ގާނޫނުއަސާސީއަށް ދެކޮޅު ނުޖެހޭ އިސްލާހު ގެންނަ ކަމަށް ވިދާޅުވެ، އިބުރާ ހަނދާންކޮށްދެއްވީ އުޝާމްގެ ޒިންމާ
މި ސަރުކާރުން ގާނޫނުއަސާސީއަށް ދެކޮޅު ނުޖެހޭ ދެ އިސްލާހެއް ގެނެސްފައިވާ ކަމަށާއި، އެފަދަ ކަންކަން ހިނގިޔަނުދިނުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއް ކަމަށް، ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް (އިބުރާ) މިއަދު ވިދާޅުވެއްޖެއެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ ފުރަތަމަ އިސްލާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 20ގައެވެ. އެއީ މެންބަރުން ޕާޓީން ވަކިވުމުންނާއި، ވަކިކުރުމުން ވެސް ވަގުތުން ގޮނޑި ގެއްލޭ ގޮތަށެވެ. އެ އިސްލާހާ އެކު މެންބަރުން 'ތަޅުއެޅުވުނީ' ކަމަށް ބުނެ ގިނަ ބަޔަކު ނުރުހުން ފާޅުކުރިއެވެ. https://sun.mv/214349 އޭގެ ފަހުން، މި މަހު 16 ވަނަ ދުވަހު ސަރުކާރުގެ ފަރާތުން ވަނީ މެންބަރުން ޕާޓީން ވަކިކޮށްފި ނަމަ، ގޮނޑި ގެއްލޭނީ ދާއިރާގެ ރައްޔިތުންގެ ވޯޓަކުން ކަމަށް ކަނޑައަޅަން އިސްލާހެއް ހުށަހަޅާފައެވެ. ނަމަވެސް، ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ދާއިރާގެ ރައްޔިތުންގެ ވޯޓެއް ނަގަންޖެހޭ ގޮތަށް އޮތްބައި އުނިކުރަން ހުށަހަޅުއްވާފައެވެ. އެހެންވެ، އިސްލާހު އުނިކޮށް، ބިލު ވަނީ ފާސްކޮށްފައެވެ. އޭގެ އިތުރުން މިއަދު މަޖިލީހުން ވަނީ، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލަން ސަރުކާރުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ފާސްކޮށްފައެވެ. އެ އިސްލާހު ކޮމިޓީން ފާސްވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ވޯޓު ހިމެނޭހެން 75 މެންބަރުންގެ ވޯޓުންނެވެ. https://sun.mv/214407 މި ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތަކަށް އިޝާރާތް ކުރައްވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އިބުރާ ވިދާޅުވީ، މިއަދު ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ދެކޮޅު ނުޖެހޭ ގޮތަށް ގެނައި ދެވަނަ އިސްލާހު ކަމަށެވެ. އޭނާ ވިދާޅުވީ ގާނޫނުއަސާސީއަށް ބަދަލެއް ގެންނައިރު، އެ ބަދަލެއްގެ ސަބަބުން، ގާނޫނުއަސާސީގައި ބަޔާންކޮށްފައި ދެންހުރި ކަންކަމަށް އަންނާނޭ ލޮޅުންތަކަށް ވިސްނަން ޖެހޭނެ ކަމަށެވެ. އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިބްރާހިމް އިސްމާއިލް --- ސަން ފޮޓޯ އެހެންނަމަވެސް މި ސަރުކާރުން ދެކޮޅުނުޖެއްސޭ ގޮތަށް ދެ ފަހަރަކު ގާނޫނުއަސާސީ އިސްލާހުކޮށްފައިވާ ކަމަށް ވިދާޅުވެ، އިބުރާ ފާހަގަކުރެއްވީ އެފަދަ ކަންކަން ހުއްޓުވުމަކީ ބަންޑާރަނައިބުގެ މަސްއޫލިއްޔަތެއް ކަމަށެވެ. "ބަންޑާރަނައިބަކީ ގާނޫނީ ގޮތުން ފާހަގަކޮށްލެވޭ ފަދަ މަސައްކަތްތަކެއް ކޮށްފައިވާ މީހަކަށް ވުން ލާޒިމުކޮށްފައި އޮންނަނީ އެހެންވެގެންނެވެ." ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރައްދުވާ ގޮތަށް އިބުރާ ވިދާޅުވިއެވެ. ޕާޓީން ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު އުވާލުމަށްޓަކައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މައްސަލަ ބަލަން ސުޕްރީމް ކޯޓުން ތައްޔާރުވަމުން ދަނިކޮށް، ބެންޗުގައި ހިމެނިވަޑައިގެންނެވި ތިން ފަނޑިޔާރުން ސަސްޕެންޑުކުރިއެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު އިސްތިއުފާ ދެއްވިއިރު، އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަނީ، މަޖިލީހުގެ ވޯޓަކުން ވަކިކޮށްފައެވެ. އެ ތިން ބޭފުޅުން ސަސްޕެންޑު ކުރުމުން، އެއީ ސުޕްރީމް ކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެ އިބުރާ ހައިކޯޓަށް މައްސަލައެއް ވެސް ހުށަހެޅުއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ