އާޒިމާއަށް ކުރި ދައުވާ ކުރިއަށް ނުގެންދަން ޕީޖީ ނިންމަވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުންހުރި މައްސަލާގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނެވި މ. އާސްތާނާ، އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކުރިއަށް ނުގެންދަން ޕްރޮސެކިއުޓާ ޖެނެރަލް ނިންމަވައިފިއެވެ.
2015 ވަނަ އަހަރު ހިންގި އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އާޒިމާގެ މައްޗަށް ކުރި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމާއި، ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ކޯޓަށް ހުށަހެޅީ ފެބްރުވަރީ 17، 2019 ގައެވެ.
ޕީޖީން ބުނީ، މި ދައުވާތައް މުރާޖައާ ކޮށްދިނުމަށް އާޒިމާގެ ފަރާތުން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަންކަމަށާއި، އާޒިމާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ އަމަލުގެ ސަބަބުން މަގުފަހިވި މަނީ ލޯންޑްރިން ކުށުގެ އަސްލު ފާއިލުގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުމްކޮށްފައި ވާތީ، އާޒިމާގެ މައްޗަށް ކުރި ދައުވާތައް އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތް ކަމަށެވެ.
އާޒިމާގެ މައްޗަށް ދައުވާ އުފުލާ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައި ވެސް ވެއެވެ.
އެ ދައުވާތަކަކީ އޭރު އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާއިން އެއް މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާކުރި މައްސަލައިގައި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާއެވެ.
އާޒިމާގެ މައްޗަށް ދައުލަތުން ތުހުމަތު ކުރީ ޔާމީން ހިޔާނަތް ހިންގުމަށް އާޒިމާ މަގުފަހިކޮށްދީފައި ވާ ކަމަށެވެ.
އެގޮތުން ދައުލަތަށް ލިބެން ޖެހޭ އެކި ފައިސާ ވަކި އެކައުންޓަކަށް ޖަމާކުރުމަށް އާޒިމާ ލަފާދެއްވާފައިވާ ކަމަށާއި، އެކަމާ ގުޅިގެން އޭސީސީން ހިންގި ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ.
އާޒިމާގެ މައްޗަށް ކުރި ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް އޭރު ކްރިމިނަލް ކޯޓުން ކަނޑައެޅުމުން އެ ނިންމުން އާޒިމާގެ ފަރާތުން އިސްތިއުނާފް ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ