އިތުރު ޑްރެޖަރެއް ގެނެސްފި، 3 މަސްތެރޭ ގިރާވަރުފަޅާއި ހުޅުމާލެ ތިންވަނަ ފިޔަވަހި ނިންމަނީ

ބިން ހިއްކުމުގެ މަސައްކަތަށް އިތުރު ޑްރެޖަރެއް ގެނެސްފައިވާ ކަމަށާއި ކުރިއަށް އޮތް ތިން މަސްތެރޭ ގިރާވަރު ފަޅާއި، ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކައި ނިމޭނެ ކަމަށް ބެލެވޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރިއަށް ގެންދާ ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަލުން ފެށީ، މިމަހު ދިހައެއްގައެވެ. ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން އިތުރު ޑްރެޖަރެއް ނެދަލޭންޑްސްއިން ގެނެސްފައިވާ ކަމަށެވެ. އެ ޑްރެޖަރުން މާދަމާ އެ ސަރަހައްދު ހިއްކަން ފަށާނެ ކަމަށާއި، އަންނަ މަހުގެ ނިޔަލަށް އެ ތަން ހިއްކާ ނިމޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. https://x.com/MMuizzu/status/1993283109123432547 ހަމައެއާއެކު ގިރާވަރުފަޅުގައި 'ބަންޑް ވޯލް' ޖެހުމުގެ މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިމުނުހާ އަވަހަކަށް ފަށާނެ ކަމަށާއި، އެތަން ހިއްކަން ފަށާނީ ހުޅުމާލެ ތިން ވަނަ ފިޔަވަހި ހިއްކަން ބޭނުންކުރާ ދެ ޑްރަޖަރުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި، ގިރާވަރުފަޅު ކުރިއަށް އޮތް ދެ މަސް ނުވަތަ ތިން މަސް ތެރޭގައި ހިއްކާ ނިމޭނެއެވެ. ފާހަގަކުރެވޭ ގޮތުގައި، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީ)އާ ހަވާލުކޮށްގެން ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ. އެ މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، ވަރަށް ފަހުން އަލުން ފެށީ ތިންވަނަ ފިޔަވަހިން ބާކީ 38 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތްތަކެވެ. https://sun.mv/213726 ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފުރަތަމަ ފެށި އެ މަޝްރޫއުގެ ދަށުން މިހާތަނަށް ވަނީ 24 ހެކްޓަރުގެ ބިން ހިއްކާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ