މެމްބަރު އާދިލުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ހަސަން އާދިލުގެ މައްޗަށް ދައުލަތުން ކުޅަ ކުޑަ ކުއްޖަކާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ދައުވާ ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި އާދިލުގެ މައްސަލަ އިސްތިއުނާފުކޮށްފައިވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުއެވެ. އަދި މައްސަލަ ހައިކޯޓުން ބަލައިގަތްކަން ވެސް މިހާރުވަނީ އަންގާފައެވެ.
އާދިލުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ދައުވާ ސާބިތު ކުރުމަށް ބޭނުންވާ ވަރަށް ދައުލަތުން ހެކި ހުށަހެޅިފައި ނުވާތީ ކަމަށް ބުނެއެވެ.
އާދިލުގެ މައްޗަށް އެމައްސަލަ ސާބިތު ވެއްޖެ ނަމަ ކުޑަކުދިންނާ މެދު ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން 10 އަހަރާ 14 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމް އިއްވާނެއެވެ.
ގައުމީ ޕާޓީގައި ހުންނެވުމަށްފަހު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި އާދިލުވަނީ ސަރުކާރު ބަދަލުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖުމްހޫރީ ޕާޓީއަށް ބަދަލުވެވަޑައިގަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ