އެމްޑީޕީން އެދުނީ ބީއެމްއެލް އިން ޕްރޮޖެކްޓްތަކަށް ފައިނޭންސް ނުކުރަން!

ބީލަމަށް ނުލައި 53 ޕްރައިވެޓް ކުންފުންޏަކަށް ސަރުކާރުން ބަހާލި 2.7 ބިލިއަން ރުފިޔާގެ މަޝްރޫއުތަކަށް ފައިނޭންސް ނުކުރުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އެދިއްޖެ އެވެ.ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން 206 މަޝްރޫއެއް، 53 ކުންފުންޏަކާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހެވެ.އެ މަޝްރޫއުތަކަށް ފައިނޭންސް ދޫކުރަނީ ބީއެމްއެލްއިން ކަމަށްވާއިރު، އެމްޑީޕީން ވަނީ އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބީއެމްއެލްގެ ޗެއާމަން އަހްމަދު އަލީ ހަބީބަށް ސިޓީއެއް ފޮނުވައިފަ އެވެ.އެ ސިޓީގައި އެމްޑީޕީން ބުނީ ބިޑަކާ ނުލައި ސަރުކާރަށް އެކި ކުންފުނިތަކަށް މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް ޕަބްލިކް ފައިނޭންސް ގާނޫނަށް ސަރުކާރުން އެކި ފަހަރު މަތިން ބަދަލު ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.އެ ބަދަލުތަކާއެކު ސަރުކާރުން ވަނީ ޕްރައިވެޓް 53 ކުންފުންޏަކަށް ބިޑަކާ ނުލައި 206 މަޝްރޫއު ހަވާލުކޮށް، އެ މަޝްރޫއުތަކަށް ބީއެމްއެލްއިން ފައިނޭންސް ކުރާ ގޮތަށް ހަމަޖައްސާފަ އެވެ.އެ 206 މަޝްރޫއުއަށް ބޭނުންވާ ކުންފުނިތައް ބީއެމްއެލް އިން ކަނޑައެޅުމުގެ ބަދަލުގައި އެކަން ކުރިއަށް ގެންދިޔައީ ސަރުކާރުން ކަމަށާއި މަޝްރޫއުތައް ހަވާލުކުރި ކުންފުނިތަކަށް މަޝްރޫއުތައް ހިންގުމުގެ ގާބިލުކަން ހުރިކަން ވެސް ރަނގަޅަށް ކަށަވަރު ނުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ."އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ސިޓީގައިވެއެވެ.އެ 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފަށް ވެސް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެމްޑީޕީން ސިޓީއެއް ހުށަހަޅާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ