ބިލްތައް މެމްބަރުން ރަނގަޅަކަށް ނުކިޔާ: މެމްބަރު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގައި ގާނޫނުތައް ހަދަމުންދާއިރު މެމްބަރުން ރަނގަޅަށް އެ ބިލްތައް ވިދާޅުނުވާ ކަމަށާއި އޭގެ ސަބަބުން ފަހުން މައްސަލަތައް ނުކުންނަ ކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލްގައި މައްސަލަތަކެއް ހުރުމުން، ރައީސް މުހައްމަދު ވަހީދު އެ ބިލް އަނބުރާ ފޮނުވާލެއްވުމާ ގުޅިގެން، މިއަދު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ބިލްތައް ހަދަނީ އެ ދުވަހެއްގެ "މޫޑް" ހުންނަ ގޮތަކަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ބިލްތައް ކޮމެޓީގައި ހަދާއިރު ދުވަހަކު ވެސް އެ ރަނގަޅަކަށް ކިޔައިގެނެއް ނޫން މި އާދެވެނީކީއެއް. އެ ދުވަހަކު އައިސްފައި އެ ދުވަހަކު މޫޑް ހުރި ގޮތަކަށް، ތަންކޮޅާ ކުޅެލާފައި ނިންމާލަނީ. ނިންމާލާފައި ބަރިއަކަށް މިތަނަށް ބިލްތައް ފޮނުވާލީމާ އަޅުގަނޑުމެން ދެން ވެސް މިތަނަށް [މަޖިލީހުގެ ތަޅުމަށް] އައީމަކާ އެއްގޮތަކަށް ވެސް އެއެއް ނުބަލަން. ދެން އެ ތަސްދީގު ކުރަން ފޮނުވީމަ، މައްސަލަ ޖެހުނީމަ މި އަންނަނީ. މިއީ ހަމަ އެ ގޮތަށް އައި ލާމަސީލު ބިލެއް،" ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލް ތައްޔާރުކޮށްފައިވާ ގޮތަށް ފާޑު ވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބިލްތައް، "ކޮށައި މަށާއިރު" ކޮންމެ ދުވަހެއްގައި އެ ގަޑިއަކަށް މެމްބަރުން ވަޑައިގެން "އެ ވަގުތަކު ފެންނަ ތަންކޮޅަކާ ކުޅެލާފައި" ބިލްތައް އަވަހަށް ނިންމާލާފައި ފޮނުވާލެއްވުމުން "ލަނޑު ލިބޭ" ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް، ބިލަކީ ވަކި ސިޔާސަތުތަކެއް ލާމެހި ދާ ގޮތަށް އެއް ރޮއްޖަކުން ވިޔެފައި އޮންނަ އެއްޗެކޭ. އޭގެ ތަންތަންކޮޅާ ކުޅޭއިރުގައި މުޅި އަސަރު ކުރާނެއޭ މުޅި ބިލަށް،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލް ތައްޔާރުކޮށްފައި ވަނީ 10 ޕަސެންޓްގެ ވިތު ހޯލްޑިން ޓެކްސް މީރާ އަށް ދައްކަން ޖެހޭ ގޮތަށް ކަމަށެވެ. އެކަމަށް އުސޫލުތަކެއް، ޝަރުތުތަކެއް ވެސް ބިލްގައި ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ދެން އެ ނަގަންވާ މާއްދާ، ނަގާނީ 10 ޕަސެންޓޭ ބުނާ ތަންކޮޅު، ސުން ޕަސެންޓަށް ހަދާލީމާ، އެއް ދުވަހު އައިސްފައި މޮޅު ހިޔާލެއްގައި، މި ތަންކޮޅު ސުން ޕަސެންޓަށް ހަދާލާނީއޭ. ދެން ހަދާލާއިރު މުޅި ބިލްގައި ހުރި ވިތު ހޯލްޑިންއާ ބެހޭ ހުރިހާ ބައެއް، އެ އޮތްގެން ފެން ވެގެން ދިޔައީ،" ނަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމެޓީން ބިލްތައް ނިންމާފައި މަޖިލީހަށް ފޮނުވުމުގެ ކުރިން ވެސް، ކަނޑައެޅިގެން ތައާރަޒުކަން އެނގޭ ކަންކަން މަޖިލީހުގެ ގާނޫނީ ޓީމަކުން ބެލުމަށް ފަހު އަންގަވާ ނަމަ ވެސް، ކޮންމެވެސް މެމްބަރެއްގެ އިސްލާހަކުން ރަނގަޅު ކުރެވޭނެ ކަމަށެވެ. އަދި ބިލެއް މަޖިލީހުން ފާސްވެ ތަސްދީގު ކުރުމުގެ ކުރިން ވެސް، އެފަދަ ތައާރަޒެއް ފާހަގަކުރެއްވޭނެ ނަމަ އެ ބިލެއް ރިޔާސަތުން ވެސް އަނބުރާ ގެންނެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"މިހާ ފެންވަރު ދަށް ބިލް ފޮނުއްވައިގެން މި ސަކަރާތް ގަތުމަށް ވުރެ މާ ރަނގަޅުވާނެއޭ އަޅުގަނޑުމެން ޕްރިވެންޓިވް މެކޭނިޒަމެއް ގެންގުޅުނިއްޔާ،" ނަޝީދު ވިދާޅުވި އެވެ.
އޭނާގެ އެ ވާހަކަތަކަށް ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ޖަވާބު ދެއްވި އެވެ. ޝާހިދު ވިދާޅުވީ ނަޝީދު އެ ފާހަގަކުރައްވާ ޕްރިވެންޓިވް މެކޭނިޒަމް މަޖިލީހުގެ ގަވާއިދުގައި ހިމެނުމުން ރިޔާސަތުން އެއަށް އަމަލުކުރައްވާނެ ކަމަށެވެ.
"މަޖިލީހުން ކަމެއް ފާސްކުރެއްވުމުން އަލުން އެކަމެއް މަޖިލީހުގެ ތަޅުމަށް ގެނައުން އެއީ މަޖިލީހުގެ ގަވާއިދުގެ ތެރެއިން އަޅުގަނޑު މިވަގުތު ދޭނެ ފަރުސަތެއް ނޫން،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު އެހެން ވިދާޅުވުމުން ނަޝީދު އަޑުގަދަ ކުރައްވައި އެއަށް ޖަވާބު ދެއްވި އެވެ. އެކަމަކު ރިޔާސަތުން ނަޝީދަށް އިތުރަށް ވާހަކަ ދައްކަވަން ފުރުސަތެއް ނުދެއްވަ އެވެ.
ނަޝީދުގެ ވާހަކަތަކަށް މަޖިލީހުގެ ބައެއް އެހެން މެމްބަރުން ވެސް ޖަވާބު ދެއްވި އެވެ. ކެލާ ދާއިރާގެ ޑީއާރުޕީ މެމްބަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ވިތު ހޯލްޑިން ޓެކްސް ސުން ޕަސެންޓަށް ހަދަން ނިންމާފައި ވަނީ މީރާގެ ލަފާގެ މަތިން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރީ ޓެކްސް ނިޒާމު ފުރިހަމަ ކުރުމަށްޓަކައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދި އަޅުގަނޑުމެން ޓެކްސްއެއް ނަގާ ވަގުތަކީ، މުޅި ޓެކްސްއާ ބެހޭ ހުރިހާ އެންމެންގެ ދިޔަ ހުސްވަންދެން، ދިޔަ ފެލާލަން ޖެހޭ ކަމަކަށް ނުވާތީ. ވިތް ހޯލްޑިން ޓެކްސް ނެގުމުން އެންމެ ބޮޑަށް އަސަރުކުރާ ފަތުރުވެރިކަމުގެ ދާއިރާގެ މަޓީ ފަދަ ތަންތަނާ މަޝްވަރާ ކުރުމަށް ފަހު، ވިތު ހޯލްޑިން ޓެކްސް މިވަގުތު ނެގުމަކީ ރާއްޖޭގެ ވިޔަފާރީގެ މާހައުލަށް ބަރުދާސްތު ނުކުރެވޭ ވަރުގެ ބޮޑު ބުރައަކަށް ވާނެތީ ސުން ޕަސެންޓުގައި ބާއްވަން ނިންމީ،" ޑރ. މައުސޫމް ވިދާޅުވި އެވެ.
މާވަށު ދާއިރާގެ މެމްބަރު އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ކޮމެޓީތަކަށް މެމްބަރުން ވަޑައިގެން "ލަފްޒެއް ބަދަލުކޮށްލާ އުސޫލު" އެއީ މަޖިލީހުގައި ހިނގާ ކަމެއް ނޫން ކަމަށެވެ. އަދި ފަންނީ ބިލްތައް ކޮމެޓީ އަށް ފޮނުވުމުން އެ ބިލަކާ ގުޅޭ މުއައްސަސާ ނުވަތަ ފަންނީ ބޭފުޅުން އެ ބިލަކާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ދަންނަވާ ކަމަށް ވެސް އަޒީޒް ވިދާޅުވި އެވެ. އަދި ބިލްތައް ތައްޔާރުކުރައްވަނީ އެފަދަ ފަރާތްތަކުން ދެއްވާ ލަފައާ އެކު ވަރަށް ފަރުވާތެރިކަމާ އެކު "ހަމަ ޖުމްލައިން ޖުމްލައިން ކިޔައިގެން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީހަކު [ކޮމެޓީ އަށް] ވަދެލާފައި ހަމަ ތަންކޮޅެއް ބަދަލުކުރާ އުސޫލަކުން އަޅުގަނޑު ހިތުން މިތަނުގެ އެއްވެސް މަސައްކަތެއް ހިނގަމުންދާ ނަމަ މި ބިލްތައް ފާސްކުރުން ލަސްވާނެ އެއްވެސް ސަބަބެއް ނެތް. ބިލްތައް ފާސްވުން ލަސްވާ ސަބަބަކީ ވެސް ގިނަ ބިލްތަކަކީ ވަރަށް ފަންނީ، ވަރަށް އިލްމީ ބިލްތަކަކަށް ވާތީވެ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުންނަކީ ހުރިހާ ދާއިރާއަކަށް އަހުލުވެރިވާ ބޭފުޅުންނަށް ނުވާތީވެ، އެކި ދާއިރާގެ އިލްމީ އަދި ތަޖުރިބާކާރު ބޭފުޅުންގެ ލަފާފުޅު ހޯއްދަވައިގެން، ގާނޫނީ މަޝްވަރާ ހޯއްދަވައިގެން ކުރިއަށް ވަޑައިގަންނަވަން ޖެހޭތީވެ،" އަޒީޒް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ