ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވައްކަންކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލޭގެ ބާޒާރުމަތީ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން އެ ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން، ބޮޑުތަކުރުފާނު މަގުގައި ހުންނަ، ބާޒާރު ޓްރޭޑިން ފިހާރަ ނުވަތަ އ. އަތޮޅު ފިހާރައިން ވައްކަން ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރީ 53 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތަކީ، ވައްކަމާއި މުދަލަށް ގެއްލުން ދިނުމާއި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ. އެ މީހާގެ ބަންދު އަމުރުން އެނގޭ ގޮތުގައި އޭނާވަނީ އެ ފިހާރައަށް ގެއްލުން ދީ، ފިހާރައިގެ ފުރާޅުން ޓިނު ނަގައިގެން އެ ތަނަށް ވަދެ، ވައްކަން ކޮށްފައެވެ. އަދި އެ ފިހާރައިން އޭނާ ވަގަށް ނެގި ތަކެތި ގޯންޏަކަށް އަޅައިގެން ގެންދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށް އަމުރުގައިވެއެވެ. އެ މައްސަލައިގެ ބަންދު މަޖިލީހުގައި އޭނާ ބުނީ، އޭނާ ކޮންމެ އެއްޗެކޭ ބުނި ނަމަވެސް، އޭނާ ބަންދު ކުރާނެ ކަމަށެވެ. އެކަމަކު ކޯޓުން ވަނީ، ބަންދު މަޖިލީހަކީ އެ ގޮތަށް ހިނގާ މަޖިލީހެއް ނޫންކަމާއި ބަންދު ކުރުމުގައި ރިއާޔަތް ކުރާނީ ހުށަހަޅައިފައިވާ ހެއްކަށް ކަމަށް ބަޔާންކޮށްދީފައެވެ. އެ މައްސަލައިގައި އެ މީހާވަނީ 10 ދުވަހަށް ބަންދުކޮށްފައެވެ. ރެކޯޑްތަކުން ދައްކާ ގޮތުން އެ މީހާއަކީ ކުރިންވެސް ވައްކަމުގެ މައްސަލަތަކުގައި ހިމެނިފައިވާ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ