އުމުރުން ހަގަސް ޕީޕީއެމްއަކީ އެންމެ ކާމިޔާބު ޕާޓީ: މައުމޫން

ޕީޕީއެމްއަކީ ހަގު ޕާޓީއެއް ނަމަވެސް، ޕާޓީވެގެން ގޮސްފައި ވަނީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު ޕާޓީއަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްއަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ނެރުއްވި ހިތޯބުގައި މައުމޫން ވިދާޅުވީ ޕީޕީއެމްއަކީ ރާއްޖޭގެ ތާރީހުގައި އެންމެ ކާމިޔާބު ޕާޓީކަން، ޕާޓީގެ ސައްހަ މެމްބަރުންގެ އަދަދަށް ބެލިކަމުގައިވިޔަސް ނުވަތަ ވޭތުވެދިޔަ މުއްދަތުގައި ޕާޓީން ވާދަކޮށް ކާމިޔާބުކޮށްފައިވާ އިންތިހާބުގެ އަދަދަށް ބެލިކަމުގައިވީ ނަމަވެސް އެކަން އިނގޭނެ ކަަމަށެވެ.
"ޕީޕީއެމްގެ ކޮންމެ މެމްބަރަކީ ޕާޓީީ އުފެދިފައިވާ މައިގަނޑު އަސާސްތަކުގެ މަތީ ދެމިތިބޭ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކަށް ތަބާވާ ޑިމޮކްރަސީގެ ހަމަތަކަށް ކަމޭހިތާ ރާއްޖޭގެ ގާނޫނުތަކަށާއި ޕާޓީގެ އުސޫލްތަކާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ވާންޖެހޭނެ،" މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.
މައުމޫން ވިދާޅުވީ ޕީޕީއެމްއަށް ހަތަރު އަހަރު ފުރޭ މުނާސަބަތާ ކުރިމަތިލާއިރު، ޕާޓީގެ މެމްބަރުންނަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހިތްދަތިކަމެއް ކުރިމަތިވެފައި ކަމަށެވެ. އެގޮތުން މިދިޔަ މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމިން އާއި އަނިބިކަނބަލުން ފާތިމަތު އިބްރާހީމް ދަތުރުފުޅު ކުރެއްވި ލޯންޗުކޮޅުގައި ބަޔަކު އެއްޗެއް ގޮއްވާލުމުގެ ސަބަބުން އަނބިކަނބަލުންގެ ހަށިކޮޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
"މިއީ ސީދާ ރައީސް ޔާމީން އަވަހާރަކޮށްލުމުގެ ނިޔަތުގައި ބަޔަކު ރޭވި ނުބައި ޖަރީމާއެއް. މި ޖަރިމާ ޕީޕީއެމްއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަން. އެކަން ރާވާ ހިންގި އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެސް ހައްގު އަދަބު ދިނުމަށް ގޮވާލަން،" ރައީސް މައުމޫންގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.
ހިތޯބު ނިންމާލައްވަމުން މައުމޫން ވަނީ ޕީޕީއެމްގެ އެންމެހާ މެމްބަރުން ރައީސް ޔާމިން އާއި ސަރުކާރާއެކު ސާބިތުވެ ތިބުމަށާއި ސަރުކާރުގެ ފަރާތުން އެދޭ ކޮންމެ ކަމެއްގައި ގާނޫނީ އިމުގެ ތެރެއިން އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ