ސިޔާސީ ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުން ނުކިޔުމަށް އެދިވަޑައިގެން ފަޒުނާ ދެއްކެވި ވާހަކައަށް ނަޝީދު ތާއީދު ކުރައްވައިފި ސިޔާސީ ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުން ނުކިޔުމަށް އެދިވަޑައިގެން ފަޒުނާ ދެއްކެވި ވާހަކައަށް ނަޝީދު ތާއީދު ކުރައްވައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުމަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމަކީ އެ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެއް ކަމަށް ވިދާޅުވެ ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ދެއްކެވި ވާހަކައަށް ނަޝީދު ތާއީދު ކުރައްވައިފި އެވެ.
އަދަދު ގައި ޝާއިއުކުރި އެ ހަބަރުގެ ލިންކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހާރާއި މިހާރު ގްރޫޕަށް ލުމުން، ނަޝީދު ވިދާޅުވީ ފަޒުނާ އެ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް ކަމަށެވެ.
"ވަރަށް ރަނގަޅު ވާހަކައެއް މެޑަމް ފަޒޫ އެ ވިދާޅުވީ، އަސްލު މެޑަމް ފަޒޫއަކީ ވަރަށް ގިނަ މަސައްކަތް އެމްޑީޕީއަށް ކޮށްދެއްވި ބޭފުޅެއް. މެޑަމް ފަޒޫއަކީ ވަރަށް އޯގަނައިޒްޑްކޮށް ވަރަށް ގިނަ ޑޯޓުޑޯ ހަރަކާތްތައް އަދި ޕޮލިސީ މަސައްކަތްތައް ކޮށްދެއްވި ގަދަ ބޭފުޅެއް،" ނަޝީދު ލިޔުއްވާފައިވެ އެވެ.
މިއަދު ފޭސްބުކްގައި ފަޒުނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނަޝީދު އާއި ސޯލިހުއާ ދެމެދުގައި އޮތް ހިޔާލުތަފާތުވުމަކީ އާއިލީ އަރައިރުމެއްގެ ގޮތުގައި ސިފަކުރުމުން އެމްޑީޕީގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ވެސް ހުރަސްއެޅޭ ކަމަށެވެ.
"އަޅުގަނޑުގެ ނަޒަރުގައި ސިޔާސީގޮތުން އޮތް ދެބަސްވުމަކަށް އާއިލީ އަރައިރުން ކިޔުމަކީ ރައީސް ނަޝީދު އާއި ރައީސް ސޯލިހުއާ ދެ ބޭފުޅުންގެ ތޫނުފިލިކަމަށް ކުރެވޭ މަލާމާތެކެވެ. އަދި މިކަހަލަ ހަނި ވިސްނުންތަކަކީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ފުޅާ ދާއިރާއެއްގައި ވިސްނުމަށް އެޅޭ ހުރަހެއް ވެސްމެ،" ފަޒުނާ ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މަދަރުސީ ދައުރުގައި އުފެދޭ އެކުވެރިކަން ގިނަފަހަރަށް ބިނާވެފައި އޮންނަނީ ޝައުގުވެރިކަން ހުންނަ އެއްކަހަލަ ކަންތައްތަކެއް ވެސް ހުރެގެން ކަމަށް ފަޒުނާ ވިދާޅުވި އެވެ. ނަޝީދު އާއި ސޯލިހުއަކީ ވެސް އެއްކަލަ ކަންތައްތަކަކަށް ޝައުގުވެރިކަން ހުރި އެކުވެރިންތަކެއްގެ ތެރޭގައި ހިމެނުނު ދެ ބޭފުޅުން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ނަޝީދު އާއި ސޯލިހުއަކީ ވެސް ފޮތް ވިދާޅުވުމާއި ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އިތުރުން ކުޅިވަރު ކުޅުމާއި ކުޅިވަރު ކުޅޭތަން ބަލަން ދިޔުމާއި ކަޅުސައި ބުއިން ފަދަ ކަންކަން އެކުގައި ކުރެއްވި ދެ ބޭފުޅުން ކަމަށް ފަޒުނާ ވިދާޅުވި އެވެ.
ޝައުގުވެރިކަން އެއްކަމަކަށް ހުންނަ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް އެ ދެ ބޭފުޅުންނަކީ ވަރަށް މިޒާޖު ތަފާތު ދެ ބޭފުޅުން ކަމަށް ފަޒުނާ ވިދާޅުވި އެވެ. ނަމަވެސް އޭގެ ތަފުސީލެއް ފަޒުނާ ދެއްވައިފައެއް ނުވެ އެވެ.
"ސިޔާސީ ކަންކަން ހިމެނޭގޮތަށް ކޮންމެ ކަމެއްގައި ވެސް އެއްބަސްވެވޭ ކަންކަމާއި ދެބަސްވުމަށް އެއްބަސްވެ ދެ ބޭފުޅުން އެކުގައި ކުރައްވައި ކާމިޔާބުކުރެއްވި ކަންކަން މަދެއް ނުވާނެ އެވެ. އަރައިނުގަނެވިގެން މި އުޅެނީ ދެ ބޭފުޅުން އެއް ގޮނޑިއެއްގައި އިށީނދެވަޑައިގަންނަވަން ބޭނުންވި ހިސާބުން ނޫންތޯ،" ފަޒުނާ ލިޔުއްވާފައިވެ އެވެ.
ލީޑަރުންގެ މެދުގައި ހިޔާލުތަފާތުވުން އުފެދުމަކީ އެމްޑީޕީއަށް އައުކަމެއް ނޫން ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ. ނަމަވެސް ސޯލިހު އާއި ނަޝީދުއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމަށް އާއިލީ އަރައިރުމެކޭ ކިޔުމަކީ ޒިންމާދާރުކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ