"ފެނަކަ" އުފެއްދީ ކޮން ސަރުކާރެއްގައި ކަން އުމަރު ނަސީރަށް އޮޅިއްޖެ!

ކަރަންޓް ފޯރުކޮށްދޭ ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި ކަމަށްވާ "ފެނަކަ" އުފެއްދީ ކޮން ސަރުކާރެއްގައި ކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް އޮޅިއްޖެއެވެ.
އުމަރު ނަސީރު މިއަދު އޭނާގެ ޕަބްލިކް ވައިބާ ގްރޫޕްގައި ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަމުގައި ފެނަކަ އުފެއްދީ ސިޔާސީ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުމަށާއި އިންޖީންގެ ތަކަށް ތެޔޮ އެޅުމުގެ ވިޔަފާރި ސަޕޯޓަރުންނަށް ހޯދައި ދިނުމަށް ކަމަށެވެ.
އުމަރު ނަސީރު މިހެން ވިދާޅުވި ނަމަވެސް ފެނަކަ އުފެއްދީ ރައީސް ވަޙީދުގެ ވެރިކަމުގައި 2012 ވަނަ އަހަރުގެ ޖޫން 18 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ ޔުޓިލިޓީ ކުންފުނިތަކުންނެވެ.
އުމަރު މިއަދު ވައިބާގައި އާންމު ކުރި މެސެޖްގައި ވިދާޅުވެފައި ވަނީ މިސަރުކާރުން ވެސް ފެނަކަ ބޭނުން ކުރަމުން ދަނީ ރައީސް ނަޝީދުގެ ސަރުކާރުން ވެސް ފެނަކަ ބޭނުން ކުރި ގޮތައް ކަމަށެވެ.
އުމަރު ވިދާޅުވީ މިކަންކަމުގެ ހައްލަކީ އިންޖީނުގެތައް އަނބުރާ ރަށްރަށާއި ހަވާލުކޮށް ރައްޔިތުންގެ ކޯޕަރޭޓިވް އަކުން ހިންގާތަންތަން ކަމުގައި އިންޖީނުގެތައް ހެދުން ކަމަށެވެ.
"މީގެ ނަތީޖާ އަކަށް ވާނީ ހިންގުން ހަރުދަނާވެ ބޭކާރު ޚަރަދުތަކާއި ކޮރަޕްޝަން ކުޑަވެގެން ގޮސް ކަރަންޓް ބިލް ކުޑަވުމެވެ." އުމަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ