އިއްޔެގެ ވޯޓަކީ ގާނޫނީ ހައިސިއްޔަތެއް ނެތް ބާތިލްވޯޓެއް: މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު އޮތްކަމަށް ފާސްކޮށް އިއްޔެ ނެގުނު ވޯޓަކީ ގާނޫނާއި ގަވާއިދާ ޚިލާފަށް ނެގުނު އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ބާތިލް ވޯޓެއްކަމުގައި ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެއިން ގަބޫލު ކުރާނެކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކްފާނުގެ އޮފީހުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
މައުމޫން ވިދާޅުވީ މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީއާއި ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން، އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ އެއްގޮތްވާގޮތުގެ މަތީން ޒިންމާދާރު ކަމާއެކު ރައްޔިތުންގެ މަޖިލީހުގެ ވާޖިބުތައް އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާސިމް އިބްރާހީމް އާއި، އަލްއުސްތާޛް މުހައްމަދު ވަހީދު އިބްރާހީމް އާއި، އިބްރާހީމް މުހައްމަދު ސޯލިހާއި، ފާރިސް މައުމޫން އަދި އަލްއުސްތާޒާ އަނަރާ ނައީމްގެ އިސްނެންގެވުމާއެކު ގައުމުގެ ކަންތައްތައް އިސްލާހު ކުރުމަށް ލޯބި ކުރައްވާ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އިއްޔެ ކުރެއްވި މިންނެތް މަސައްކަތްޕުޅަށްޓަކާ، އެހުރިހާ މެންބަރުންނަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރުދަންނަވައި، އައްސަރިބަހާއި ސާބަސް ރައްދުކުރާކަމަށެވެ.
އަދި އެ މެންބަރުން ކުރެއްވި އަގުހުރި މަސައްކަތްޕުޅުން ގައުމުގެ ކަންތައްތައް އިސްލާހުކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވަރަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެކަމުގައި އެމަނިކުފާނު ގަބޫލުކުރާކަމަށާ އެމެންބަރުން ތިޔަކުރެއްވި އިޚްލާސްތެރި މަސައްކަތްޕުޅަކީ ކާމިޔާބު މަސައްކަތްޕުޅެއް ކަމުގައި ވެގެންދިޔައީ، އެ މަސައްކަތްޕުޅުގެ ސަބަބުން، ރައްޔިތުން މަޖިލީހުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން އިއްޔެގެ ޖަލްސާގައި މިނިވަން ވޯޓެއް ނެގުމަށް ސަރުކާރުން ޖެހިލުންވީތަން ފެނިގެންދިޔަކަމަށެވެ.
އަދި ގާނޫނު އަސާސީއާއި ޑިމޮކްރެޓިކް ހަމަތަކާއި ރައްޔިތުން މަޖިލީހުގެ ގަވާއިދާ ޚިލާފަށް ސިފައިން މެދުވެރިކޮށްގެން ގަދަބާރުން އިސްލާހަށް މަސައްކަތްކުރައްވާ، މެންބަރުންތައް ޖަލްސާއިން ބޭރުކޮށް، ދެން ތިއްބެވި މެންބަރުންނަށް ބިރުދެއްކުމުގެ ގޮތުން ވަކިވަކިން އަހައިގެން ވޯޓު ނަގައިފައިވާކަމަށް މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ގާނޫނާއި ގަވާއިދާ ޚިލާފަށް އެ ނެގުނު ވޯޓަކީ، އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނެތް ބާތިލް ވޯޓެއްކަމުގައި ދިވެހި ރައްޔިތުންނާއި މުޅި ދުނިޔެއިން ގަބޫލު ކުރާނެކަމަށެވެ. އަދި ގައުމުގެ ކަންކަން އިސްލާހުކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަމަ މަގަށް އެޅުވުމަށްޓަކައި މެންބަރުން ކުރައްވާ ގައުމީ މަސައްކަތް އިތުރު ހިއްވަރަކާއި ވަރުގަދަ އަޒުމަކާއެކު ކުރިއަށް ގެންދެވުން ވަރަށް މުހިންމުކަމަށްވެސް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ