ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި ގަދަޔަށް މަސައްކަތްކުރަންވީ ވަގުތު އެމްޑީޕީން މިކުރަނީ ކީއްހެއްޔެވެ. 2028ގައި ރާއްޖޭގެ ވެރިކަން ލިބޭނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ލިބޭ މީހަކަށް ކަމުގައި ހީއްކޮށްގެން ރިޔާސީ ޓިކެޓާ ހިފަހިފާ ތިބެގެން ދެމީދާ ފެހި ބުޅަލަށްވީ ވަރުވެސް އެމްޑީޕީއަށް ނުވެދާނެއެވެ.
އެމްޑީޕީއަށް ވިޔަސް ވެރިކަން ލިބޭނީ އެކަތިގަޑެއްގެ ގޮތުގައި އޮވެ ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ އިތުބާރު ހޯދައިގެންނެވެ. އެތެރޭގެ ކޯޅުން ބޮޑުވެ ވާދަވެރިންނަށްވުރެ ބޮޑަށް އަމިއްލަ ޕާޓީގެ ތެރޭގައި އެއްބަޔަކު އަނެއް ބަޔެއްގެ ކުށްހޯދާ ކުށްދެއްކުމުގައި އަވަދިނެތުނީމާ ވާދަވެރިން ދަނޑިވަޅުބަލާ އެނގަކުރި އެބަ ހިފައެވެ. ރައީސް މުއިއްޒު ކޮންފޮޓް ޒޯނުގައި ހުންނަވައިގެން ކުރައްވަނީ ކުރައްވާނެ ކަމެކެވެ. ވާނީވެސް އެހެންތާއެވެ. އިދިކޮޅުން ޖެހޭ އޮޔެއްވަޔެއް ނެތެވެ.
ވަކިމީހަކު ބާރުވެރިކުރުމުގެ ނިޔަތުގައި އެނޫން އެންމެން ބަރަހަނާކޮށް އާއްމުންގެ ތެރޭގައި ޖަދަލުކުރަން ފެށުމުން މީހުން އެމްޑީޕީއަށް ކުރާ އިތުބާރު ދަނީ ގެއްލެމުންނެވެ. އެއްރޫހެއްގައި އެއް މިސްރާބަކަށް އެމްޑީޕީ ދަތުރުކުރާތަނެއް ރައްޔިތުންނަކަށް ނުފެނެއެވެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ގައުމު ހަމަމަގަށް އަޅުވަން ސިޔާސީ މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.
ޕީއެންސީގެ ބާރުވެރިކަން މުޅި ދައުލަތުގައި ފެތުރިފައިވާއިރު ވަރުގަދަ އޮޕަޒިޝަނެއްގެ ގޮތުގައި އެމްޑީޕީން ކުރެވެން ހުރި ކަންކަން ކުރާތަނެއް ރައްޔިތުންނަކަށް ނުފެނެއެވެ. ރައްޔިތުންގެ ތެރޭގައިވެސް އެމްޑީޕީން އަށަގަންނަވާތަން ފެންނަނީ 2028 ރިޔާސީ ޓިކެޓް ލިބޭނީ ކާކަށްތޯ ބެލުމުގެ ރޫހެވެ. ރައްޔިތުންގެ ކަންބޮޑުވުން ތަކަށް ހައްލު ހޯދުމަށް ވަކިވަކީންނާއި ގަނޑުކޮށް އިހުތިޖާޖު ކުރުމުގެ ރޫހު އުފައްދާތީއެއް ނުފެނެއެވެ.
ރާއްޖޭގައި ކަންކަން ވަމުންދާގޮތުން ސިޔާސީ ޕާޓީތަކާއި ދޭތެރޭ ގިނަ ބަޔަކު ތިބީ މާޔޫސްވެފައެވެ. ޕާޓީ ނިޒާމަކީ ކޮރަޕްޝަނާއި ފަސާދައިގެ ނިޒާމެއްކަމަށް މީހުން ގަބޫލުކޮށްފިއެވެ. އެއްވެސް ޕާޓީއަކީ އިތުބާރުކޮށް ކަމެއް ހަވާލުކުރާވަރު ބައެއް ނޫންކަމަށް މީހުން ދެކެން ފަށައިފިއެވެ.
ދިވެހި ރައްޔިތުންގެ ތެރޭގައި ކުޑަވެސް އުންމީދެއް އޮތް ޕާޓީއަކީ އެމްޑީޕީއެވެ. އެހެނެއް ކަމަކު ގައުމާއި ޕާޓީއަށްވުރެ އަމިއްލަ މަަސްލަހަތު ކުރިއަށްނެރެ ޒިންމާދާރު އޮޕަޒިޝަނެއްގެ މަސައްކަތްނުކޮށް ރިޔާސީ ޓިކެޓާ ހިފަން ފެށުމުން އެމްޑީޕީއަށް ކުރި އިތުބާރުވެސް އެމްޑީޕީން ދަނީ ނަގާލަމުންނެވެ. ހަސަންކުރުސީ މީސްމީޑިއާގައި ކުރާވަރާއި ޔާމީނު ގޭފެންޑާގައި އިނދެ ކުރާވަރު ވެސް އެމްޑީޕީއަކަށް ނުކުރެވެއެވެ.
ޔާމީނު ގޭފެންޑާގައި ކުރާވަރުވެސް އެމްޑީޕީއަށް ނުކުރެވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ