ދުންޔާ އދ. ގެ އާންމު މަޖިލީހުގައި ދެއްވި ބަޔާނަށް ފަހުރުވެރިވަން: މައުމޫން

އދ.ގެ ޖެނެރަލް އެސެމްބްލީގައި ރާއްޖެ ތަމްސީލްކުރައްވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އިއްޔެ ދެއްވި ބަޔާނަށް ފަހުރުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ދުންޔާގެ ބައްޕާފުޅު މިއަދު ވިދާޅުވެއްޖެ އެވެ. އދ. ގައި ރާއްޖޭގެ ފަރާތުން ދުންޔާ ދެއްވި ބަޔާނާ ގުޅިގެން މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ވަރަށް ފުރިހަމަ ބަޔާނެއް ކަމަށާއި އެކަމަށްޓަކައި އެކަމަނާ އަށް މަރުހަބާ ދަންނަވާ ކަމަށެވެ. Congratulations Dunya on an excellent statement at UN General Assembly yesterday. Proud of you! pic.twitter.com/Kz34xcLSiO — Maumoon Abdul Gayoom (@maumoonagayoom) October 4, 2015 މައުމޫންގެ ޓްވީޓް އެނގިފައިވާ ގޮތުގައި އދ. ގެ އާންމު މަޖިލީހުގައި ދުންޔާ އިއްޔެ ދެއްވި ބަޔާނާ އެކު، އެކަމަނާ ވެފައި ވަނީ، އެތަނުގައި ރާއްޖެ ތަމްސީލް ކުރެއްވި ދެވަނަ އަންހެން ބޭފުޅާ އަށެވެ. އދ. ގެ އާންމު މަޖިލީހުގައި ރާއްޖެ ތަމްސީލް ކުރެއްވި ފުރަތަމަ އަންހެން ބޭފުޅަކީ ކުރީގެ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ އެވެ. ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފޮރިން މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ޝަކީލާ ރާއްޖެ ތަމްސީލްކުރެއްވީ އދ. ގެ 68 ވަނަ ބައްދަލުވުމުގަ އެވެ. ރާއްޖޭގެ ވެރިކަމުގައި ރައީސް މައުމޫން ހޭދަކުރެއްވި 30 އަހަރާ އެކު އެމަނިކުފާނަކީ އދ. ގެ ޖެނެރަލް އެސެމްބްލީގައި އެންމެ ގިނައިން ތަގުރީރުކުރެއްވި ރާއްޖޭގެ ސިޔާސީ ލީޑަރެވެ. އދ. ގެ ޖެނެރަލް އެސެމްބްލީގައި ވާހަކަ ދައްކަވަމުން ދުންޔާ އދ. އަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށް ގޮވާލައްވައިފައިވެ އެވެ. ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އާއި އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން މިދިޔަ ބުދަދުވަހު ބައްދަލުކުރައްވަނީ. -- ފޮޓޯ: ޔޫއެން އެކަމަނާ ވިދާޅުވީ އދ. ގެ ސަބަބުން މުޅި ދުނިޔެއަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. ކުރިއަށް އޮތް ތަނުގައި ވެސް އެ ބަދަލުތައް އެ ގޮތުގައި ދަމަހައްޓައި ކުރިއެރުން ހޯދުމަށް އެ ގައުމަކަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ރިއާޔަތްކޮށް ހައްލު ހޯދުމުގައި އދ. އިން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިނިސްޓަރު ވިދާޅުވީ އެކި ގައުމުތަކަށް ދިމާވަނީ އެކި މައްސަލަތައް ކަމަށެވެ. އެ މައްސަލަތައް ދެމެހެއްޓެނިވި ގޮތެއްގައި ހައްލުކުރުމަށް ހުރިހާ ގޮތަކުން ވެސް ބަލަން ޖެހޭ ކަމަށް ދުންޔާ ވިދާޅުވި އެވެ. އދ.ގެ އަހަރީ އާއްމު ޖަލްސާގެ ބައްދަލުވުމެއްގައި މިނިސްޓަރު ދުންޔާ އާއި އެންވަޔަރަމަންޓް މިނިސްޓަރު އަދި ރާއްޖެ އިން އދ. އަށް ކަނޑައަޅާފައިވާ މަންދޫބް ސަރީރް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ ޖެނެރަލް އެސެމްބްލީގައި ދުންޔާ ވާހަކަ ދެއްކެވި އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތާ ގުޅިގެން ރާއްޖެ އަށް ވަނީ ބޮޑެތި ޕްރެޝަރުތައް ކުރިމަތިވެފަ އެވެ. އަދި ނަޝީދުގެ ޝަރީއަތް ދިޔައީ ގާނޫނުތަކާ ހިލާފަށް ކަމަށް، އދ. ގެ ގްރޫޕަކުން ވަނީ ނިންމައިފަ އެވެ. ނޮވެމްބަރު 17، 2013 ގައި ރައީސް އަބްދުﷲ ޔާމީން ހުވާކުރެއްވުމާ އެކު ފޮރިިން މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ދުންޔާ ޑިޕްލޮމެޓިކް ދާއިރާއަށް ނުކުމެވަޑައިގަތީ 2007ގަ އެވެ. ފޮރިން މިނިސްޓްރީގައި ފުރަތަމަ އަދާކުރެއްވީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމެވެ. އޭގެ ފަހުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ދުންޔާ އައްޔަން ކުރެއްވީ ފެބްރުއަރީ 2012ގަ އެވެ. ޑިޕްލޮމެޓިކް ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ދުންޔާ އުޅުއްވީ ޔޫއެފްޕީއޭގަ އެވެ. އެގޮތުން 1998 އިން 2007އަށް އެކަމަނާ ވަނީ ޔޫއެފްޕީއޭގައި ގިނަ ހިދުމަތްތަކެއް ކުރައްވައިފަ އެވެ. ދުންޔާ އަކީ ފަހަކަށް އައިސް ރާއްޖެއަށް ބޭރުގެ އެކި ގައުމުތަކާއި ޖަމާއަތްތަކުން އެކި ފަހަރު ކުރިމަތިވި އެކި ގޮންޖެހުންތަކަށް ދިވެހި ސަރުކާރުގެ ފަރާތުން އިސްވެ ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދެވި ބޭފުޅާ ވެސް މެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ