މޯލްޑިވް ގޭސްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މައުމޫން (މާން)ގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވެ 12 އަހަރަށް ވަނީ ޖަލަށް ލައިފަ އެވެ.
ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދުގެ މައްޗަށް ވެސް ހިޔާނާތުގެ ކުށް ސާބިތުވެ މިހާރު އެ ހުންނެވީ ހަތަރު އަހަރުގެ ޖަލު ހުކުމެއްގަ އެވެ. އިތުރު ދައުވާތައް ކުރިއަށް އޮތީ އެވެ.
ބައެއް މީހުން ބުނެފާނެ އެވެ: ހުކުމްތައް އެ އަންނަނީ ނޫން ހެއްޔެވެ؟ އާއެނކެވެ. އެއީ ވެސް ހުކުމްތަކެކެވެ. ނަމަވެސް މިއީ މިދިއަ 15 ވަރަކަށް އަހަރުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ހިޔާނާތުގެ ވަރަށް ކުޑަ މިންވަރެކެވެ.
ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ކޮންމެ ސަރުކާރެއްގައި ހިޔާނާތުގެ ފައިސާ އެންމެ ގިނައިން ހޯދަނީ ސަރުކާރުގެ ބޮޑެތި ބައެއް ކުންފުނިިތައް މެދުވެރިކޮށެވެ. ފެނަކައަކީ އޭގެ އެއް މިސާލެެވެ. އެޗުޑީސީއަކީ އަތްނުލައި އޮތް އެކަމަކު ހިޔާނާތާއި އޮޅުވާލައިގެން އެތައް ބަޔަކަށް ބިން ދޫކުރުމުގެ ހާއްޔެކެވެ. މައުލޫމާތު ހުރި ބައެއް މީހުން ބުނާ ގޮތުގައި އެޗުޑީސީގައި ހިންގާފައި ހުރި ހިޔާނާތާ ބެހޭ ތަހުގީގެއް، ސިޔާސީ އެއްވެސް ނުފޫޒެއް ނެތި، ހިންގައިފި ނަމަ، ކުރީގެ އެތައް ވެރިންނެއް މިހާރު ތިބޭނީ ޖަލުގަ އެވެ.
މީގެ ކުރިން އެޗުޑީސީއާ ހަވާލުވެވަޑައިިގެންނެވި ބޭފުޅަކު އަޅުގަނޑަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އޭނާ އެންމެ ހާއްސަކަމެއް ދެއްވާނީ ކުރީގެ މެނޭޖްމަންޓުން ކޮށްފައި ހުރި ގޯސްތައް ބަލަން އެތެރޭގެ އޮޑިޓެއް ހެދުން ކަމަށެވެ. އެ އޮޑިޓް ހެދި ވެސް މެ އެވެ. ނަމަވެސް ދައުވާކުރުމުގެ ބަދަލުގައި ފެނުނީ ހިންދާލި ތަނެވެ. ފަހުން އެ އެމްޑީ ރިޓަޔަކުރައްވާ، އެތައް މިލިއަން ރުފިޔާއެއްގެ ޕެކޭޖަކާ އެކު ދުރަށް ވަޑައިގަތީ އެވެ.
ސަރުކާރުގެ ކުންފުނިތަކަކީ އެއިރަކު އޮންނަ ސަރުކާރަކުން ހިޔާނާތް ހިންގަން ގެންގުޅޭ ވަސީލަތްތަކެއް ކަމަށް، އަޅުގަނޑާ ވާހަކަ ދެއްކެވި އިގުތިސާދީ އަދި އެކައުންޓިން ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި، މައުމޫން އާއި ސައީދުގެ މައްޗަށް ދައުވާކޮށް ޝަރީއަތުން ގޮތެއް ނިންމަންދެން ކުރިއަށް ގެންދިޔަސް، އަނެއް ބަޔަކު ދޫކޮށްލާފައި ތިބީ، ކުންފުނިތަކުގެ މުހިންމުކަން ސަރުކާރަށާއި އިދިކޮޅު ޕާޓީތަކަށް ފެންނާތީ އެވެ.
ބައެއް ބޭފުޅުން ކޮންމެވެސް ވަރެއްގެ ހައްލެއް ކިޔައިދެއްވަ އެވެ. އެއީ ހިޔާނާތާ ދެކޮޅަށް މިހާރު އުފައްދާފައި ހުރި ދައުލަތުގެ މުއައްސަސާތައް އޭގެ ތެރެއަށް ވެއްދުމުގެ ބަދަލުގައި ކޮންމެ އާ ސަރުކާރެއްގެ ފުރަތަމަ ހައެއްކަ މަސްދުވަހު ސަރުކާރުގެ ހުރިހާ ކުންފުނިތަކެއް އޮޑިޓްކޮށް، ޝައްކުކުރެވޭ ހުރިހާ މުއާމަލާތްތަކެއް ރަނގަޅަށް ބެލުމެވެ. އެކަން ހަވާލުކުރާނީ ބޭރުގެ މިނިވަން އޮޑިޓަރުންނާއި ދިވެހިންގެ ތެރޭގައި ތިއްބެވި އިތުބާރު ހިފޭ ތަޖުރިބާކާރުން ހިމެނޭ ހާއްސަ ކޮމިޝަނަކާ އެ އެވެ.
ކުންފުނިތަކުގެ މައިގަނޑު ހުރިހާ ނިންމުމެއް ބަލާއިރު، އެ ކުންފުނިތަކުގެ ބޯޑު މެމްބަރުން ޒިންމާ އުފުލި ގޮތް ވެސް ތަހުގީގުކުރަން ޖެހޭނެ ކަމަށް، ބައެއް ބޭފުޅުން ވިދާޅުވި އެވެ. ކުންފުނިތަކުގެ ބޯޑު މެމްބަރުންނަށް މިހާރު ވަރަށް ފަސޭހައިން ކަންކަމުން ސަލާމަތްވެވެ އެވެ. މިސާލަކަށް އެމްއެމްޕީއާރުސީން އެ ބޮޑު ހިޔާނާތް ހިންގި އިރު ބޯޑުން ނިންމައިގެން ނޫނީ މެނޭޖިން ޑިރެކްޓަރަށް ނުކުރެވޭނެ ކަންކަން ހުއްޓެވެ. އެކަންކަން ކުރަން ބޯޑުން ފަސޭހަކޮށްދީފައި އޮތް ނަމަ އޭގެ މާނައަކީ އެ މެމްބަރުންގެ ޒިންމާއެއް ވެސް، އެ ހިޔާާތުގައި އޮތުމެވެ.
ކުންފުންޏެއްގެ ބޯޑު މެމްބަރަކަށް ވުމަކީ މިހާރު ވަރަށް ފަސޭހަ ކަމެކެވެ. ޒަމާނީކޮށް ބުނާ ނަމަ ކޮފީއެއް ޖަހާލުންހާ އާދައިގެ ކަމެކެވެ. ބޯޑު މެމްބަރުން އުފުލަން ޖެހޭ ޒިންމާގެ ބޮޑުކަން، އެ މަގާމުތަކުގައި ތިބޭ މީހުންގެ ފެންވަރަށް ބަލާއިރު، ވިސްނޭނެހެން ހިއެއްނުވެ އެވެ. މަގާމެއް ލިބުނީމާ ހަވާލުވެފައި، މެނޭޖިން ޑިރެކްޓަރު ހުށައަޅާ ކޮންމެ ކަމަކަށް އާނ ބަސް ދީފައި ނިންމާލަނީ އެވެ. ނުވަތަ ތިމާމެންގެ ޒިންމާއަކީ ސަރުކާރުން ބުނެލާ ކޮންމެ ކަމެއް ފާސްކޮށްލުން ކަމަށް ދެކެނީ އެވެ.
މިހާ ފަސޭހައިން ސަރުކާރުގެ ކުންފުނިތައް ހިންގޭ ގޮތަށް އޮންނަ ނަމަ ހިޔާނާތުގެ މައްސަލަތައް ވާނީ ގިނަ އެވެ. އެ ކުންފުނިތައް ބޭނުންކުރާނީ އެކި ވެރިން ނާޖާއިޒު ފައިދާ ހޯދާ ވަސީލަތްތަކެއްގެ ގޮތަށެވެ. ނަމަވެސް އާ ސަރުކާރުގެ މައްޗަށް ލާޒިމްވާ ގޮތަށް ބައެއް އުސޫލުތައް ހަމަޖައްސައިފި ނަމަ ކުންފުނިތައް މިހާރަށް ވުރެ ރަނގަޅުކުރެވިދާނެ ކަމަށް، އަޅުގަނޑާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.
މައުމޫނާއި ސަައީދާ ހަމައިން ކުންފުނިތަކުގެ ހިޔާނާތުގެ މައްސަލަތައް ނިމެން އަދި ކައިރި ވެސް ނުވެ އެވެ. މިކަމުގައި ދިވެހިންގެ ނަސީބު ހަގީގަތުގައި ވަރަަށް ދެރަ އެވެ. އެހެން ނޫން ނަމަ ދިވެހިންނަށް ލިބިފައި އޮތީހީ ވަރުގަދަ ރައްޔިތުންގެ މަޖިލިހެކެވެ. ގޮތުގައި ތިބޭ މެމްބަރުން ގިނަ ރައްޔިތުންގެ މަޖިލިހެކެވެ. އެފަދަ މަޖިލިހެއް ލިބުނު ނަމަ ދައުލަތުގެ ހުރިހާ ދިމާލެއްގައި ހިޔާނާތުގެ ކަޅު ލައްގަނޑު ޖެހުނަކަ ނުދިނީހެވެ. ކުންފުނިތަކުގެ މެނޭޖްމަންޓާއި ބޯޑު މެމްބަރުން ތިބޭނީ އަބަދުމެ ޖެހިލުންވެފަ އެވެ. ސަރުކާރުގެ ވެރިންގެ އަތްފައި، މިހާރަށް ވުރެ ބޮޑަށް، ބަނދެވުނީހެވެ.
ބައެއް ބޭފުޅުން ގަބޫލުކުރައްވަނީ ކުންފުނިތައް ސަލާމަތްކުރަން ބޭނުން ނަމަ ނެރެން ޖެހެނީ ވަރަށް ހަރުކަށި ވިސްނުމެއް ކަމަށެވެ. އެހެން ނޫނީ ކޮންމެ ސަރުކާރަކާ އެކު ބަދަލުވާނީ ކުންފުނީގެ މަތީ ފަށަލައިގެ ބައެކެވެ. ނުބައި ރޭވުންތަކާއި ރިޝްވަތާއި ހިޔާނާތުން ފައިސާ ހޯދަން ހިންގާ މަޝްރޫއުތަކުން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނުހުއްޓުވޭނެ އެވެ.
އެކަމަކު ސުވާލަކީ ތެދުވެރި ހިންގުންތެރިކަމެއް އުފައްދައި، އެ ރީތި ސިފަ ދިރުވަން ބޭނުންވާ ހަރުކަށި ވިސްނުމަކަށް ރާއްޖޭގެ ސިޔާސީ މަސްރަހު ތަންދޭ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބު ހޯދަން އަޅުގަނޑު މި ހަވާލުކުރަނީ ކިއުންތެރިންނަށެވެ. އެ ޖަވާބު ހޯދަން ތިބާގެ ވިސްނުން ދޫކޮށްލަންވީ އިދިކޮޅު ވެރިންގެ ވާހަކަތަކާއި އަމަލްތަކާއި ސަރުކާރުން ތަންފީޒުކުރާ ކަންކަމުގެ ތެރެއަށެވެ.
ކުންފުނިތަކުގެ ހިޔާނާތް ހުއްޓުވަން ބޭނުންވަނީ ހަރުކަށި ވިސްނުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ