"ޑްރަގް ޑީލަރު" ދޫކޮށްލުން ކޯޓުން ދިފާއުކޮށްފި
މަސްތުވާތަކެތީގެ ބޮޑު މައްސަލައެއްގައި އެންމެ އިސްކޮށް އުޅުނުކަމަށް ތުހުމަތުވާ މީހާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އެ ކޯޓުން ދިފާއުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓު އަދި މެރިން ޕޮލިސް ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ އަހަރުގެ މާޗް މަހުގެ 26 ވަނަ ދުވަހު "އިރުއަލި" ނަމަކަށް ކިޔާ މަސްދޯންޏަކުން 61.06 ކިލޯގެ ޑްރަގު އަތުލައިގަތް މައްސަލައި ގައި ތުހުމަތުވާ 11 މީހުންގެ މައްޗަށް ދައުވާކޮށް، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މަައްސަލަތައް ކްރިމިނަލް ކޯޓަށް ފޮނުވީ މޭ މަހު އެވެ. އެ މައްސަލައިގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ހިމެނެނީ، މަސް ދޯނިން ހައްޔަރު ކުރި ހަތް މީހަކާއި އެ މައްސަލައާއި ގުޅިގެން މާލެ އާއި ހުޅުމާލެއިން ހައްޔަރުކުރި ހަތަރު މީހެކެވެ. އެ އެންމެންނަކީވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހުންނެވެ. އެ މައްސަލާގައި ހައްޔަަރު ކުރި މީހުންނަކީ: މ. މުލި މުޝްތަރީގެ، މުހައްމަދު ރިޝްވާން އިބްރާހިމް މއ. ބޮއިލިންފިޝް، އަހްމަދު ވިސާމް މ. މާކޮޅު، މުހައްމަދު މާއިޝް މ. މުލި، ސޯސަންވިލާ، ހުސައިން ސުނާޒް ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު ހަމީދު މ. ކޮޅުފުށި، އޯޝަންވިއު، މުހައްމަދު މާއިދު ހުޅުމާލެ ފްލެޓް ނަންބަރު 6 ޖީ 4 ، އަހްމަދު ޝިފާޒް މއ. ބޯޅަކިންކިރިމާގެ، އަބްދުﷲ ޝާމް މ. މުލި، ހުދުފިނިފެންމާގެ، މުހައްމަދު ނަޝީދު މއ. ވިރާހް، މުހައްމަދު ޝާމިން މ. ކެޕްރިކޯން، ސައުދުﷲ ރަޝީދު މަސްތުވާތަކެތި އެތެރެކުރުމުގައި އެންމެ އިސްކޮށްހުރި ކަމަށް ތުހުމަތު ކުރަނީ މއ. ބޮއިލިންގފިޝް، އަހްމަދު ވިސާމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. ނަމަވެސް އޭނާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އޭނާ ދޫކޮށްލުމާ ގުޅޭގޮތުން ކޯޓުން ނެރުނު ސްޓޭޓުމެންޓުގައި ބުނީ ވިސާމްގެ ބަންދު މުރާޖައާ ކުރަން މިމަހުގެ 21 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި ކަމަށާއި އަޑުއެހުމުގައި ބަލި ހާލަތާއި ގުޅިގެން ޝަރީއަތުން ސުވާލުކުރުމުން ކަރެކްޝަނަލް ސާވިސްގެ ފަރާތުން އަޑުއެހުމަށް ހާޒިރުވެފައިވަނީ ޕޮލިހުގައި ހުރި ބައެއް މެޑިކަލް ޑޮކިއުމަންޓްސް ނުލާކަމަށް ބުނެފައިވާ ކަމަށެވެ. އެހެންކަމުން ޖެނުއަރީ 21 ވަނަ ދުވަހުގެ 12:00ގެ ކުރިން އެ ލިޔުންތައް ހުށަހެޅުމަށް ޕީޖީ އަށާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ޝަރީއަތުން އަންގާފައިވާ ކަމަށާއި ނަމަވެސް ކޯޓުގެ އެންގުމާ އެއްގޮތަށްލިޔުންތައް ހުށަހަޅާފައެއްނުވާތީ ޖެނުއަރީ 21 ވަނަ ދުވަހު އެ މައްސަލައިގެ އަޑުއެހުމެއް ބޭއްވިފައި ނުވާ ކަމަށް ކޯޓުން ބުނެފައިވެއެވެ. އަދި އެލިޔުންތައް ލިބިފައިވަނީ ހަފްތާ ބަންދު ތެރޭ ކަމަށާލިޔުންތައް ކޯޓަށް ލިބުމުން ޖެނުއަރީ 24 ވަނަ ދުވަހު އެމައްސަލައިގެ ބަންދު މުރާޖައަގެ އަޑުއެހުމެއް ބޭއްވި ކަމަށް ކޯޓުން ބުންޏެވެ. ބަންދު މުރާޖައާގެ އަޑުއެހުންތަކުގައި ވިސާމްގެ ފަރާތުން ދެ ކަމެއް ފާހަގަ ކުރި ކަމަށާއި އެގޮތުން އޭނާ އަކީ ކަކުލަށް ލިބިފައިވާ އަނިޔާ އަކާއި ގުޅިގެން ލިގަމެންޓު އިރައިގެންގޮސް އޮޕަރޭޝަނެއް ކުރަން ޖެހިފައިވާ މީހެއްކަން ޝަރީއަތަށް ލިބިފައިވާ ލިޔުންތަކުން އެނގޭ ކަމަށާއި ނަމަވެސް އެ އޮޕަރޭޝަނަކީ އާޖެންޓް އޮޕަރޭޝަނެއް ނޫން ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރަކާ ހަވާލާދީ ކަރެކްޝަންސް އިން ޝަރީއަތުގައި ބުނެފައިވާ ކަމަށް ކަމަށް ކޯޓުގެ ސްޓޭޓުމެންޓުގައި ބުންޏެވެ. އަދި މި ލިޔުންތައް ޑޮކްޓަރު ދޫކުރި ފަހުން ކަކުލަށް ތަދުވާކަމުގެ ޝަކުވާ ވިސާމް ކުރުމުން ކަރެކްޝަނަލް ސާވިސްގެ މެޑިކަލް ޑޮކްޓަރަކަށް ދެއްކުމުން ކަށީގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ރިފާ ކޮށްފައިވީ ނަމަވެސް ބަންދު މުރާޖައާ ކުރުމުގެ އަޑުއެހުން ބޭއްވި ދުވަހާއި ހަމަޔަށްވެސް ކަށީގެ ހާއްސަ ޑޮކްޓަރަކަށް ދައްކާފައިނުވާ ކަމަށާއި އެކަމާ ގުޅޭ ލިޔުންތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން އޭނާގެ ނަފްސާނީ ހާލަތާ ގުޅޭ ކަންތައްވެސް ވިސާމްގެ ފަރާތުން ޝަރީއަތުގެ އަޑުއެހުމުގައި ފާހަގަ ކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަރެކްޝަނަލް ސާވިސްގެ ޑޮކްޓަރަށް ދެއްކުމުން ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ދެއްކުމަށް ލިޔުއްވާފައިވާ ކަމަށާއި ނަމަވެސް ނަފްސާނީ ބަލިތަކާ ބެހޭ ޑޮކްޓަރަކަށް ވިސާމް ދައްކާފައިނުވާ ކަމަށް ކޯޓުން ވަނީ ބުނެފައެވެ. އެގޮތުން ކަރެކްޝަނަލް ސާވިސްގައި ހުންނަވާ ނަފްސާނީ ބަލިތަކުގެ ޑޮކްޓަރު ހުންނެވީ ޗުއްޓީގައި ކަމަށާއި އޭޑީކޭގައި އެވަގުތު ނަފްސާނީ ޑޮކްޓަރެއް ނެތްް ކަމަށާއި އައިޖީއެމްއެޗްގެ ނަފްސާނީ ހާއްސަ ޑޮކްޓަރަށް ދެއްކުމުގެ ކިޔު ވަރަށް ދިގު ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށް ޚޯޓުގެ ސްޓޭޓުމެންޓުގައި ވެއެވެ. އަދި ވިސާމް ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކޭނެ ދުވަހެއް ނޭނގޭ ކަމަށް ކަރެކްޝަންސް އިން ކޯޓުގައި ބުނެފައިވާ ކަންވެސް ފާހަގަ ކޮށްފައިވެއެވެ. ވިސާމްގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ އޭނާގެ ބަލި ހާލަތާއި ގުޅޭ ކަންކަމާ ގުޅިގެން ޕީޖީގެ ފަރާތުންވިދާޅުވަނީ ކީކޭތޯ ޝަރީއަތުން ސުވާލުކުރުމުން ވިސާމްގެ ބަލި ހާލަތާއި ގުޅިގެން އެއްވެސް ކަމެއް ފާހަގަކުރަން ނެތްކަމަށް ދައުލަތުން ބުނެފައި ވާކަމަށް ކޯޓުގެ ސްޓޭޓުމެންޓުގައި ވެއެވެ. ކޯޓުން ބުނެފައި ވަނީ ބަންދުން ދޫކޮށްލާފައިވަނީ ގިނަ ޝަރުތުތަކެއް ކޮށްފައި ކަމަށެވެ. ނަމަވެސް އެ ސްޓޭޓުމެންޓުގައި އެ ކަންތައް ފާހަގަ ކޮށްފައެއް ނުވެއެވެ. އެ މައްސަލަ ޕީޖީ އިން މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މައްސަލަ އިސްތިއުނާފު ކުރަން ނިންމާ ޕީޖީ އޮފީހުން އިއްޔެ ބުނީ ވިސާމްއަކީ މި ނެޓްވޯކްގެ އެންމެ އިސް ފަރާތްކަމަށާއި، މި ކުށުގެ އަމަލު ހިނގުމުގައި އެންމެ އިސްކޮށްހުރީ ވެސް އޭނާ ކަމަށް އިންޓެލިޖެންސްއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މައްސަލައިގައި ދެން ހިމެނޭ 10 މީހުންގެ މައްޗަށް ވިސާމްގެ އިތުރުން އުފުލާފައި ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. އެ 10 މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ގެއެއް ބަލާ ފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ފައިސާވެސް ފުލުހުން ހޯދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ