ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް)ގެ އިންތިހާބުގައި ރައީސަކަށް ކުރިމަތިލެއްވި ހަމައެކަނި ކެންޑިޑޭޓް، އިޝްފާން މުހައްމަދު (އިއްޕަ)، އެ މަގާމަށް އިންތިހާބުކޮށްފި އެވެ.
ބެޑްމިންޓަނުގެ ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް)ގެ ސަސްޕެންޝަނުން ބީއޭއެމް ސަލާމަތްކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އަސާސީ ގަވާއިދު ފާސްކޮށް، ހާއްސަ ކޮންގްރެސް އަކުން އިއްޔެ ވަނީ ބީއޭއެމްގެ ކޮންގްރެސް ބާއްވައިފަ އެވެ.
ބީއޭއެމްގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އިންތިހާބަށް ހުޅުވާލުމުން، އެ ކުރިމަތިލާ މަގާމަކަށް އިތުރު ފަރާތެއް ނެތިއްޖެނަމަ، ވޯޓެއް ނެެގުމެއް ނެތި އިންތިހާބުވާނެ އެވެ. ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކެންޑިޑެސީ ހުށަހެޅީ އިއްޕަ އެވެ. އަދި، ހިންގާ ކޮމިޓީގެ ކޮންމެ މަގާމަކަށް އެންމެ ފަރާތަކުންނެވެ.
ބީއޭއެމުން މި މަހު ފާސްކުރި އާ އަސާސީ ގަވާއިދުގެ ތެރެއިން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ތިބޭނީ އަށް މެމްބަރުންނެވެ. އެއީ، ރައީސް އާއި ދެ ނައިބު ރައީސުންގެ އިތުރުން، ހަތަރު ރިޕްރެޒެންޓޭޓިވް އާއި އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވް އެކެވެ. ކުރިން، އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރަަށް ހިންގާ ކޮމިޓީން ފުރުސަތު އޮތްނަމަވެސް، އާ އަސާސީ ގަވާއިދާ އެކު، ޖެނެރަލް ސެކްރެޓަރީ އާއި ހަޒާންދާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ބޮޑުކޮށް، އައްޔަނުކުރާ މަގާމަކަށް ބަދަލުވެގެންދާނެ އެެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އާ ހިންގާ ކޮމިޓީގެ ބައެއް މެމްބަރުންނާއި ބީޑަބްލިއުއެފްގެ މެމްބަރު ތޯމަސް ފޮޓޯ އަކަށް ހުއްޓިލައިގެން.
ކުރިން ބީއޭއެމްގެ ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނެވި، އިއްޕަ ރައީސް ކަމަށް ގެނައުމަށް، އެންޑޯޒްމަންޓް ހުށަހެޅީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިންނެވެ. އިއްޕަގެ ލީޑަޝިޕް ޓީމުގައި ނައިބު ރައީސަކީ، ތަޖުރިބާކާރު އަމްޕަޔަރު، އަހުމަދު ޝިހާމް (ޕުޗު) އާއި އިބްރާހިމް ހަމްޒާ ހަލީލް އެވެ. ޕުޗުގެ ކެންޑިޑެސީ ހުށަހެޅީ އިންޑޯ ސްޕޯޓްސް ބެޑްމިންޓަން އެކަޑަމީންނެވެ. އަދި، ހަމްޒާގެ ނަން ހުށަހެޅީ ކްލަބް ސްޓެޓިކުންނެވެ. ހިންގާ ކޮމިޓީގެ ދެން ހުރި މަގާމުތައް ފުރުއްވާނީ، އިންޑޯ ސްޕޯޓްސް ބެޑްމިންޓަން ކްލަބްގެ ހަަސަން ޒަރީރު، ކްލަބް އޭވިއޭޝަން ސެކިއުރިޓީގެ އިބްރާހިމް އަފީފް އަދި، ސްުޕޯޓްސް ކްލަބް ހޮސްކޯގެ ސުހާ ޖަލީލް އެވެ.
އަސާސީ ގަވާއިދާ އެކު ފާސްކުރެވިފައިވާ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް ބޭއްވޭތާ 60 ދުވަސް ތެރޭ، އެތުލީޓުން ތަމްސީލްކުރާ ރެޕްރެޒެންޓޭޓިވެއް އިންތިހާބު ކުރަން ޖެހޭނެ އެވެ. އަދި، އެ ފަރާތެއް އިންތިހާބު ކުރާނީ ހަމައެކަނި، އިންޑިވިޖުއަލް މެމްބަރުންގެ ވޯޓުންނެވެ.
މި އަހަރުގެ މެއި 16 ވަނަ ދުވަހުން ފެށިގެން ބީއޭއެމް އޮތީ ބީޑަބްލިއުއެފްގެ ސަސްޕެންޝަނެއްގަ އެވެ. ބީީއޭއެމް އިންތިހާބަކާ ހަމައަށް ގެނައުމުގައި އެ އެސޯސިއޭޝަންގެ ކުރީގެ ލީޑަޝިޕްގެ ބައިވެރިވުން ހިމެނޭ ގޮތަށް އޭރުގެ ހިންގާ ކޮމިޓީ ތަމްސީލްކުރާ މެމްބަރަކާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ މެމްބަރަކާއި ބީޑަބްލިއުއެފްގެ މެމްބަރެއްގެ މައްޗަށް އެކުލެވޭ ވޯކިން ގްރޫޕެއް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އިއްޔެގެ ކޮންގްރެސްގައި، ވޯކިން ގްރޫޕްގައި ހިމެނޭ ބީޑަބްލިއުއެފްގެ މެމްބަރު، ތޯމަސް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ބީއޭއެމްގެ އާ އިންތިހާބީ ލީޑަޝިޕުން މަގާމާ ހަވާލުވެ، މަަސައްކަތް ފެށުމާ އެކު، ލަސްތަކެއްނުވެ، ބީޑަބްލިއުއެފްގެ ސަސްޕެންޝަނުން ރާއްޖެ ސަލާމަތްވާނެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކަށް އިއްޕަ އިންތިހާބުކޮށްފި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސަކަށް އިއްޕަ އިންތިހާބުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ