ލޯބިވެރިޔާގެ ސެކިއުރިޓީއަށް ސަރުކާރުގެ އެޖެންޓުން ބޭނުންކުރި ކަމުގެ ތުހުމަތު، އެމެރިކާގެ އެފްބީއައި ޑިރެކްޓަރަށް

ލޯބިވެރިޔާގެ ސެކިއުރިޓީއަށް ސްވަޓް އޭޖެންޓުންނާއި އަމިއްލަ ބޭނުމަށް ސަރުކާރުގެ އެހެން ވަސީލަތްތައް ބޭނުންކުރި ކަމަށްބުނެ، އެމެރިކާގެ އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓޭލްއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ. ޕަޓޭލްގެ ލޯބިވެރިޔާ އެލެކްސިސް ވިލްކިންސްއަކީ ލަވަކިޔުންތެރިއެކެވެ. މިދިޔަ ބަހާރު މޫސުމުގައި ޖޯޖިއާގެ އެޓްލާންޓާގައި ބޭއްވި ނޭޝަނަލް ރައިފަލް އެސޯސިއޭޝަން (އެންއާރުއޭ)ގެ އަހަރީ ކޮންވެންޝަންގައި ވިލްކިންސް ވަނީ ގައުމީ ސަލާމް ކިޔާފައެވެ. ޕަޓޭލް ވަނީ ވިންކިސްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ދެ ސްވަޓް އެޖެންޓުން އެތަނަށް ފޮނުވުމަށް އަމުރުކޮށްފައެވެ. އެޖެންޓުން ހަފްލާ ނުނިމެނީސް އެތަނުން ދިޔަ ނަމަވެސް ދިޔައީ އެ ސަރަހައްދުގެ އަމާންކަން ކަށަވަރުކުރުމަށްފަހުއެވެ. ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ޕަޓޭލް ވަނީ އެކަމާ ނުރުހުން ފާޅުކޮށް، އޭނާގެ ލޯބިވެރިޔާ ރައްކާތެރި ކަމެއްނެތި ދޫކޮށްލީ ކަމަށް ބުނެފައެވެ. އޭގެއިތުރުން ފާއިތުވި މަސްތަކުގައި ވިލްކިންސް ބައިވެރިވާ ސިޔާސީ އިވެންޓުތަކާއި، އޭނާ ލަވަކިޔާ ހަފްލާތަކުގައާއި އެމެރިކާގެ އެކި ސިޓީތަކުގައި ހުރި އޭނާގެ ގެތަކުގެ ސެކިއުރިޓީ ބެލެހެއްޓުން ވެސް އެފްބީއައިގެ ޓެކްޓިކަލް ޓީމުތަކަކާ ހަވާލުކޮށްފައިވާ ކަމަށް އެކި މީހުން ހެކިބަސް ދީފައިވެއެވެ. ހަމައެއާއެކު އަމިއްލަ ކަންކަމުގައި ސަރުކާރުގެ ޖެޓުތައް ބޭނުންކުރާ ކަމަށް ބުނެވެސް ޕަޓޭލްއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ވަނީ ކާނޭޖީ ކްލަބްގައި ބޭއްވި ޕްރައިވެޓް ގޯލްފް އިވެންޓެއްގައި ބައިވެރިވުމަށް އޮގަސްޓް މަހުގެ ފަހުކޮޅު ސަރުކާރުގެ ޖެޓެއްގައި ސްކޮޓްލޭންޑްގެ އެއާޕޯޓަކަށް ދަތުރުކޮށްފައެވެ. އަދި މިދިޔަ މަހު ޓެކްސަސްއަށް ކުރި ޒިޔާރަތަކަށް ވެސް ސަރުކާރުގެ މަތިންދާބޯޓެއް ބޭނުން ކުރިއެވެ. އޮގަސްޓް 25 ވަނަ ދުވަހު ވިންކިންސް ލަވަކިޔާތީ ޕެންސިލްވޭނިއާގައި ބޭއްވި ރެސްލިން އިވެންޓަކަށް ސަރުކާރުގެ މަތިންދާބޯޓެއްގައި ފުރި ކަމަށްވެސް ފްލައިޓް ޓްރެކިން ރެކޯޑްތަކުން ކަށަވަރުކޮށްދީފައިވެއެވެ. އެކަންތައްތަކާ ގުޅިގެން މަދަނީ ގްރޫޕްތަކުން ވަނީ ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ޕަޓޭލްގެ އޮފީހުން ވަނީ އެ ފިޔަވަޅުތައް ދިފާއުކޮށް، ވިލްކިންސްއާ އޮންނަ ގުޅުމުގެ ސަބަބުން އެތައް ސަތޭކަ މަރުގެ އިންޒާރުތަކެއް ޕަޓޭލްއަށް ލިބިފައިވާ ކަމަށާއި، ސެކިއުރިޓީއާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްފައި ވާނީ އުސޫލުތަކުގެ މަތިން ކަމަށް ބުނެފައެވެ. އިންޑިއާގެ ދެމަފިރިންނަށް ލިބުނު ޕަޓޭލްއަކީ ނިއުޔޯކަށް އުފަން މީހެކެވެ. ޕަޓޭލް އޭނާގެ ކެރިއަރު ފެށީ ފްލޮރިޑާގެ މިއާމީގައި ޕަބްލިކް ޑިފެންޑަރެއްގެ ގޮތުގައެވެ. ފަހުން އޭނާ ވަނީ މިނިސްޓްރީ އޮފް ޖަސްޓިސްގެ ކައުންޓާ ޓެރަރިޒަމް ޑިވިޝަނާއި، ހައުސް އިންޓެލިޖެންސް ކޮމިޓީއާއި ވައިޓް ހައުސް ނޭޝަނަލް ސެކިއުރިޓީ ކައުންސިލް (އެންއެސްސީ)އާއި ޑިފެންސް ޑިޕާޓްމަންޓުގެ މުހިންމު މަގާމުތަކުގައި ވެސް މަސައްކަތް ކުރައްވާފައެވެ. ފޮކްސް ނިއުސްގެ ޕެނަލިސްޓެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާ ޕަޓޭލް އެފްބީއައިގެ ޑިރެކްޓަރަކަށް އައްޔަން ކުރައްވާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ