ދެ އަހަރު ތެރޭ ކޮންމެ ދިމާލަކުން ވެސް ފެންނަނީ އުފާވެރި މަންޒަރުތަކެއް: މައުމޫން
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިއަދު ދެ އަހަރު ފުރޭއިރު ރާއްޖޭގެ ކޮންމެ ރޮނގަކުން، ކޮންމެ ދިމާލަކަށް ބަލާލިއަސް ފެންނަނީ އުފާވެރި މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ. ސަރުކާރަށް ދެ އަަހަރު ފުރުމާ ގުޅިގެން ތަހުނިޔާ ފޮނުއްވައި ނެރުއްވި ބަޔާނުގައި މައުމޫން ވިދާޅުވީ ޕީޕީއެމަށް ނިސްބަތްވާ ސަރުކާރުން ދެ އަހަރު ތެރޭ ފެންނަނީ އެކި ދާއިރާތަކުން އިތުރަށް ތަރައްގީ ހާސިލްކުރާ މަންޒަރުތައް ކަމަށެވެ. އެ ތަރައްގީ ހޯދައިދެއްވާއިރު، ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާނެ ކަން ޔަގީންކޮށްދޭ ޕީޕީއެމްގެ މެނިފެސްޓޯއާ އެކު ކަން ވެސް މައުމޫން ފާހަގަކުރެއްވި އެވެ. "އެއީ މި ޕާޓީގެ ރިޔާސީ މެނިފެސްޓޯ އެވެ. އަދި އެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުުކުރެއްވުމަށްޓަކައި އެމަނިކުފާނު ރެ އާއި ދުވާލު ކެނޑިނޭޅި ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާތީ މި ޕާޓީގެ އެންމެހާ މެމްބަރުންގެ ނަންފުޅުގައި އެމަނިކުފާނަށް ޝުކުރު ދަންނަވަމެވެ،" ބަޔާނުގައި މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފަސޭހަކަމާ އެކު ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމުގައި ރައީސް ޔާމީންގެ ސަރުކާރުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައި ކަަަމަށެވެ. އަދި އެ މަސައްކަތްތަކުގެ ކާމިޔާބީ ވެސް ހާސިލްކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ޔާމީން ރައްޔިތުންނަށްޓަަކައި ކޮށްދެއްވާ ކޮންމެ ކަމެއްގައި ވެސް އެމަނިކުފާނާއި ޕީޕީއެމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މައުމޫން ވަނީ ދެއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ