އައްޑޫ އާ އިންޖީނުގޭގެ މަސައްކަތް މިއަހަރު ފަށަނީ

އައްޑުއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި 30 މެގަވޮޓު އިތުރުކުރާ މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އައްޑޫގައި ކަރަންޓު ދޭން ބޭނުންކުރާ ޖަނަރޭޓުތަކަށް އެކި މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑޭ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ.
ބުނީ ކީކޭ؟ - އެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީގައި މައުލޫމާތު ދެއްވަމުން ނަޖާހު ވިދާޅުވީ ކުރިއަށް އޮތް ރޯދަމަހަށް އައްޑޫ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މި ރޯދަމަހު 1.8 މެގަވޮޓުގެ ޖަނަރޭޓަރެއް އެބައަރުވަން. މިއަދާ ހަމައަށް 12 މެގަވޮޓު އެރުވިއްޖެ. އޭގެ އިތުރުން 1.8 މެގަވޮޓު އެރުވީމަ 13، 14 މެގަވޮޓު ޖަނަރޭޓު ކުރެވޭނެ،" ނަޖާހު ވިދާޅުވި އެވެ.
އޭގެ އިތުރުން ބައެއް ތަފާސްހިސާބުތައް ހިއްސާކުރައްވައި ނަޖާހު ވިދާޅުވީ:
2019 - 2023 އާ ހަމައަށް 14 ޖަނަރޭޓަރު އެރުވި؛ އޭގެ ތެރެއިން ދެ ޖަނަރޭޓަރު ފިޔަވައި ހުރިހާ ޖަނަރޭޓަރުތަކެއް ވަނީ ހަލާކުވެފައި
އެއީ ޖަނަރޭޓަރެއްގެ އުމުރަށް ބަލާއިރު ވަރަށް ކުރު މުއްދަތެއް
އެކަން ހައްލުކުރަން މި ސަރުކާރުން މިއަދާ ހަމައަށް އައްޑޫއަށް އަށް ޖަނަރޭޓަރު ފޮނުވައި، 12 މެގަވޮޓު އަޕްކުރި
މިއަހަރު އެކަނި 16 މިލިއަން ރުފިޔާ މަރާމާތުތަކަށް ހަރަދުކުރެވިއްޖެ
މި ސަރުކާރުން އެރުވި ޖަނަރޭޓަރުތަކަށް މިއަދާ ހަމައަށް އައިއިރު މައްސަލައެއް ދިމާވެގެން ޝަޓްޑައުންވެފައި ނުވޭ؛ ކޭބަލަކަށް މައްސަލަ ދިމާވެގެން ކަރަންޓު ކެނޑިދާނެ
ތަފްސީލު - ނަޖާހު ވިދާޅުވީ ހަލާކުވެފައި ހުރި ޖަނަރޭޓަރުތަކުގެ ތެރެއިން މަރާމާތު ކުރެވެން ހުރި ހުރިހާ ޖަނަރޭޓަރުތައް ހެދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
"އެއަށް ބޭނުންވާ މެޓީރިއަލް، ސްޕެއާ ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭގައި ލިބި، މަސައްކަތް ފެށި، އަންނަ ރޯދަމަހަށް ހެދެން ހުރި ހުރިހާ އެއްޗެއް އަޕްކޮށް، ގާތްގަނޑަކަށް 16-17 މެގަވޮޓު މި ބަލަނީ ސިސްޓަމަށް ގެނެވޭތޯ،" ނަޖާހު ވިދާޅުވި އެވެ.
އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެއީ ވަގުތީ ހައްލުތަކެކެވެ. އަދި މައިގަނޑު އަމާޒަކީ ދުރު ރާސްތާއަށް ބަލައި، ދާއިމީ ހައްލެއް ގެނައުން ކަން ފާހަގަކޮށް އޭނާ ވިދާޅުވީ އެކަން ކުރަން ރާވާފައިވަނީ މީޑިއަމް ސްޕީޑުގެ ޖަނަރޭޓަރުތަކެއް ގެނެސްގެން ކަމަށެވެ.
"އަޅުގަނޑުމެން އައްޑޫގެ ލޯންގް ޓާމް ޕްލޭނަށް މި ވިސްނަނީ ހަ މެގަވޮޓުގެ ޖަނަރޭޓަރުތަކެއް ބަހައްޓަން،" އެކަމުގެ ތަފްސީލު ދެއްވަމުން ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވި އެވެ.
"ޕްލޭން ކުރިން 10 މެގަވޮޓަށް ވެސް. އެކަމަކު އޭގެ ޖަނަރޭޓަރެއް ބެހެއްޓީމަ ދެން ބެކަޕް ނުހުންނާނެތީ، ވިސްނުން ބަދަލުކުރީ ހަ މެގަވޮޓުގެ ފަސް ޖަނަރޭޓަރު، [މުޅި ސޮލިއުޝަން ނިމޭއިރު] އެތަނުގައި ހުންނާނެ ކަމަށް މި ބަލަނީ. އެއީ ގާތްގަނޑަކަށް 30 މެގަވޮޓުގެ ޕަވާ."
އެކަމާ ގުޅޭގޮތުން ސަޕްލަޔަރުންގެ ފަރާތުން މެނުފެކްޗަރާ ކޮމާޝަލް އޮފާތައް ވެސް ލިބިފައިވާއިރު، ނަޖާހު ވިދާޅުވީ އެ ޖަނަރޭޓަރުތައް ބެހެއްޓޭނީ އިންޖީނުގެ ބޮޑުކޮށްގެން، އާ އިންޖީނުގޭގައި ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އާ އިންޖީނުގޭގެ އަމަލީ މަސައްކަތް ވެސް ފެށޭނެ ކަމަށެވެ. އަދި އެސެސްމަންޓު ހެދުމަށްޓަކައި ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ފެނަކައިގެ ޓީމެއް އައްޑުއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޓާގެޓަކީ މި މަސައްކަތް ކުރިއަށްދާއިރު، އެ މުއްދަތުގެ ތެރޭގައި ވެސް ކަރަންޓު ކެނޑުނަ ނުދިނުން. އެކަން ކުރުމަށްޓަކައި ކޮންޓްރެކްޓް ކުރާއިރު، ކޮންޓްރެކްޓަރަށް ލާޒިމް ކުރާނަން އައްޑޫގެ މަސައްކަތް ކުރިއަށްދާއިރު ކަރަންޓު ކެނޑުނަ ނުދިނުމަށްޓަކައި އަރުވަން ޖެހޭ ޖަނަރޭޓަރެއް ވެސް އަރުވަން،" ނަޖާހު ވިދާޅުވި އެވެ.
އެ މަޝްރޫއުގެ ތެރޭގައި ކޭބަލް އެޅުމުގެ މަސައްކަތްތަކެއް ވެސް ހިމެނޭއިރު، ނަޖާހު ވިދާޅުވީ މިއަހަރު އަމަލީ މަސައްކަތް ފަށައިގެން މުޅިން ނިމެނެ ކަމަށް ލަފާކުރަނީ ދޮޅު އަހަރުން ކަމަށެވެ.
އެނގުން މުހިންމު - މި މަހު ކުރީކޮޅު ރައީސް މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރަން އާ މަޝްރޫއެއް ވަނީ އިއުލާން ކުރައްވާފަ އެވެ.
އެ މަޝްރޫއެއް އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ:
ހިތަދޫގައި އަލަށް 32 މެގަވޮޓުގެ އިންޖީނުގެއެއް ގާއިމުކުރާނެ
 ޑިސްޓްރިބިއުޝަން ސިސްޓަމް އަޕްގްރޭޑް ކުރާނެ
މި މަޝްރޫއުގެ އަގަކީ 59 މިލިއަން ޑޮލަރު؛ ފެނަކަ އިން ފައިސާ ދައްކަން 12 އަހަރު ލިބޭނެ
ހަމަ މިފަދަ މަޝްރޫއެއް މިދިޔަ މަޖިލިސް އިންތިހާބަށް ކުޑަތަން ވެފައިވަނިކޮށް، 18 އޭޕްރީލް 2024ގައި ވެސް އިއުލާންކުރި އެވެ.
މިއަދު ކޮމިޓީގައި ނަޖާހު ވިދާޅުވީ ކުރިން އެ މަޝްރޫއު ބަޔަކަށް އެވޯޑު ވެސް ކުރި ކަމަށާއި ނަމަވެސް އެކި ސަބަބުތަކާއި ގޮންޖެހުންތަކާ ހުރެ އެ މަޝްރޫއު ކުރިއަށްނުގޮސް އޮތުމާއި މަޝްރޫއުގެ އަގު ބޮޑުވުން ފަދަ ސަބަބުތަކާ ހުރެ މުޅި މަޝްރޫއު ރިވިއުކުރީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ