މަރާމާތަށްފަހު ހުޅުވި ބާސާގެ ދަނޑުގައި އެންމެ ފުރަތަމަ ލަނޑުޖެހީ ލެވަންޑޮސްކީ
ބޮޑެތި ބަދަލުތަކާއެކު އަލުން ކުޅެން ފެށި ބާސެލޯނާގެ ދަނޑުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއަކަށް ޕޮލެންޑްގެ ފޯވާޑް ރޮބަޓް ލެވޮންޑޮސްކީ ވެއްޖެއެވެ. މި މެޗު ބާސެލޯނާ ކާމިޔާބުކޮށްފައިވަނީ އެތުލެޓިކް ބިލްބާއޯއާ ވާދަކޮށް 4-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑު ލެވަންޑޯސްކީ ޖެހިއިރު، ދެން އެ ޓީމުގެ ލަނޑުތައް ޖެހީ ފެރާން ޓޮރޭސް އާއި ލަމީން ޔަމާލެވެ. މީގެތެރެއިން ފެރާން ޓޮރޭސް ވަނީ ދެ ލަނޑު ޖަހާފައެވެ. ބާސެލޯނާގެ ރަސްމީ ދަނޑުކަމަށްވާ ކޭމްޕް ނޯގައި މަރާމާތުގެ މަސައްކަތްތައް ފެށީ 2023 ވަނަ އަހަރުގައެވެ. އެ ދަނޑުގައި މިއަހަރު މެޗު ކުޅެން ފެށީ ދަނޑުގެ ބޮޑުބައެއް ނިމުމުންނެވެ. ރަސްމީ ދަނޑު ދޫކޮށް ބާސެލޯނާއިން އެ ޓީމުގެ ރަސްމީ މެޗުތައް ކުޅުނީ އޮލިމްޕިކް ސްޓޭޑިއަމުގައެވެ. އެނބުރި ބާސެލޯނާގެ ދަނޑަށް އައީ ޖުމްލަ 45000 މީހުންނަށް ކުޅިބަލަން ވަދެވޭނެ އިންތިޒާމު ހަމަޖައްސައިގެންނެވެ. އެ ދަނޑުގެ ޖުމްލަ ކުޅިބަލަން ވަންނަ މީހުންގެ ކެޕޭސިޓީއަކީ 105000 އެވެ. މެޗަށްފަހު އެންމެ ބޮޑު އުފަލެއް ލިބުނީ ލެވަންޑޮސްކީއަށެވެ. އުމުރުން 38 އަހަރުގެ ފޯވާޑް ބުނީ މިއީ އޭނާއަށް ތާރީހީ ލަނޑެއް ކަމަށެވެ. އަދި މި ލަނޑު ހަނދާން ހުންނާނެކަމަށް ވެސް އޭނާ ބުންޏެވެ. "ބާސެލޯނާގެ ރަސްމީ ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ހަނދާނުން ފޮހެލަން އުނދަގޫ ކަމެއް، މި ދަނޑަކީ އަހަންނަށް ވަރަށް ހާއްސަ ދަނޑެއް" ލެވަންޑޮސްކީ ބުންޏެވެ. ބާސެލޯނާގެ ރަސްމީ ސްޓޭޑިއަމުގެ މަސައްކަތް އެއްކޮށް ނިންމަން ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ