ބާންލީ ބަލިކޮށް ޗެލްސީ ތާވަލުގެ ދެވަނައަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ ބަލިކޮށް ޗެލްސީން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ. އިންޓަރނޭޝަނަލް ބްރޭކަށް ފަހު ރޭ ޗެލްސީން ބާންލީގެ ދަނޑުގައި ކުޅުނު މެޗު އެޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ ކުޅުނު 12 މެޗުން ލިބުނު ޖުމްލަ 23 ޕޮއިންޓާއެކުއެވެ. އެއީ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލަށްވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. މެޗުން ބަލިވި ބާންލީ އޮތީ ތާވަލުގެ 19 ވަނައިގައެވެ. އެއީ ކުޅުުނު 12 މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އަންނަ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އާއި ދެކޮޅަށް ޗެލްސީ ކުޅޭ މެޗުގެ ކުރިން އެ ޓީމުގެ މުހިންމު ކުޅުންތެރިންތަކަކަށް އަރާމުކުރުމުގެ ފުރުސަތު ދީފައެވެ. މުހިންމު ކުޅުންތެރިން ނެތް ނަމަވެސް ޗެލްސީން ވަނީ މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައެވެ. ޗެލްސީން ލީޑު ނަގައިދީފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން އަށް މިނިޓަށް ވެފައިވަނިކޮށެވެ. މިއީ ޖެމީ ގިޓެންސް ނަގައިދިން ހުރަހަކުން ޕެޑްރޯ ނެޓޯ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. ޗެލްސީން މި މެޗުގައި ޖެހި ދެވަނަ ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެންޒޯ ފެނާންޑޭޒް ޖެހި ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ