ދައުވާއަށް އިއުތިރާފުވި ރައުދަށް ހުކުމް ކުރުން މާދަމާ

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި، ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް ހުކުމް ކުރުން މާދަމާއަށް ތާވަލުކޮށްފިއެވެ. މިދިޔަ ހަފުތާގައި ރައުދު ވަނީ އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އިއުތިރާފު ވެފައެވެ. ރައުދުގެ މައްޗަށް ކޮށްފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދަޢުވާއެވެ. އެ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ. މިދިޔަ އޭޕްރީލް މަހު ހިނގި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުވާ ކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅެވެ. ރައުދުގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ބުނެފައި ވަނީ، ޔުމްނު ފެންޓެނޯއީ ގެއިން މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައިނުވާތީ ކަމަށް ޕީޖީން ބުންޏެވެ. ފެންޓެނޯއީ ގެއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ރައުދު ކުރިން ބަންދު ކުރިއެވެ. އެކަމަކު، ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ އޭނާ ދޫކޮށްލަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ފުލުހުންނަށް އިރުޝާދު ދިނެވެ. https://sun.mv/207668 ޔުމްނުގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލައި، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ދިރާސާކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ