206 މަޝްރޫއަށް ބީއެމްއެލްއިން ފައިނޭންސްކުރާ ނަމަ، މާލީ ބޮޑު ގެއްލުމެއްގެ ފުރުސަތު ބޮޑު: އެމްޑީޕީ
ބީލަމަށް ނުލާ ސަރުކާރުން ހަވާލުކުރި 206 މަޝްރޫއަށް ގައުމީ ބޭންކު، ބީއެމްއެލްއިން ފައިނޭންސް ދޫކުރަނީ ގާނޫނާ ޚިލާފަށް ކަމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތުހުމަތުކޮށްފިއެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުގެ ދަށުން ސަރުކާރުން 206 މަޝްރޫއެއް، 53 ކުންފުންޏަކާ ހަވާލުކުރީ މި މަހުގެ ހަވަނަ ދުވަހެވެ. އެ މަޝްރޫއުތަކަށް ފައިނޭންސް ދޫކުރަނީ ބީއެމްއެލްއިން ކަމަށްވާއިރު، އެމްޑީޕީން ވަނީ އެ މަޝްރޫއުތަކާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް ބީއެމްއެލްގެ ޗެއާމަން އަހްމަދު އަލީ ހަބީބަށް ސިޓީއެއް ފޮނުވައިފައެވެ. ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފްގެ ނަމުގައި ފޮނުވި ސިޓީގައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގައި ބަޔާންކުރާ މައިގަނޑު އުސޫލަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއި ވާދަވެރިކަމާއެކު ކުރިއަށްގެންދެވޭ ބީލަމުގެ އުސޫލުން މުދަލާއި ޚިދުމަތާއި ތަކެތި ދައުލަތަށް ހޯދުން ކަމަށެވެ. https://sun.mv/213565 އެ ގާނޫނުގައި ބާރު ދީފައިނުވާ އެއްވެސް ކަމެއް ސަރުކާރުގެ ވުޒާރާއަކުން ގަވައިދު ހަދައިގެން ނުކުރެވޭނެ ކަމަށާއި، ނަމަވެސް ސަރުކާރުން "ނިޒާމީ ގޮތެއްގައި ކޮރަޕްޝަން ހިންގުމަށް ޖާގަ ހޯދުމުގެ ގޮތުން" އިއުލާނުކުރުމަކާ ނުލާ އަދި ބީލަމަށް ހުޅުވާލުމެއް ނެތި ކެބިނެޓަށް މަޝްރޫއުތައް ދެވޭގޮތަށް ގާނޫނާ ޚިލާފަށް މާލިއްޔަތު ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް އެ ސިޓީގައިވެއެވެ. ހަމަ އެއާއެކު، އެ މަޝްރޫއުތަކަށް ފައިނޭންސިން ހަމަޖައްސާނީ ބީއެމްއެލުން ކަމަށް ސަރުކާރުން ބުނިކަން ފާހަގަކުރައްވައި މައުރޫފް ލިޔުއްވިގޮތުގައި އެ މަޝްރޫއުތަކުގެ މަސައްކަތްތައް ހަވާލުކުރި ކުންފުނިތަކާއި މަޝްރޫއުތައް ހިންގުމަށް ރާވާފައިވާ ގޮތަށް ބެލުމުން، ބީއެމްއެލްގެ އުސޫލުތަކާ އެއްގޮތަށް ފައިނޭންސް ނުކުރެވޭނެކަން ފާހަގަވެއެވެ. https://x.com/MDPSecretariat/status/1993331971733549493 އެގޮތުން އެއް ކަމަކަށް، ބޭންކުން ފައިނޭންސް ހަމަޖައްސާނެ މަޝްރޫއުތަކާއި ފައިނޭންސް ދޭނެ ކުންފުނިތައް ކަނޑައެޅޭނީ ބޭންކުގެ އުސޫލުތަކާއި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެކަން ކުރެވިދާނެކަމަށް އަދި އެއީ ރަނގަޅު ނިންމުމެއްކަމަށް ބޭންކުން ނިންމުމަށްފަހު ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކަކީ އިމާރާތްކުރުމުގެ އެއްވެސް މަސައްކަތުގެ ތަޖުރިބާ ނެތް ކުންފުނިތަކެއް ކަމަށް ބުނެ، މަޝްރޫއުތަކުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމޭނެތޯ އެމްޑީޕީން ސުވާލު އުފެއްދިއެވެ. "މި ކުންފުނިތަކަށް ބޭންކުން ފައިނޭންސް ދޫކޮށްފިނަމަ، އެ ކަމުގެ ސަބަބުން މާލީ ގޮތުން ބޮޑު ގެއްލުމެއް ބޭންކަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ،" އެ ސިޓީގައި ވެއެވެ. އެއްވެސް ގެރެންޓީއެއް ބެހެއްޓުމަކާ ނުލައި އެ ކުންފުނިތަކަށް ފައިނޭންސް ދޫކުރުމަކީ ބޭންކުގައި ހުރި ފައިސާ ސީދާ 100 ޕަސެންޓު ރިސްކު ހިމެނޭ މުއާމަލާތަކަށް ދޫކޮށްލުން ކަމަށާއި، އެކަން ވާނީ ބީއެމްއެލުން އުސޫލާ ޚިލާފަށް ކުރާ ކަމެއްގެ ގޮތުގައި ކަމަށް އެމްޑީޕީން ބުންޏެވެ. https://sun.mv/213647 އެހެންކަމުން އެ މަޝްރޫއުތަކަށް ފައިނޭންސްކުރުން ހުއްޓާލަން އެމްޑީޕީން ވަނީ ގޮވާލައިފައެވެ. "އަދި، ދެން އުފެދޭ ސަރުކާރުގައި، މި މައްސަލަތައް އަވަހަށް ބަލައި، މި ކަންކަމުގައި ޝާމިލުވާ އެންމެނާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" އެ ސިޓީގައިވެއެވެ. އެ 206 މަޝްރޫއަށް ފައިސާ ދިނުން ހުއްޓުވުމަށާއި އެގޮތަށް މަޝްރޫއުތައް ކެބިނެޓުން ދޭން މަގުފަހިވާ ގޮތަށް ނިންމި މައްސަލަ ބެލުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، ޕްރޮސެކިއުޓަރު ޖެނެރަލް އައްބާސް ޝަރީފަށް ވެސް މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެމްޑީޕީން ސިޓީއެއް ހުށަހަޅާފައިވެއެވެ. https://sun.mv/214051 މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، މި ހިނގައިދިޔަ މުއްދަތުގައި ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރަމުން އަންނަނީ ވާދަވެރި މާހައުލެއް ނެތި ސަރުކާރު ކުންފުނިތަކާއެވެ. އެހެންވެ އަމިއްލަ ކުންފުނިތަކުން އެކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ