ރައީސް މައުމޫން މިސުރަށް ފުރާވަޑައިގެންފި
މިސުރުގައި ހޯމަ އަދި އަންގާރަ ދުވަހު އޮންނަ، ދީނީ ހައްދުފަހަނައެޅުންތަކާ ދެކޮޅަށް ބާއްވާ ބައިނަލްއަގުވާމީ ފަތުވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މިސުރަށް ފުރާވަޑައިގެންފި އެވެ. މިސުރުގެ އިސްލާމީ ފަތުވާ ދޭ މަރްކަޒު ދާރުލްއިފްތާއިން އިންތިޒާމްކޮށްގެން މި މަހު 17 ން 18 އަށް މިސުރުގެ ވެރިރަށް ގާހިރާގައި އޮންނަ ކޮންފަރެންސަށް ކުރީގެ ރައީސް މައުމޫނަށް ދައުވަތު ދެއްވާފައި ވަނީ މިސުރުގެ މުފްތީ ފަޟީލަތުއްޝައިޚް ޑޮކްޓަރު ޝައުޤީ އިބްރާހީމް ޢައްލާމް ކަމަށް މައުމޫންގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ ޖަލްސާއަކީ ދުނިޔޭގެ 50 އަށް ވުރެ ގިނަ ގައުމުތަކުގެ މަންދޫބުންނާއި ގިނަ ޢިލްމުވެރިން ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގްވާމީ އިސްލާމީ ޖަލްސާއެއް ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ. އެ ޖަލްސާގައި ރައީސް މައުމޫން ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ. އަދި އަންނަ އަންގާރަ ދުވަހު މިސުރުގެ ރައީސް ޢަބްދުލްފައްތާޙް އައްސީސީގެ އަރިހަށް، ރައީސް މައުމޫން އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މައުމޫންގެ އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ