މެމްބަރު އާދިލްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލް ކުޑަކުއްޖަކާ ބެހުމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގެ އިސްތިއުނާފީ ޝަރީއަތް ހައި ކޯޓުގައި މިއަދު ފަށައިފި އެވެ.
އާދިލްގެ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރީ އޭނާގެ މައްޗަށް އުފުލި އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
އެ މައްސަލައަކީ ބަދު އަޚުލާގީ މައްސަލައަކަށްވާތީ ހައި ކޯޓުގެ މިއަދު ޝަރީއަތް ކުރިއަށްގެންދިޔައީ އާންމުންނަށް ބަންދުކޮށްގެންނެވެ. ގާނޫނު އަސާސީ ބުނާ ގޮތުން އާންމު އިޖްތިމާއީ މިންގަނޑު ހިފެހެއްޓުމުގެ ގޮތުން ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބުނު ފަރާތުގެ މަސްލަހަތު ރައްކާތެރިކުރުމުގެ ގޮތުން ޝަރީއަތެއް ނުވަތަ ޝަރީއަތުގެ ވަކި ބައެއް އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ގެންދިއުމުގެ ބާރު އެ މައްސަލައެއް ބަލާ ފަނޑިޔާރަށް ލިބިގެންވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ އޮފިޝަލަކު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ދައުލަތުން އިސްތިއުނާފް ނުކުތާތައް އިއްވުމުން އެ އަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އާދިލްގެ ފަރާތުން އެދުމުން އެ ފުރުސަތު ޝަރީއަތުން ދީފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގައި އިތުރު އަޑުއެހުމެއް ބޭއްވޭނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނަނީ ގާނޫނުގައި ބުނާ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާތީ އާދިލްގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށެވެ.
އާދިލްގެ މައްޗަށް ދައުވާކުރަނީ ކުޑަކުދިންނާ އެކު ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލުކުރުގެ ގާނޫނުގެ ދަށުންނެވެ.
އާދިލްގެ މައްޗަށް އެ ކުށް ސާބިތުވެއްޖެ ނަމަ އޭނާ 10 އަހަރާއި 14 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ހުކުމްކުރާނެ އެވެ. އެހެންވެއްޖެ ނަމަ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުން ވަކިވާނެ އެވެ.
އެމްޑީޕީގައި ހުންނެވުމަށް ފަހު އާދިލް މިހާރު ވަނީ ޖުމްހޫރީ ޕާޓީ އަށް ބަދަލުވެވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ