ދެ ނިކަ ގަސް ނަގައި، ވިލިމާލޭގައި 300 ގަސް އިންދާނެ: ރައީސް

ފެހިކަން ގަދަ ވިލިމާލެއިން ދެ ނިކަ ގަސް ނެގުމަށް ފަހު، އެ އަވަށުގައި 300 ގަސް އިންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ވިލިމާލޭގައި ބޮޑު ދެ ނިކަ ގަސް ހުރެއެވެ. އޭގެ ތެރެއިން އެއް ގަސް ހުންނަނީ ފުލުހުންގެ ސްޓޭޝަން ކައިރިއެވެ. އަނެއް ގަސް ހުންނަނީ އެ ރަށުގެ "ވޯޓާ ސްޕޯޓްސް ބީޗް" ސަރަހައްދުގައެވެ. އޭގެ ތެރެއިން އެ ވޯޓާ ސްޕޯޓްސް ބީޗާ ދިމާލުގައި ހުންނަ ގަހުގެ މުލާއި ގޮފިތަކުގެ ސަބަބުން އެ ސަރަހައްދުގެ ގޭގެއަށް ދަތިވާކަމުގެ ޝަކުވާ ރައްޔިތުން ކުރެއެވެ. ރައީސް ރޭ، ވިލިމާލޭގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޝުއޫރު ފާޅުކުރި މީހަކު ވަނީ އެ ރަށުގައި ހުރި ނިކަގަހުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާތީ އެ ކަމަށް ރައީސްގެ ޖަވާބެއް ބޭނުންވާ ކަމަށް ބުނެފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް، އެ ގަސް އެ ތަނުން ނަގަން ބޭނުންވާ މީހުން އަތްމައްޗަށް ނެގުމަށް އެދިވަޑައިގަތެވެ. ގިނަ ބަޔަކު އަތްމައްޗަށް ނެގުމުން ރައީސް ވިދާޅުވީ "އެހެންވީމަ, ގާތްގަނޑަކަށް އިއްތިފާގުން ފާސްވީ" ކަމަށާއި އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އެ ނިންމެވުމާ ބައެއް މީހުން ވަނީ، ދުވަސްވީ، ބިޔަ ގަސްތައް ކެނޑުމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. https://sun.mv/214346 އެ ކަންބޮޑުވުންތަކާ ގުޅިގެން މިރޭ ރައީސް ވިދާޅުވީ، މި ސަރުކާރަކީ ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އެގޮތުން، މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ކޮށްފައިނުވޭ މަސައްކަތެއް ކަމަށްވާ، ފަސް އަހަރު ތެރޭ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއު މި ސަރުކާރުން ކުރިއަށްގެންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ގަސް ކެނޑުން ފަދަ ކަންކަމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި ނަމަވެސް، އިންސާނީ ދިރިއުޅުމަށް އުނދަގޫވާނަމަ ގަސް ނެގުމަކީ ގަސް އިންދުމާ ދެކޮޅުވުން ނޫން ކަމަށެވެ. މިހާރު ވިލިމާލެއިން ނަގާ ދެ ނިކަގަހުގެ ބަދަލުގައި، އަޅުގަނޑު އޮންނާނީ އެންވަޔަރަމެންޓް މިނިސްޓަރަށް ދަންނަވާފައި މުޅި ވިލިމާލޭގައި މަދުވެގެން 300 ގަސް ޖަހަން ވާނެއޭ. މިހާރު އެ ބޭފުޅުން އެ ޕްރޮގްރާމް އެ ފަށަނީ، ދެ ގަހުގެ ބަދަލުގައި 300 ގަސްރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސް ވިދާޅުވީ، ފަސް މިލިއަން ގަސް އިންދުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން މިހާރު ގާތްގަނޑަކަށް އަށް ލައްކަ ގަސް އިންދައިފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ތެރޭ ފަސް މިލިއަން ހަމަކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މާލެ, ވިލިމާލެ, ހުޅުމާލެ ހިމެނޭ ގޮތަށް އިދާރީގޮތުން އެއް ސަރަހައްދަކަށް ހިންގަމުން އަންނައިރު ވިލިމާލެއަކީ އޭގެ ތެރެއިން އެންމެ ކާރުބާރޫ ކުޑަ, އަދި ފެހި އަރާމު އަވަށެވެ. އެ އަވަށުގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ދިރިއުޅުނު ނަމަވެސް ގިނަ ޚިދުމަތްތަކެއް އެކަށީގެންވާ ފެންވަރުގައި ނުލިބޭކަމުގެ ޝަކުވާ ބޮޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ