ލިވަޕޫލު މިހާރު އެ އޮތީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި

އަމިއްލަ ދަނޑުގައި ނޮޓިންހަމް ފޮރެސްޓް އަތުން 3-0އިން، އާއެނކެވެ، އެންފީލްޑްގައި، ލިވަޕޫލް ހަމަ އެ ނަތީޖާއިން ރޭ ބަލިވެއްޖެ އެވެ. ދެން ކުރީގެ ޗެމްޕިއަން މެންޗެސްޓަ ސިޓީ ބޮނޑިބުއީ ރަށުން ބޭރުގައި ނިއުކާސަލް އަތުން 2-1 އިންނެވެ.
ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ފުރަތަމަ ސީޒަންގައި ޕްރިމިއަ ލީގު ކާމިޔާބުކޮށް އާނޭ ސްލޮޓް، އާ ސީޒަނަށް ޓީމު ވަރުގަދަކުރަން ހޭދަކުރި 460 މިލިއަން ޑޮލަރު (7 ބިލިއަން ރުފިޔާ)ގެ އަގެއް އަދިއެއް ނުފެނެ އެވެ.
ރޭގެ މެޗުން ބަލިވުމުން ލިވަޕޫލް މިހާރު އޮތް ވަޅުގަނޑުގެ ފުންކަން ސްލޮޓް ވެސް ގަބޫލުކުރެ އެވެ.
"މިއީ ކިހާ ގޯސް ނަތީޖާއެއްތޯ މިންއަޅަން އުނދަގޫވެދާނެ. އެކަމަކު މިއީ ވަރަށް ދަށް ނަތީޖާއެއް،" މެޗަށް ފަހު ވާހަކަ ދައްކަމުން ސްލޮޓް ބުންޏެވެ.
"އަމިއްލަ ދަނޑުގައި ކުޅޭ އިރު -- 3-0 އިން ބަލިވުން -- އެއީ ކޮންމެ ޓީމެއްތޯ ބަލާނެ ކަމެއް ނެތް، ނަގަން ޖެހޭނީ ހަމަ ވަރަށް، ވަރަށް، ވަރަށް ދަށް ނަތީޖާއެއްގެ ގޮތަށް."
ރޭގެ ބައްޔަކީ ޕްރިމިއަ ލީގުގައި ލިވަޕޫލް އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަވަނަ ބައްޔެވެ. އޭގެ ކުރިން ނަމަ ހަ މެޗުން ބަލިވެފައި އޮތީ ޖުމްލަ 58 މެޗު ކުޅެގެންނެވެ.
އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ގެއްލުނީ އެވެ. ކުރިން އެހާ ވަރަށް އަމިއްލަ ދަނޑުގައި ބަލިވެފައި އޮތީ 53 މެޗު ކުޅެގެންނެވެ.
ރޭގެ ބައްޔާ އެކު ލިވަޕޫލް އެ އޮތީ 18 ޕޮއިންޓާ އެކު ތާވަލްގެ 11 ވަނައިގަ އެވެ.
މިދިއަ ސީޒަންގެ ޕްރިމިއަ ލީގު ލިވަޕޫލުން ކާމިޔާބުކުރުމުގެ ކުރިން ހަތަރު އަހަރު އެ މުބާރާތުގެ ތަށި އުފުލައިލި މެންޗެސްޓަ ސިޓީއަށް ވެސް ރޭ ނަސީބު ދެރަ އެވެ. ނިއުކާސަލް ދަނޑުގައި ބަލިވީ 2-1 އިންނެވެ. އެ މެޗުން މޮޅުވި ނަމަ ތާވަލްގެ ކުރީގައި މި ވަގުތު އޮތް އާސެނަލްއާ އެއް ޕޮއިންޓާ ކައިރިއަށް ޖެހިލެވުނީހެވެ.
އާސެނަލް، ކުޅުނު 11، ޕޮއިންޓް 26
ޗެލްސީ، ކުޅުނު 12، ޕޮއިންޓް 23
މެންޗެސްޓަ ސިޓީ، ކުޅުނު 12، ޕޮއިންޓް 22
ކްރިސްޓަލް ޕެލެސް، ކުޅުނު 12، ޕޮއިންޓް 20
ބްރައިޓަން، ކުޅުނު 12، ޕޮއިންޓް 19
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ