ފައްޔާޒުގެ ތާއީދު އަލީ އާޒިމަށް: އަލީ މޭޔަރަކަށް ނުހޮވޭނަމަ، ރިޔާސީ އިންތިޚާބުގައި ގޮންޖެހުން ބޮޑުވާނެ

އިދިކޮޅު އެމްޑީޕީން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވަން މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމަށް, ޕާޓީގެ ޗެއާޕާސަން ކަމުން މި ހަފުތާގައި އިސްތިއުފާ ދެއްވި ފައްޔާޒު އިސްމާއީލް ތާއީދު ކުރައްވައިފިއެވެ. އަލީ އާޒިމްގެ އިތުރުން މާލޭގެ މިހާރުގެ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ދެވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފައެވެ. އާދަމް އާޒިމް އުޅުއްވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ވަރަށް ގާތްކޮށް ކަމަށްވާއިރު، ނަޝީދު ވަނީ އަލީ އާޒިމަށް ތާއިދުކުރައްވައިފައެވެ. މިދިޔަ އާދިއްތަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒަށް، ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ ތާއީދު ކުރައްވަމުންނެވެ. މިއަދު ފައްޔާޒު ވަނީ، އަލީ އާޒިމާއި ޕާޓީގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި އޭނާގެ ތާއީދު ފާޅުކުރައްވައިފައެވެ. https://sun.mv/213708 ފައްޔާޒު ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އާދަމް އާޒިމަކީ ގާބިލުކަން ދައްކަވައިފައިވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް، އިދިކޮޅު ޕާޓީއެއްގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމުގައި ހުންނަވާއިރު ސަރުކާރު ޒިންމާދާރުކުވުމަކީ ވަރަށް ބޮޑު ޒިންމާއަކަށްވާއިރު، އޭނާއަށް އެ ޒިންމާ އަދާނުކުރެވޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މާލޭ މޭޔަރު ކަމަށް ވާދަކުރަން، އެމްޑީޕީ ޓިކެޓަށް އެދި އާޒިމް 2023ގައި ފޯމް ހުށަހެޅުއްވުން: ފައްޔާޒު ވަނީ، ސަރުކާރު ޒިންމާދާކުރުމުގެ މަސައްކަތް އާޒިމަށް ނުކުރެވޭ ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ އޭނާ ވިދާޅުވި ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޒިންމާދާރު ކުރެވޭނީ އަލީ އާޒިމަށެވެ. އެގޮތުން މިހާރު ސަރުކާރުން ހިންގާ ކަމަށް ތުހުމަތުވާ ކޮރަޕްޝަނުގެ މައްސަލަތަކާއި، ރައީސް މުއިއްޒުގެ މޭޔަރު ކަމުގައި ހިންގައިފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަންކަން އަލީ އާޒިމް، މުއައްސަސާތަކަށް ހުށަހަޅުއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވައިފައިވާ ފައްޔާޒު ވިދާޅުވީ، އަލީ އާޒިމް މޭޔަރު ކަމަށް ނުހޮވިއްޖެނަމަ އެ އިންތިޚާބު ކާމިޔާބު ކުރަން އެމްޑީޕީއަށް ބޮޑެތި ގޮންޖެހުންތައް ދިމާވާނެ ކަމަށެވެ. އެހެންވެ، މޭޔަރު ކަމަށް އަލީ އާޒިމަށް ތާއީދު ކުރުމަށް ފައްޔާޒު ވަނީ އެދިވަޑައިގެންފައެވެ. https://sun.mv/214357 އެމްޑީޕީގެ ތެރޭގައި މިހާރު ވަނީ ކައުންސިލް އިންތިޚާބުގެ އިތުރުން، ރިޔާސީ ޕްރައިމަރީއަށް ވެސް ވާދަވެރިކަން ބޮޑުވެފައެވެ. އެ ޕާޓީން ރައީސް ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ފައްޔާޒުގެ އިތުރުން ޞާލިޙާއި ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހިމެނެއެވެ. ނަޝީދު ވަނީ، އެމްޑީޕީއަށާއި ދިވެހި ރާއްޖެއަށް ވެސް ރަނގަޅު ވާނީ ޞާލިޙާއި އެ މަނިކުފާނު ވެސް 2028ގެ ރިޔާސީ އިންތިޚާބުގައި ވާދަނުކުރުން ކަމަށާއި އެންމެ ރަނގަޅު ގޮތަކީ އެންމެން ވެސް އެއް ކެންޑިޑޭޓެއްގެ ފަހަތަށް އެރުން ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ