މައުމޫން ހުންނެވީ ސާބިތުކަމާއެކު، ހިލިހިލާ ޖެހިޔަސް ނަފްސު ވިއްކައެއް ނުލާނެ: ވަކީލް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގޭބަންދުގައި ހުންނަވަން ފުރުސަތު ދެއްވި ކަމަށާއި އެ ފުރުސަތުގެ ބޭނުން އެމަނިކުފާނު ނުހިއްޕެވީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވުމުން ރައީސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ރައްދުދެއްވައިފި އެވެ.
ރައީސް މައުމޫނާއި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދު ރައީސް ޔާމީންގެ ވާހަކަފުޅަށް ރައްދުދެއްވާފައިވާ އޭނާ ކުރައްވާފައިވާ ހަތަރު ޓްވީޓެއްގަ އެވެ.
ވަކީލް މައުމޫން ހަމީދު ކުރެއްވި ޓްވީޓްތަކުގެ ތެރެއިން ޓްވީޓެއްގައި ވިދާޅުވީ ރައީސް މައުމޫން ދޫނިދޫ ޖަލުގައި ހުންނަވަނިކޮށް ރައީސް ޔާމީން ފޮނުއްވައިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު، ރައީސް މައުމޫނާ ބައްދަލުކުރައްވާ "ރައީސް އެދިވަޑައިގަންނަވަނީ އެއްބާރުލުން ދެއްވުމަށް" ކަމަށް ދެންނެވި ކަމަށެވެ. އޭގެ ޖަވާބުގައި "އެއްބާރުލުން ދިނުމަކީ ނުކުރާ ކަމަކަށް އެއްބަސްވުން ކަމަށް ވަންޏާ އެކަމެއް ނުކޮށްދެވޭނެ" ކަމަށް ރައީސް މައުމޫން ދެންނެވި ކަމަށްވެސް ވިދާޅުވި އެވެ.
މައުމޫން ހަމީދު ވިދާޅުވީ ރައީސް މައުމޫނަށް ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައިވަނީ އަމިއްލަ މަސްލަހަތާއި އާއިލީ ގުޅުމަށްވުރެ ގައުމުގެ މަސްލަހަތު އިސްކުރެއްވުމުން ބާރުގައި ތިބި މީހުންނަށް އެކަން ހަޖަމްނުކުރެވިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ