މީހުން މަރަނީ ގޭންގަތަކުން ކަމަށާއި މީހުން މެރުން ހުއްޓުވޭނީ ސިޔާސީ ލީޑަރުން ގޭންގުތަކުގެ ބޭނުން ހިފުން ހުއްޓާލުމުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
ޢުމަރު ނަޞީރު ވިދާޅުވީ ރާއްޖޭގައި އިދިކޮޅު ފަރާތްތަކުންވެސް އަދި ސަރުކާރުތަކުންވެސް ދަނީ ގޭންގްތަކުގެ ބޭނުން ހިފަމުން ކަމަށެވެ. އެކަން އެގޮތަށް ކުރެވެމުން އަންހައި ދުވަހަކު މީހުން މެރުން ނުހުއްޓުވޭނެ ކަމަށެވެ.
ޢުމަރު ނަޞީރު ވިދާޅުވީ މީހުން މެރުން ހުއްޓުވުމަކީ ހަމައެކަނި ފުލުހުންނަށްވެސް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކާއި އިދާރާތައް ގުޅިގެން މަސައްކަތްކޮށްގެން ނޫނީ މީހުން މެރުން ނުހުއްޓުވޭނެ ކަމަށެވެ.
ޢުމަރު ނަޞީރު ވިދާޅުވީ ޑރ. އަފްރާޝީމާއި އަދި ޔާމީން ރަޝީދު މަރައިލެވުނީ ވެސް އެއްގޮތަކަށް ކަމަށާއި ރިޟްވާން ގެއްލިފައިވަނީވެސް ހަމަ އެއްގޮތަކަށް ކަމަށެވެ. އަދި މި 3 މީހުންނަކީވެސް ބައަކު ރުޅިގަދަވެގެން މަރަންޖެހޭ ފަދަ ކަންތައްތަކެއް ކޮށްފައިވާ ބައެއް ނޫން ކަމަށެވެ.
އުމަރު ނަޞީރު ވިދާޅުވީ ގޭންގުތައް ހުއްޓުވުމަކީ ހަމަ އެންމެ 6 މަސް ދުވަހުން ކުރެވޭނެ ކަމެއް ކަމަށާއި ހަމައެކަނި ބޭނުންވަނީ އެކަމަށް ތެދުވެރިކަމާއިއެކު އަޒުމް ކަނޑައަޅައިގެން ރޭވުންތެރިކަމާއިއެކު މަސައްކަތްކުރުން ކަމަށެވެ.
ހޯމް މިނިސްޓަރުކަމުގައި ހުންނެވިއިރުވެސް އުމަރު ނަޞީރު ވަނީ ހަމަ މިމޭރުމުން އެތައް ފަހަރަކު ވާހަކަފުޅު ދައްކަވައިފައެވެ. އުމަރު ނަޞީރު ވިދާޅުވީ ގޭންގުތަކުގައި އުޅެނީ "ޒުވާނުން" ކަމަށް ބަލައި އެމީހުން ކުރަން ބޭނުންހައި ކަމެއް ކުރަން ހިތްވަރުދީގެން ޒުވާނުން އިޞްލާޙް ނުކުރެވޭނެ ކަމަށެވެ. ޒުވާނުންނަށް ފައިދާކުރާނީވެސް އެމީހުން ކުށުގެ ވެށިން ދުރުކޮށް އިޞްލާޙްކުރަން މަސައްކަތްކޮށްގެން ކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއް ކަމަށެވެ.
މީހުން މެރުން ހުއްޓުވޭނީ ސިޔާސީ ލީޑަރުން ގޭންގުތަކުގެ ބޭނުން ހިފުން ހުއްޓާލުމުން: އުމަރު ނަޞީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ