މީގެ ކުރީގެ ހައުސިން މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބިފައިވާ ދެމަފިރިންނަށް ވެސް މިދިޔަ ސަރުކާރުގައި ގޯއްޗާއި ފްލެޓު ދީފައިވާ ކަމަށް ވިދާޅުވެ، ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ހެއްދެވީ އިތުރުފުޅެއް ކަމަށް ހައުސިންގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ ހޯމަ ދުވަހު ހައުސިން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބު ވިދާޅުވި ގޮތުގައި، 'ގެދޮރުވެރިޔާ' ސްކީމުން 76 ޕޮއިންޓް ލިބިގެން އޭގެ ތެރެއިން 645 މީހުންނަށް ތިން ކޮޓަރީގެ ފްލެޓެއް ލިބުނެވެ. އެހެންކަމުން، މީގެ ކުރީގެ މަޝްރޫތަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް، މިހާރު ހިންގަމުން އަންނަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ވެސް ބޯހިޔާވަހިކަން ލިބިފައިވާ ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
މިއީ އެންމެ އިންސާފުވެރިގޮތަށް ނުވާތީ، އެ މީހުންނަށް ފްލެޓް ނުދީވޭތޯ ވަރަށް މަސައްކަތް ކުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ދެ ފަހަރެއްގެ މަތިން ގާނޫނީ ވަކީލުންނާ ބައްދަލުކުރައްވައި ގާނޫނީ ގޮތުން އެކަން ހުއްޓުވޭނެ ގޮތެއް އޮތްތޯ ބެއްލެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަމަކު، އެކަން ނުވީ، މިދިޔަ ސަރުކާރުގައި އިއުލާންކޮށްފައިވާ އުސޫލުތަކާއި ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކަށް ބަލާއިރު ވެސް ދެމަފިރިންނަށް ދިނުން މަނާކުރާ އެއްވެސް ގާނޫނެއް ނުވަތަ ގަވައިދެއް ނެތުމުން ކަމަށް މުއްތޮލިބު ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - އެމްޑީޕީގެ ބޯހިޔާވަހިކަމާ ގުޅޭ ކޮމިޓީގެ ފަރާތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްޑީޕީގެ ސަރުކާރުގައި ފެށި ގެދޮރުވެރިޔާ ސްކީމްގެ ތެރެއިން ރައްޔިތުންނަށް ލިބިފައިވާ ބޯހިޔާވަހިކަން މި ސަރުކާރުން ނުހައްގުން އަތުލައި ފޭރިގަނެފައިވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އެކަމާ ގުޅޭ ގޮތުން މިދިޔަ ސަރުކާރާ ގުޅުވައި ގިނަ ދޮގުތަކެއް މުއްތޮލިބު ހައްދަވާފައިވާ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފްލެޓު ދޭނެ މީހުން ކަނޑައެޅުމަށް އުފެއްދި ގެދޮރުވެރިން ކޮމިޓީގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި އަކްރަމް ވިދާޅުވީ، މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމް ހިންގާފައިވާނީ މީގެ ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމުތައް ވެސް ހިންގާފައިވާ ގޮތަށް އެއް އާއިލާއަކަށް ދެ ބޯހިޔާވަހިކަން ނުލިބޭ ގޮތަށް ކަމަށެވެ.
އެގޮތުން، އަކްރަމް ވިދާޅުވީ:
އަނބިމީހާ ނުވަތަ ފިރިމީހާއަށް މީގެ ކުރީގެ ބޯހިޔާވަހިކަމުގެ ސްކީމަކުން ގެދޮރު ލިބިފައިވާ ނަމަ ގެދޮރުވެރިޔާގެ ސްކީމުން ބޯހިޔާވަހިކަންދީ އެއްބަސްވުން ހަދާފައެއް ނުވާނެ
އަނބިމީހާ އާއި ފިރިމީހާ ވަކިން ގެދޮރުވެރިޔާގެ ސްކީމްގެ ކެޓަގަރީއަކަށް ފޯމު ހުށަހަޅާފައިވާ ނަމަ އެ ދެ މީހުންނަށް ދީފައިވަނީ އެއް ފްލެޓު
އަނބިމީހާ އާއި ފިރިމީހާ ވަކިން މި ސްކީމްގެ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓުމަންޓްތަކުގެ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ނަމަ، އެއިން ކޮންމެވެސް އެއް ކެޓަގަރީއެއް ހިޔާރުކުރަން އެ ފްލެޓުތައް ހުންނާނީ ބަހައްޓާފައި
76 އަކުން މަތިން މާކްސް ނުލިބުނު މީހުންނަށް މިދިޔަ ސަރުކާރުގައި ބޯހިޔާވަހިކަން ނުދީ އޮތް ކަމަށް މުއްތޮލިބު އެ ވިދާޅުވަނީ އެ ގޮތަށް ބަހައްޓާފައި ހުރި ތަންތަނުގެ ވާހަކަ
"ނަމަވެސް މިނިސްޓަރު މުއްތޮލިބު ވިދާޅުވެފައިވަނީ އަޅުގަނޑުމެންގެ ސަރުކާރުގައި 900 އެތައް ބަޔަކަށް އެ ގޮތަށް ފްލެޓު ދީފައިވާ ކަމަށް. އެއީ ކަނޑައެޅިގެން އިތުރުފުޅެއް. މުޅިން އޮޅުވާލައްވަނީ. މިހާރު އެ ބޭފުޅުން އެކަން ކުރައްވަމުން އެ ގެންދަވަނީ،" އަކްރަމް ވިދާޅުވި އެވެ.
އެއީ ކަނޑައެޅިގެން އޮޅުވާލުން ކަމަށާއި އަދި އެއީ އެކަން ހިނގާފައިވާ ގޮތް އެނގިވަޑައިނުގަންނަވާތީ ދައްކަވާ ވާހަކަތައް ކަމަށް އަކްރަމް ވިދާޅުވި އެވެ. އަކްރަމް ވިދާޅުވީ، އެ މަސައްކަތް މިދިޔަ ސަރުކާރުގައި ކުރީ، ސިވިލް ސާވިސް މުވައްޒަފުން ބައިވެރިކޮށްގެން ކަމަށާއިި މިސަރުކާރުގައި ކުރާ ގޮތަށް ސިޔާސީ މުވައްޒަފުން ބައިވެރިކޮށްގެން ނޫން ކަމަށެވެ.
ސިވިލް ސާވިސް މުވައްޒަފުން ބައިވެރިކޮށްގެން އެކަން އޭރު ކުރީ ވެސް ސިޔާސީ މުވައްޒަފުންނަކީ ސަރުކާރާ އެކު ބަދަލުވާ މީހުންނަށް ވުމުން ކަމަށް އަކްރަމް ވިދާޅުވި އެވެ. އެކަމަކު މި ސަރުކާރުން އައިސް އެއީ މިދިޔަ ސަރުކާރާ ގުޅުން އޮތް ސިޔާސީ މުވައްޒަފުންނަށް ހަދައި އެ މުވައްޒަފުން އެ ތަނުން ބޭރުކޮށްލީ ކަމަށާއި އަލަށް އެކަން ކުރަން ލީ މުވައްޒަފުންނަށް ވާނުވާއެއް ނޭނގޭ ކަމަށް އަކްރަމް ވިދާޅުވި އެވެ.
"މުއްތޮލިބަކަށް އެނގިވަޑައެއްނުގަންނަވާ ވާނުވާއެއް. ދެން އެ ތަނަށްލީ ފައިރޫޒް ކިޔާ ކުއްޖެއް. އެ ކުއްޖާއަކަށް ނޭނގެ ވާނުވާއެއް. އެ ކުއްޖާ ގޮސް ބުނީ ފްލެޓު ނުދީ އެބަތިއްބޭ އެތައް ބައެއް،" އަކްރަމް ވިދާޅުވި އެވެ.
"ބުނީމާ ހަމަ ވަގުތުން [މުއްތޮލިބު] ވިދާޅުވީ އިއުލާނެއް ކުރައްވާށޭ. އިއުލާނެއް ކުރައްވާފައި 76 މަތިން [މާކްސް ލިބުނު މީހުންނަށް] އަޅުގަނޑުމެން ނުދީ އެބަތިއްބޭ ކިޔާފައި، ފަހުން އެ މީހުން ގުރުއަތުލާނީއޭ ވިދާޅުވެފައި، ފަހުން އެ ބޭފުޅުންނަށް ރެއަކާލީ. އެކަމަކު ރެއަކާލީއިރު މިއޮތީ އަތަށް ގޮވާފައި."
ފާހަގަކޮށްލެވޭ ކަމެއް - މިދިޔަ ސަރުކާރުގައި ގޯތި ދިނުމުގައި ގޯހެއް ހައްދަވާފަ ނުވާނެ ކަމަށް އަކްރަމް ވިދާޅުވިއިރު، 'ގެދޮރުވެރިޔާ' އަދި 'ބިންވެރިޔާ' ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ފްލެޓާއި ގޯތި ދިނުމަށް ލިސްޓުގައި ހިމަނައި ބައެއް ފަރާތްތަކަށް އެ ތަންތަން ދިން ކަމަށް ތުހުމަތުކޮށް، އަކްރަމް ހިމެނޭހެން، އެ މިިނިސްޓްރީގެ އިސް ތިން މީހެއްގެ މައްޗަށް މިހާރު ވަނީ ދައުވާ ކޮށްފަ އެވެ.
ގުޅުންހުރި ކަމެއް - ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ދިނުމުގައި މި ސަރުކާރުން އަމަލުކުރަމުންދާ ގޮތުންނާއި މި ސަރުކާރުން ބޯހިޔާވަހިކަމުގެ ސިޔާސަތާ ދެކޮޅަށް އަޑުއުފުލުމަށް މި މަހުގެ 31ގައި މާލޭގައި އެއްވުމެއް ބާއްވަން ނިންމާފައިވާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އިއުލާންކުރި އެވެ. އެ އެއްވުން ބާއްވާ ތަނާއި ގަޑި ފަހުން އިއުލާންކުރާނެ ކަމަށް ވެސް ބުންޏެވެ.
މި ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން އަންނަ މަހުގެ 17ގައި ރެލީއެއް ބޭއްވުމަށް ވެސް އެމްޑީޕީން އޮތީ ނިންމާފަ އެވެ.
ބޯހިޔާވަހިކަން ދިނުމުގައި ގޯހެއް ނުހަދަން؛ މުއްތޮލިބު ހެއްދެވީ ދޮގެއް: އަކްރަމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ