އައްޑޫ ކަރަންޓު މައްސަލަ ޙައްލުކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ދަނީ ކުރަމުން: ފެނަކަ

އައްޑޫ ސިޓީގެ ކަރަންޓުގެ ދަތިކަން ޙައްލުކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް ފެނަކަ ކޯޕަރޭޝަނުން ކުރަމުންދާ ކަމަށް ފެނަކަގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) މުޙައްމަދު ނަޖާޙް ވިދާޅުވެއްޖެއެވެ. ނަޖާޙް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް (އެސްއޯއީ) ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީ ނަޖާޙް ވިދާޅުވި ގޮތުގައި، މި ސަރުކާރުން އައްޑޫގެ ކަރަންޓުގެ މައްސަލަ ޙައްލުކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދީފައިވާ ކަމަށާއި، މިހާތަނަށް އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި މި ގެނައި ޖަނަރޭޓަރުތަކަށް މިއަދާ ހަމައަށް އެއްވެސް މައްސަލައެއް ދިމާވެ، ޝަޓްޑައުންވެފައި ނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
ނަޖާޙް އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ރޯދަ މަހަށް ޚާއްސަކޮށް އިތުރު 1.8 މެގަވޮޓްގެ ޖަނަރޭޓަރެއް އައްޑޫއަށް އަރުވަން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ. "މިއަދާއި ހަމައަށް އަޅުގަނޑުމެން 12 މެގަވޮޓް އެރުވިއްޖެ. އަދި އޭގެ އިތުރުން މި 1.8 މެގަވޮޓް އެރުވީމަ ގާތްގަނޑަކަށް 13، 14 މެގަވޮޓް އަޅުގަނޑުމެންނަށް ޖެނެރޭޓް ކުރެވޭނެ،" ނަޖާޙް ވިދާޅުވިއެވެ. މީގެ އިތުރުން، ހަލާކުވެފައި ހުރި ޖަނަރޭޓަރުތައް މަރާމާތުކޮށް އަލުން ބޭނުންކުރެވޭނެ މިންވަރަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމަށް ބޭނުންވާ ސްޕެއަރ މެޓީރިއަލްސް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަސައްކަތްތައް ނިމޭއިރު، އައްޑޫގެ ކަރަންޓު ސިސްޓަމްއަށް ގާތްގަނޑަކަށް 16 ނުވަތަ 17 މެގަވޮޓްގެ ކެޕޭސިޓީ ގެނެވޭނެ ކަމަށް އޭނާ ލަފާކުރެއްވިއެވެ.
އެމްޑީ ނަޖާޙް ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ވެރިކަމާ ޙަވާލުވިއިރު ލިޔެކިޔުންތަކުން ދައްކާ ގޮތުގައި 2019 އިން ފެށިގެން 2023 އަށް 14 ޖަނަރޭޓަރެއް އައްޑޫއަށް ގެންގޮސްފައިވެއެވެ. ނަމަވެސް، މި ޖަނަރޭޓަރުތަކުގެ ތެރެއިން 2 ޖަނަރޭޓަރެއް ފިޔަވައި ހުރިހައި ޖަނަރޭޓަރެއް ހުރީ ހަލާކުވެފައި ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ