މޫސުން ގޯސްވުމުން، އަވިން ދުއްވާ ބޯޓު ޖަޕާނަށް ޖައްސައިފި

ޝެންހާއީ (ޖޫން 1) - ތެލުގެ ބަދަލުގައި އަވިން ލިބޭ ހަކަތައިން ދުއްވާ މަތިންދާބޯޓު ދުނިޔެ ވަށައި ބުރެއް ޖެހުމަށް ކުރާ ތަރީހީ ދަތުރުގައި ޕެސިފިކް ކަނޑު ހުރަސް ކުރުމުގެ އުނދަގޫ ދަތުރު ފެށުމަށް ފަހު މޫސުން ގޯސްވުމުން ޖަޕާނުގެ ނަގޯޔާ އަށް މިއަދު ޖައްސައިފި އެވެ. "ބޯޓު ޗައިނާ އިން ފުރިއިރު ޕެސިފިކުގެ މޫސުން ވަރަށް ރީތި. ނަމަވެސް މޫސުން ގޯސްވުމުން ޖަޕާނަށް ޖައްސަން ނިންމީ،" ބޯޓުގެ ދަތުރުގައި ބައިވެރިވާ އަނެއް ޕައިލެޓް ބާޓްރޭންޑް ޕިކާޑް ބުންޏެވެ. "އެންމެ ރައްކާތެރި ގޮތަކީ ޖަޕާނުގައި މަޑު ކުރުމަށް ފަހު މޫސުން ރަނގަޅުވުމުން ފުރުން." ބޯޓުގެ ހަތް ވަނަ ލެގުގެ ދަތުރު ފުރިހަމަ ކުރަން ހަމަޖެހިފައި އޮތީ ޗައިނާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ނަންޖިން އިން ފުރައިގެން އެމެރިކާގެ ރަށެއް ކަމަށްވާ ހަވާއީ އަށެވެ. ކަނޑު ހުރަސްކޮށް ކުރާ 8،500 ކިލޯމީޓަރު (5،270 މޭލު) ގެ ދަތުރުގައި ހަ ދުވަހާއި ހަ ރޭ ހޭދަވާނެ އެވެ. ބޯޓުގެ ދަތުރުގެ މި ލެގުގައި ޕައިލެޓްކަން ކުރާނީ އުމުރުން 62 އަހަރުގެ ސްވިޒަލެންޑުގެ އަންދަރު ބޯޝްބާގެވެ. ބޯޓުގެ އަނެއް ޕައިލެޓަކީ ޕިކާޑް އެވެ. ބޯޓު ދުއްވެނީ ފަަހަރަކު މީހަކަށެވެ. ޕެސިފިކް ކަނޑު މަތިން ބޯޓު ދުއްވާނީ 28،000 ފޫޓް އުހުންނެވެ. ބޯޓަށް މައްސަލައެއް ދިމާވެއްޖެ ނަމަ ޕައިލެޓް ސަލާމަތް ކުރުމަށް ރެސްކިއު ޓީމުތައް ވަނީ ތައްޔާރުވެފަ އެވެ. ނަމަވެސް ބޯޓާ އެކު އެއްވެސް އުޅަނދެއް ދަތުރެއް ނުކުރާނެ އެވެ. އަވިން ދުއްވާ ބޯޓު ޗައިނާގެ ނަންޖިން އިން ފުރުމުގެ ކުރިން ޕައިލެޓުގެ ޕާސްޕޯޓް ޗެކްކުރަނީ. --ފޮޓޯ:އޭއެފްޕީ ޕެސިފިކް ހުރަސް ކުރުމުގެ ދަތުރަށް ބޯޓު ފެށީ ވެސް ޗައިނާގައި ދެ މަސް ދުވަސް ހޭދަކުރުމަށް ފަހު، މޫސުމަށް ބެލުމަށް ފަހު އެވެ. މާޗު މަހު 9 ވަނަ ދުވަހު ދުނިޔެ ވަށާ ބުރު ޖެހުމުގެ ދަތުރު ޔޫއޭއީގެ އަބޫދާބީން ފެށި މަތިންދާ ބޯޓު ފުރަތަމަ ދަތުރުކުރީ ޔޫއޭއީން އޮމާނަށެވެ. ދެން ދިޔައީ އިންޑިއާ އަށެވެ. އަދި އެ ގައުމުން ފުރައިގެން މިއަންމާ އަށް ދިއުމަށް ފަހު ޗައިނާ އަށް ދިޔައީ މާޗް 31 ގަ އެވެ. އަވިން ދުއްވާ މަތިންދާ ބޯޓު ޗައިނާގެ އެހެން ރަށެއް ކަަމަށްވާ ޗޮންގިންގައި ޖައްސަނީ. ސޯލާ ހަަކަތައިން ދުއްވާ ބޯޓެއް ދުނިޔެ ވަށާ މިހާތަނަށް ބުރެއް ޖަަހައިފައެއް ނުވެ އެވެ. މި ބޯޓުގެ ތާރީހީ ދަތުރުގެ އެއް މަގުސަދަކީ ސާފު ހަކަތައާ މެދު އާންމުންގެ ހޭލުންތެރިކަން ބޮޑުކުރުމެވެ. އެ މަސައްކަތުގައި ބޯޓުގެ ޕައިލެޓުން ތަފާތު މެސެޖްތައް ފޯރުކޮށްދޭނެ އެވެ. ސޯލާ އިމްޕަލްސްގެ ދަތުރުގައި ދުނިޔެ ފަށާ 35،000 ކިލޯ މީޓަރު ދަތުރުކުރާނެ.މި ބޯޓު ފިޔަގަނޑުގެ ފުޅާ މިނުގައި 72 މީޓަރު (236 ފޫޓް) ހުރޭ.ބޯޓުގެ ފިޔަގަނޑު މަތީގައި ވަނީ 17،000 ސޯލާ ސެލް ހަރުކޮށްފައި.ބޯޓުގެ ސްޕީޑަކީ ގަޑިއަކު 50-100 ކިލޯ މީޓަރު.ޕައިލެޓަށް ނިދޭނީ 20 މިނިޓް.ތޭރަ އަހަރުގެ ދިރާސާ އަށް ފަހު ފަސް މަސް ދުވަހަށް ރާވާފައިވާ ބޯޓުގެ ދަތުރުތަކުގައި އެކި މަންޒިލްތަކުން ޕައިލެޓުން ބަަދަލު ކުރަމުން ގެންދާނެ އެވެ. ބޯޓުގެ ފަސް މަސް ދުވަހުގެ ދަތުރުގައި ފްލައިޓް ޓައިމް އަކީ 25 ދުވަހެވެ. ބޯޓު 12 ތަނެއްގައި މަޑުކުރާނެ އެވެ. އެންމެ ދިގު ވަގުތެއް ހޭދަވާނީ ވެސް ޕެސިފިކް ކަނޑު ހުރަސް ކުރާށެވެ. އަވިން ދުއްވާ ބޯޓު ޗައިނާގެ ނަންޖިން އިން ނައްޓާލަނީ. --ފޮޓޯ:އޭއެފްޕީ ސޯލާ އިމްޕަލްސްގެ ދަތުރުގައި ދުނިޔެ ފަށާ 35،000 ކިލޯ މީޓަރު ދަތުރުކުރާނެ އެވެ. މި ބޯޓު ފިޔަގަނޑުގެ ފުޅާ މިނުގައި 72 މީޓަރު (236 ފޫޓް) ހުރެ އެވެ. މިއީ 747 ގެ ޖަމްބޯ ޖެޓަކަށް ވުރެ ފުޅާ ބޯޓެކެވެ. ބަރުދަނުގައި ހުންނަނީ 2.3 ޓަނެވެ. މިއީ އާދައިގެ ކާރަކަށް ވުރެ ލުއި އެއްޗެކެވެ. އަދި މިއީ އޭ380 ގެ ބޯޓެއްގެ ބަރުދަނުގެ އެއް ޕަސެންޓެވެ. ބޯޓުގެ ފިޔަގަނޑު މަތީގައި ވަނީ 17،000 ސޯލާ ސެލް ހަރުކޮށްފަ އެވެ. އަދި ރޭގަނޑު ބޭނުން ކުރުމަށް ވަނީ އެނާޖީ މަތި ލިތިއަމް ބެޓަރީ ހަރުކޮށްފަ އެވެ. ޕެސިފިކާއި އެޓްލާންޓިކް ހުރަސްކުރާ އިރު ރޭގަނޑު ވެސް ބޯޓު ދުއްވަން ޖެހޭނެ އެވެ. އަވިން ދުއްވާ ބޯޓު ޗައިނާގެ ނަންޖިން އިން ނައްޓާލައިގެން ދަތުރުކުރަނީ. --ފޮޓޯ:އޭއެފްޕީ ބޯޓުގެ ސްޕީޑް ލަސްވުމުން ޕައިލެޓަށް ހޭލާ ހުންނަން މަޖުބޫރުވެ އެވެ. ބޯޓުގެ ސްޕީޑަކީ ގަޑިއަކު 50-100 ކިލޯ މީޓަރެވެ. ޕައިލެޓަށް ނިދޭނީ 20 މިނިޓު އެވެ. ނިދާ ވަގުތުގައި ބޯޓު ދުއްވާނީ އޮޓޯޕައިލެޓުގަ އެވެ. މި ވަގުތުގައި މުހިންމު ކަމެއް ދިމާވެއްޖެ ނަމަ ގްރައުންޑް ސްޓާފުންނަށް ޕައިލެޓް ހޭލައްވާލެވޭނެ އެވެ. ބޯޓުގެ ކޮކްޕިޓުގެ ޖާގަ ކުޑަވުމުން ހަށިގަނޑު ހަމައަކަށް އެޅުވުމަށް ޔޯގާ ފަދަ ކަސްރަތުތައް ކުރަން ޖެހެ އެވެ. ކޮކްޕިޓުގެ ޖާގައަކީ 3.8 ކިއުބިކް މީޓަރެެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ