ލިޒްބަން، ޕޯޗުގަލް (ނޮވެމްބަރު 25) - ވޯލްޑް ކަޕް ކޮލިފައިންގައި، ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ، އަށް އެ ޓީމުން އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑުގެ ސަބަބުން އަންނަ ސަސްޕެންޝަނާ ހެދި އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕްގެ ފުރަތަަމަ މެޗު ނުގެއްލޭނެ ކަމަށް ފީފާ އިން ކަނޑައަޅައިފި އެވެ.
ރޮނާލްޑޯ، 40، އަށް، އަޔަލެންޑް އަތުން 2-0 އިން ޕޯޗުގަލް ބަލިވި އެ މެޗުގެ 61 ވަނަ މިނިޓްގައި ސީދާ ރަތް ކާޑެއް ދެއްކީ އަޔަލެންޑުގެ ޑަރަ އޯޝެއާ އަށް ފައުލުކުރުމުންނެވެ. ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ޔަގީންކޮށްފައި ދެއްކި މި ކާޑާ އެކު، މިއީ، ރޮނާލްޑޯ، ޕޯޗުގަލް އަށް ކުޅުނު 226 މެޗުގެ ތެރެއިން ސިދާ ރަތެއް ދެއްކި ފުރަތަމަ ފަހަރެވެ.
އެ ރަތް ކާޑުގެ ސަބަބުން، ޕޯޗުގަލް އިން އަރްމީނިއާ އަތުން 9-1 އިން މޮޅުވެ، ވޯލްޑް ކަޕްގެ ޖާގައެއް ހޯދި މެޗުގައި، ރޮނާލްޑޯ ހުރީ ސަސްޕެންޝަނުގަ އެވެ. ރޮނާލްޑޯ އަށް އެ ރަތް ކާޑުގެ ސަބަބުން، ތިން މެޗުގެ ސަސްޕެންޝަނެއް އަތުވެދާނެ ކަމަށާއި، އެގޮތަށް އެކަން ނިމިއްޖެނަަމަ، ވޯލްޑް ކަޕްގައި ޕޯޗުގަލް އިން ކުޅޭ ފުރަތަަމަ ދެ މެޗު ރޮނާލްޑޯ އަށް ގެއްލޭނެ ކަަަމަށް ބެލެވުނެވެ.
އެކަމަކު، ފީފާ އިން ނިންމީ، ރޮނާލްޑޯގެ އެ ރަތް ކާޑަށް އެއް މެޗުގެ ސަސްޕެންޝަނެއް ރަނގަޅު ކަމަށެވެ. މާނަ އަކީ، އަރްމީނިއާ މެޗުގައި ރޮނާލްޑޯ ވަނީ އެ ރަތް ކާޑަށް ދިން ސަސްޕެންޝަނުގެ އަދަބު ތަންފީޒުކޮށްފަ އެވެ.
ރޮނާލްޑޯ، ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ސަސްޕެންޑެއް ނުވި ރޮނާލްޑޯ، ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ސަސްޕެންޑެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ