ޕޯސްޓް ޑިލީޓް ކުރެއްވުމަށް ފަހު ޝަހީމް: ޒާތީ މައުލޫމާތު ހާމަކުރެވުނު ނަމަ މައާފަށް އެދެން
މީހެއްގެ ޒާތީ މައުލޫމާތު އާންމުކުރެވިފައިވާނަމަ އެކަމަށް ޓަކައި މައާފަށް އެދިވަޑައިގަންނަވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް މިގޮތަށް ވިދާޅުވީ، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އާދިއްތަ ދުވަހުގެރޭ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ވިލިނގިއްޔަށް ވަޑައިގެން ބޭއްވި ޖަލްސާގައި އެކަނިވެރި މަޔަކު ދެއްކި ވާހަކައިގެ ރައްދުގައި، ޝަހީމް އިއްޔެ ލިޔުއްވި ޕޯސްޓަކާ ގުޅިގެންނެވެ. މި ބައްދަލުވުމުގައި ވާހަކަދައްކަމުން އަންހެނަކު ބުނީ އޭނާގެ އެންމެ ހަގު ދަރިފުޅަކީ ލޯފަން ކުއްޖެއް ކަމަށެވެ. އެހެންކަމުން، ރާއްޖެއިން ބޭރަށް ގޮސް 2023 ވަނަ އަހަރު އެ ކުއްޖާގެ ލޮލަށް ފަރުވާ ކުރުމަށްފަހު ރާއްޖެއަށް އައުމުން، ދެން ތިބި ކުދިންނަށް އިހުމާލުވީ ކަމަށް ބުނެ ސޯޝަލް މިނިސްޓްރީން އެކުދިން، އެކުދިންގެ ބައްޕައާ ހަވާލުކުރި ކަމަށް އޭނާ ބުންޏެވެ. އަދި ކުދިންގެ ބައްޕައަކީ ބޮޑު ކުށްވެރިއެއް ކަމަށްވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް އެ ހުރިހާ ކަމެއްގެ ތެރެއިން ވެސް އޭނާގެ އެކައުންޓުގައި ފައިސާ ރޯލްވާ ކަމަށް ބުނެ، އޭނާއަށް ޒަކާތް ނުލިބޭނެ ކަމަށް ޒަކާތު ހައުސް އިން ނިންމި ކަަމަށް އެ އަންހެން މީހާ ބުނެފައިވެއެވެ. "މިހާރު ވެސް އަޅުގަނޑުމެން މި ތިބެނީ، ގާތްގަނޑަކަށް ހަތް ވަރަކަށް ދުވަސްވީ ފެނާ ނުލައި މި އުޅެނީ ހުރިހާ ކުދިން ގޮވައިގެން، ހުރިހާ ކުދިން މިހާރު ވެސް އެ ދަނީ މިސްކިތަށް ބީޗަށް ފާޚާނާ ކުރަން، އެކަމަކު އިސްލާމިކް މިނިސްޓްރީއަށް ޒަކާތުގައި ޖެހުނީމާ މި ބުނަނީ ހައްގެއް ނޫނޭ، އެކައުންޓު ރޯލްވެފައޭ މި ބުނަނީ، ކޮބައިތޯ އެކަނިވެރި މައިންގެ އިހުސާސްތަކަކީ؟" އެ އަންހެން މީހާ ބުންޏެވެ. އެ ބައްދަލުވުމުގައި ދެއްކި ވާހަކަ، ސޯޝަލް މީޑިއާގައި ވަރަށް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވެއެވެ. އެ ވީޑިއޯ ސޯޝަލްމީޑިއާގައި ދައުރުވާން ފެށުމުން، ޝަހީމް ވަނީ އެ އަންހެން މީހާގެ މާލީ ހާލަތު ހުރި ގޮތުގެ މައުލޫމާތު ހާމަކުރައްވާފައެވެ. އެގޮތުން، އެ އަންހެންމީހާ އެހީއަކަށް އެދުމުން ޒަކާތު ހައުސްއިން މިދިޔަ ސެޕްޓެމްބަރު މަހު އޭނާއަށް 15،500 ރުފިޔާ ދިން ކަމަށާއި އެކަނިވެރި މައިންނަށް ދައުލަތުން ދޭ އެހީވެސް އެމީހާއަށް ލިބޭ ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވަނީ އޭނާއަކީ ވަޒީފާ އަދާކުރާ މީހެއްކަން ފާހަގަކުރައްވާފައެވެ. އަދި އެ އެލަވަންސްއާއެކު މަހެއްގެ މައްޗަށް 22،000އަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީއެއް ލިބޭތީ އެމީހާ ފަގީރުންގެ ދަފުތަރަށް ނާރާ ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް، އެ މީހާގެ ބޭންކު އެކައުންޓުގައި 75،000 ރުފިޔާ އެބަހުރި ކަމަށް ވެސް ޝަހީމް މައުލޫމާތުދެއްވާފައިވެއެވެ. އަދި އެއީ އެ މީހާގެ ވާހަކައާ ގުޅިގެން ޒަކާތު ހައުސްއިން ފޯރުކޮށްދިން މައުލޫމާތުގެ ކުޑަ މިންވަރެއް ކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. އެ ޕޯސްޓާ ގުޅިގެން ޝަހީމްއަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. https://x.com/Mohamedshaheem1/status/1993239694654816646 މިއަދު ކުރެއްވި ޕޯސްޓުގައި ޝަހީމް ވިދާޅުވީ އޭނާގެ މަގުޞަދަކަށްވީ، ޒަކާތުގެ ކަމަކާ ގުޅިގެން އެ އަންހެން މީހާ ހާމަކުރި މައުލޫމާތަކީ ހަގީގަތް އޮޅޭ ގޮތަށް ހާމަކުރި މައުލޫމާތަކަށްވާތީ، ރައްޔިތުންގެ އަމާނާތް، ޒަކާތު ހައުސްއިން ރައްދުކުރަމުންދަނީ ޢަދުލުވެރިކަމާއި އިންސާފުންކަން ހާމަކުރުން ކަމަށެވެ. އަދި ފަގީރުންގެ ދަފުތަރުގައި ހިމަނަނީ އެކަމަށް ޝަރުޢީ ގޮތުން ޝަރުޠު ފުރިހަމަވާ ހައްގު މީހުންކަން ބަޔާންކޮށްދިނުމަށާއި ރާއްޖޭގައި ޒަކާތުގެ ނިޒާމު ހިންގަން ތިބި މުވައްޒަފުން ކަންކަން ކުރަނީ ތެދުވެރިކަމާއެކުކަން ބުނެދޭން ބޭނުންވި ކަމަށްވެސް ޝަހީމްގެ ޕޯސްޓުގައިވެއެވެ. އަޅުގަނޑު އެ ބޭފުޅާގެ އިންސާނީ ޝުޢޫރަށް ނުހަނު މަތީ ދަރަޖައަށް އިޙުތިރާމްކުރަން. އަޅުގަނޑު އެކަމާ ގުޅިގެން ދެންނެވި ވާހަކައިން މި ނޫން މާނައެއް ނެގުނުނަމަ، ނުވަތަ އެފަރާތުގެ ޒާތީ މަޢުލޫމާތު ހާމަކުރެވުނުކަމަށް ވާނަމަ، އެކަމަށް ނިހާޔަތަށް މަޢާފަށް އެދެންއިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީގެ އިތުރުން، ޒަކާތު ފަންޑުން އެއްވެސް ދިވެހި ރައްޔިތަކަށް ދެރަކޮށް ކަންކަން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ޒަކާތުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަށްވާއިރު، ޒަކާތު ހައުސް އުފައްދަވާފައި ވަނީ ޑިސެމްބަރު 18، 2023ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ