ސިޔާސީ ދެބަސްވުމަކަށް އާއިލީ އަރާރުމެކޭ ބުނުމަކީ ނަޝީދާއި ޞާލިޙްގެ ތޫނުފިލިކަމަށް މަލާމާތެއް: ފަޒްނާ
ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސީ ދެބަސްވުންތަކަކީ "އާއިލީ އަރައިރުމެއް"ގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. ގިނަ އަހަރުތަކެއް ވަންދެން ގާތް އެކުވެރިންގެ ގޮތުގައި ތިއްބެވުމަށް ފަހު، ޞާލިޙް، ވެރިކަމަށް ވަޑައިގަތް ފަހުން އެ މަނިކުފާނާއި ނަޝީދާ ދެމެދު ދެބަސްވުންތައް އުފެދި އެމްޑީޕީ ދެބައިވިއެވެ. އޭގެ ފަހުން ނަޝީދު އެ ޕާޓީން އިސްތިއުފާ ދެއްވިއިރު، ރިޔާސީ ދެވަނަ ދައުރެއް ހޯއްދެވުމުގައި ޞާލިޙް ނާކާމިޔާބުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އަނެއްކާވެސް އެމްޑީޕީ ތެރޭގައި ވާދަވެރިކަން އިތުރުވެފައިވާއިރު، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ފައްޔާޒް އިސްމާއީލް ވަނީ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފައެވެ. އެއާއެކު ޞާލިޙާއި، މިދިޔަ ޖޫން މަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތް ނަޝީދުގެ ވާދަވެރިކަން އަނެއްކާ ވެސް ވަނީ ބޮޑުވާން ފަށައިފައެވެ. https://sun.mv/214357 އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެބަސްވުންތަކާ ގުޅޭ ގޮތުން މިއަދު 'ފޭސްބުކް'ގައި ފަޒްނާ ލިޔުއްވި ޕޯސްޓެއްގައިވަނީ އެ ޕާޓީގައި ހުރި މައްސަލަތައް ހައްލުކުރުމަށް ޓަކައި ފުޅާ ދާއިރާއެއްގައި ވިސްނަން ޖެހޭ ކަމަށާއި، ނަޝީދާއި ޞާލިޙާ ދެމެދު އޮތީ އާއިލީ އަރާރުމެއް ކަމަށް ބުނުމަކީ އެފަދަ ވިސްނުމަށް އެޅޭ ހުރަހެއް ކަމަށެވެ. އެއަށްފަހު ފަޒުނާ ފާހަގަކުރެއްވީ ނަޝީދާއި ޞާލިޙްގެ ޒަމާންވީ ގުޅުމާއި ދެ ބޭފުޅުންގެ ހުރި އެއްގޮތް ކަންކަމެވެ. އެގޮތުން މަދަރުސީ ދައުރުން ފެށިގެން ޞާލިޙާއި ނަޝީދަކީ އެއްކަހަލަ ކަންތައްތަކަކަށް ޝައުގުވެރިކަން ހުރި އެކުވެރިންކަން ފާހަގަކުރެއްވިއެވެ. ރާއްޖެއާއި ދުނިޔޭގެ ތާރީޚީ، ސިޔާސީ، އަދި އިޤްތިޞާދީ ކަންކަމާ ގުޅޭ އެކި ފޮތްތަކާއި ލިއުންތައް ވިދާޅުވުމަށް ދެ ބޭފުޅުންގެ ޝައުގުވެރިކަން ހުންނަ ކަމާއި، ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އިތުރުން ކުޅިވަރު ކުޅުއްވުމާއި މިއުޒިކް އަޑުއެއްސެވުން ފަދަ ކަންކަމަށް ދެ ބޭފުޅުންގެ ޝައުގުވެރިކަން ހުންނަ ކަމަށް ފަޒްނާ ފާހަގަކުރެއްވިއެވެ. "ޝައުގުވެރިކަން ހުންނަ ގިނަކަންތައްތަކެއް ހުރި ނަމަވެސް ދެ ބޭފުޅުންގެ މިޒާޖު ތަފާތެވެ. އޭގެ ތަފުސީލަށް ދާކަށް ނެތީމެވެ. ނަމަވެސް ސިޔާސީ ކަންކަން ހިމެނޭގޮތަށް ކޮންމެ ކަމެއްގައިވެސް އެއްބަސްވެވޭ ކަންކަމާއި، ދެބަސްވުމަށް އެެއްބަސްވެ ދެބޭފުޅުން އެކުގައި ކުރައްވާ ކާމިޔާބު ކުރެއްވި ކަންކަން މަދެއް ނުވާނެއެވެ." ފަޒްނާ ލިޔުއްވާފައިވެއެވެ. "އަރައިނުގަނެވިގެން މިއުޅެނީ ދެބޭފުޅުން އެއްގޮޑިއެއްގައި އިށީންދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯއެވެ." ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު (ކ-ވ) -- ފޮޓޯ/ އެމްޑީޕީ ފަޒްނާ ލިޔުއްވިގޮތުގައި "އޭނަ ބުނި، އޭނަ އެހެން ހެދީމަ މިހެންވި،" ކިޔައި އެކަކު އަނެކަކަށް އިނގިލި ދިއްކުރުމަކީ ހަރުދަނާ ލީޑަރުންގެ ސިފައެއް ނޫނެވެ. އެކަމަނާ ފާހަގަ ކުރެއްވިގޮތުގައި މުހިންމީ މައްސަލަތައް ހައްލުކުރުމުގެ ނިޔަތުގައި އިށީނދެ، އެމްޑީޕީއާއި ޕާޓީގެ އިސްވެރިންގެ މެދުގައި ހުރި އުނި ސިފަތަކުގެ ވާހަކަތައް ކެރިގެން ދައްކައި، ހުރި މައްސަލަތައް ހައްލުކުރުމެވެ. https://sun.mv/214357 ޚިޔާލު ތަފާތުވުންތަކަކީ އެމްޑީޕީއަށް އާ ކަމެއްނޫން ކަމަށްވެސް ފަޒްނާ ލިޔުއްވާފައިވެއެވެ. އެއްވެސް މުއައްސަސާއަކީ މައްސަލައިން ބަރީއަވެފައި އޮންނާނެ މުއައްސަސާއެއްނޫނެވެ. މުހިންމީ ކަންކަން ހައްލުކުރުމުގެ ރޫހެއްގައި އިށީނދެ ޕާޓީއާއި ޕާޓީގެ ލީޑަރުންނާއި ލީޑަޝިޕްގައި ހުރި އުނިސިފަތަކުގެ ވާހަކަ ކެރިގެން އަޑުއަހާ އެކަންކަން ހައްލުކުރުމެވެ. ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ފަޒްނާ މިފަދައިން ފޭސްބުކްގައި ލިޔުއްވާފައިވާއިރު، އެމްޑީޕީގެ ސިޔާސީ ހަޔާތުގައި ލިބުނު އެންމެ ބޮޑު ނާކާމިޔާބީތަކުގެ ތެރޭގައި ހިމެނޭ, އެންމެ ފަހުގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު ނާކާމިޔާބުވީ ޞާލިޙު، އެ މަނިކުފާނުމެންނާ ނުލައި އެކަން ކާމިޔާބުކުރެއްވޭނެ ކަމަށް ގަބޫލު ކުރެއްވުމުން ކަމަށް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަކަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވަނީ ވިދާޅުވެފައެވެ. އެންމެ ރަނގަޅު ގޮތަކީ 2028ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޞާލިޙާއި ޚުދު އެމަނިކުފާނުވެސް ވާދަނުކުރެއްވުން ކަމަށާއި، ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ ހުރިހާ ބޭފުޅުން އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް، ނަޝީދު ފޮނުއްވި އެހެން މެސެޖެއްގައިވެއެވެ. https://sun.mv/214352 އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް، ފައްޔާޒް ވަނީ މީގެ ކުރިން ހާމަކުރައްވައިފައެވެ. ފާހަގަކުރެވޭ ގޮތުގައި ނަޝީދުގެ އަރިސް ބައެއް ބޭފުޅުން ވަނީ ފައްޔާޒަށް ތާއީދުކުރައްވާނެ ކަން ހާމަކުރައްވައިފައެވެ. ކުރިން ވަރަށް އަރިސް ދެ ބޭފުޅުން ކަމަށްވާ ޞާލިޙާއި ނަޝީދުގެ ގުޅުން ގޯސްވީ, ޞާލިޙްގެ ވެރިކަން މެދަކާ ހިސާބަށް ވެސް ނުދަނީހެވެ. ނަޝީދަށް ވާދަ ނުކުރެއްވުމުން ބަދަލުގައި ނުކުންނަވައި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޞާލިޙްގެ ވެރިކަމުގައި މަޖިލިސް ރައީސްއަކަށް ހުންނަވައި ނަޝީދު ބޭނުންފުޅުވީ ނިޒާމު ބަދަލުކޮށް, ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާށެވެ. https://sun.mv/214402 އޭގެ އިތުރުން ވެސް އެތައް ކަމެއްގައި ދެ ބޭފުޅުންގެ ވާދަވެރިކަން ބޮޑުވެ، އެންމެ ފަހުން ނަޝީދާއި އެ މަނިކުފާނުގެ ސަޕޯޓަރުން އެމްޑީޕީން ވަކިވެ, ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް ހެއްދެވިއެވެ. އެ ޕާޓީގެ އެންމެ ބޮޑު އަމާޒަކަށްވީ 2023 ގެ އިންތިޚާބުގައި ކެންޑިޑޭޓެއް ނެރެ, ޞާލިޙަށް ލިބެން އޮތް ވޯޓު މަދު ކުރުމެވެ. "އިބޫ ނޫން ގޮތެއް" ނަމުގައި މަސައްކަތްކޮށް ރައީސް ޞާލިޙަށް ދެވަނަ ދައުރެއް ލިބުނަނުދިނުމަށް އެ ޓީމުން ވަރަށް މަސައްކަތްކޮށް އެކަން ކާމިޔާބުކުރިއެވެ. ޑިމޮކްރެޓްސް އުވާލައި ނަޝީދާއި އެ މަނިކުފާނުގެ ބައިވެރިން އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ނަމަވެސް ޞާލިޙާއި ނަޝީދުގެ ވާދަވެރިކަން އަދިވެސް ފެންނަނީ ވަރަށް ބޮޑުކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ