ ކޮށްފަ އެވެ. ނަމަވެސް ރެޑީ އެ ދުވަހު އޭނާގެ ހުރިހާ ފައިސާއެއް ބަހައްޓާފައި ހުރީ ނިދާ އެނދު ކައިރީގައި ހުރި ކުޑަ މޭޒެއް މަތީގަ އެވެ.
ނަމަވެސް ބާބޫ އަކީ ވައްކަން ކުރުމުގެ ތަޖުރިބާ އެހާ ބޮޑަށް ނެތް މީހަކަށް ވާތީ މިހާ ފަސޭހައިން ފައިސާތައް ވަގަށް ނެގޭނެ މަގު ފަހި ވެފައި ވިޔަސް އޭނާއަކަށް އެކަމެއް ނުކުރެވުނެވެ. އެ ކޮޓަރިއަށް ވަން ގޮތަށް އޭނާއަށް ނިދުނީ އެވެ.
ކުރިމަތީގައި ފައިސާތައް ހުއްޓާ ފެނުމުން ބާބޫ ގަސްތުކުރީ ކުޑަކުޑަކޮށް ނިދާލާފައި ތެދުވެ ފައިސާތައް ވަގަށް ނަގައިގެން ދާށެވެ. އެހެންވެ އޭނާ ގޭގެ ވެރިމީހާގެ އެނދު ތަންދޮށުގައި އޮށޯވެ ނިދީ ކަމަށް ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ އިންޑިއާގެ މީޑިއާ އިން ބުނެފައި ވެއެވެ.
"ބާބޫ އަހަރެމެންނަށް ދިން ބަޔާނުގައި ބުނެފައިވަނީ އެ ގެއަށް ވައްކަން ކުރަން ވަން އިރު އޭނާ ހުރީ ވަރަށް ވަރުބަލިވެފައި ކަމަށް. އެހެންވެ އެއާ ކޮންޑިޝަންގެ ފިނިކަން ލިބުމުން ނިދާނުލާ ނުހުރެވުނީ ކަމަށް،" ފުލުސް އޮފިޝަލް ބުންޏެވެ.
ކުޑަކުޑަ އިރުކޮޅަކު ޕަވާ ނެޕެއް ނަގަން އުޅުނު ބާބޫއަށް އޭނާ ހީކުރި ވަރަށް ވުރެ ގިނައިރު ނިދުނީ އެވެ. އެހެންވެ ގޭގެ ވެރިމީހާ ރެޑީ ހޭލިއިރު ވެސް ބާބޫ އޮތީ ނިދާފަ އެވެ.
ބާބޫ އެނދު ތަންދޮށުގައި އޮތްކަން ގޭގެ ވެރިމީހާއަށް އެނގުނީ އޭނާ ގުގުރިދަމާ އަޑު އިވިގެނެވެ. ވަގުކަލޭގެ އެނދު ތަންދޮށުގައި އޮތްކަން އެނގުމުން ރެޑީ ކުރި ކަމަކީ ކޮޓަރިން ބޭރަށް ނުކުމެ ބޭރުން ކޮޓަރި ތަޅުލާފައި ފުލުހުންނަށް ގުޅީ އެވެ. ފުލުހުން ގޮސް ކޮޓަރި ހުޅުވަން ބެލިއިރު ބާބޫ އަށް ހޭލެވިގެން އޭނާ ހުރީ އަމިއްލައަށް އެތެރޭން ކޮޓަރި ތަޅުލައިގެންނެވެ. ބާބޫ ކޮޓަރީގެ ދޮރު ހުޅުވީ ފުލުހުން ވަރަށް ބާރަށް ގޮވައި ހަދައިގެން އިރުކޮޅެއް ފަހުންނެވެ.
ފުލުހުން ބުނި ގޮތުގައި ބާބޫ ވައްކަން ނުކުރިޔަސް ވައްކަން ކުރަން ގެއަކަށް ވަން ކަން އޭނާގެ މައްޗަށް ސާބިތުވާތީ އޭނާ ހައްޔަރު ކޮށްފައިވާ ކަމަށެވެ. ބާބޫ އަކީ ފޮނިކާއެއްޗެހި ވިއްކާ ފިހާރައެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި އޭނާ އެތައް ބަޔަކަށް ދަރާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ކޮރޯނާވައިރަހުގެ ބަލިމަޑުކަމާ ހެދި އިތުރަށް ދަރަނިވެރިވެ ފައިސާގެ ދަތިކަން ބޮޑުވެގެން ވައްކަން ކުރަން ބާބޫ ގަސްތުކުރީ އެވެ.
ބާބޫގެ އާއިލާގެ މީހުންނާ ހަވާލާދީ ފުލުހުން ބުނީ ބާބޫ އަކީ ޕްރޮފެޝަނަލް ވަގެއް ނޫން ކަމަށެވެ. ހާލަތު ގޯސްވެގެން ވައްކަން ކުރަން އުޅުނީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ