މިއަހަރު އެންމެ ބޮޑު ހޭދައެއް ހިނގީ މަގު ހަދަން

މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ހަރަދެއް ހިނގީ މަގު ހެދުމުގެ މަސައްކަތަށް ކަމަށާއި އެކަމަށް 578 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީ މަޝްރޫއުތަކަށް 4.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިއަހަރު ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. އެހެންވެ، މިއަހަރުގެ މިހާތަނަށް ޕީއެސްއައިޕީގެ ބަޖެޓުން 54 ޕަސެންޓު ވަނީ ހޭދަކޮށްފަ އެވެ.
ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރެއިން މަގު ހެދުމުގެ އިތުރުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 553 މިލިއަން ވަނީ ހޭދަކޮށްފަ އެވެ. ބިން ހިއްކުމުގެ މަޝްރޫއުތަކަށް 540 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. ރަށްރަށުގެ ބަނދަރު ހެދުމަށް 507 މިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު އެއާޕޯޓް ޕްރޮޖެކްޓްތަކަށް 506 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި ހައުސިން ޕްރޮޖެކްޓްތަކަށް 430 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން، މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ޕީއެސްއައިޕީ މަޝްރޫއުތަކަށް 2.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
މި އަހަރުގެ ބަޖެޓުގައި މުޅިން އަލަށް ފަށާ 204 މަޝްރޫއަކަށް 483.7 މިލިއަން ރުފިޔާ ހޭދަކުރަން ކަނޑައަޅައިފައިވެ އެވެ. ޓެންޑަރިން މަރުހަލާގައިވާ 311 މަޝްރޫއަކަށް 527.5 މިލިއަން ރުފިޔާ އަދި ޕްރީ ޓެންޑަރިން މަރުހަލާގައިވާ 479 މަޝްރޫއަކަށް 1.2 ބިލިއަން ރުފިޔާ ހޭދަކުރަން ނިންމާފައިވެ އެވެ.
ޕީއެސްއައިޕީ އަށް ކަނޑައަޅާފައިވާ 8.4 ބިލިއަން ރުފިޔާގެ ތެރެއިން 3.1 ބިލިއަން ރުފިޔާ އަކީ ޑޮމެސްޓިކް ބަޖެޓުން ކުރާ ހަރަދެވެ. އަދި ބޭރު ފަރާތްތަކުން ނަގާ ލޯނުން 4.1 ބިލިއަން ރުފިޔާ އަދި ބޭރުގެ ހިލޭ އެހީ އިން 713 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން 439.5 މިލިއަން ރުފިޔާ ހަރަދު ކުރަނީ ގްރީން ފަންޑުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ