އިންޑިއާ އާއި ޕާކިސްތާނުން މިލްކުވެރިކަމަށް ދައުވާކުރާ، އަދި ދެ ގައުމުން ބަހާލައިގެން ކޮންޓްރޯލް ކުރަމުންދާ މުސްލިމުންގެ އަގުލަބިއްޔަތު އޮންނަ ކަޝްމީރުގައި ހިނގާ މުޒާހަރާތައް މައިތިރިކުރުމަށް 2010 ވަނަ އަހަރު އިންޑިއާ ސަރުކާރުން ޕެލެޓް ބަޑި ބޭނުންކުރަން ފެށި އެވެ. އޭގެ ފަހުން، ލޮލުގެ ފެނުން މުޅިން ނުވަތަ އެއްބައި ގެއްލިގެން 1،000 އަށްވުރެ ގިނަ ކަޝްމީރުންގެ ރައްޔިތުން ރިޕޯޓުކޮށްފައިވެ އެވެ.
އަންނަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ ބޮލީވުޑްގެ ފިލްމަކާ މެދު ހިޔާލުތަފާތުވުން އުފެދިފައިވަނީ އެ މައްސަލައިގަ އެވެ. އަޖޭ ދޭވްގަން މައި ކެރެކްޓާގެ ގޮތުގައި ފެންނަ މި ފިލްމުގެ ޓީޒާތައް މިހާރު ނެރެމުންދާއިރު، ޕެލެޓް ބަޑީގެ ޝިކާރައަކަށްވެފައިވާ މީހުންނަށް އެ ފިލްމުގައި މަލާމާތްކޮށްފައިވާ ކަމަށް ބެލެވެ އެވެ.
"ޗޯހާން" ނަމަކަށް ކިޔާ މި ފިލްމުގައި އެކްޓަރު އަޖޭ ދޭވްގަން ކުޅެނީ އިންޑިއާގެ ސަލާމަތީ ބާރުގެ އޮފިސަރެއްގެ ރޯލެވެ. ފިލްމުން ފެންނަނީ ކަޝްމީރުގެ މަގުތަކުގައި ކާރުތަކުގައި ރޯކޮށް، ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކެއްގެ ތެރޭގައި ގާ އުކަމުންދާ އެތައް ސަތޭކަ މުޒާހަރާގެ ބައިވެރިންނާ ދެކޮޅަށް އޭނާ ނުކުމެ ހުންނަ މަންޒަރެވެ.
މި ފިލްމުގެ ބެކްގްރައުންޑުން އިވޭ އަޖޭ ދޭވްގަންގެ އަޑުން، މުޒާހަރާގެ ބައިވެރިންނާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ދެކޮޅު ހަދައި "ދުޝްމަނުންނަށް ދޫދީފައިވާ" ކަމަށް ބުނެ އިންޑިއާގެ ކުރީގެ ސަރުކާރުތަކަށް ފާޑުކިޔަ އެވެ. އަދި އިންޑިއާގެ ސަލާމަތީ ބާރުތަކުން ބޭނުންކުރާ ފިޔަވަޅުތަކަކީ އެދެވޭ ނަތީޖާއެއް ނުނެރެވޭ ފިޔަވަޅުތަކެއް ކަމަށް ބުނެ އެކަމާ ހިތާމަފާޅުކުރެ އެވެ.
ކަރުނަގޭހުގެ ހަމަލާތަކުން ސަލާމަތްވުމަށް ބޭނުންކުރާ މާސްކު އޮންލައިންކޮށް ގަނެވޭނެ ކަމަށާއި، އަދި ޕެލެޓް ބަޑިން ލިބެނީ "ވަރަށް ކުޑަ ގެއްލުމެއް" ކަމަށް އެ ފިލްމުގައި ބުނެ އެވެ.
މި "އެކްޝަން އެންޓަޓެއިނާ" ފިލްމުގެ ޓްރެއިލާ ނިމެނީ، މޫނުމަތީގައި މާސްކެއް އަޅައިގެން ހުރި އަޖޭ ދޭވްގަން، ފުރޮޅުލީ ބޮޑު ރޭޑިއޯއެއް ހިފައިގެން މުޒާހަރާގެ ބައިވެރިންނާ ދިމާލަށް ހިނގާފައިދާ މަންޒަރުންނެވެ. އެ ރޭޑިއޯއިން ބާރަށް އިވެމުންދަނީ 1990 ގެ އަހަރުތަކުގެ މަޝްހޫރު ލަވަޔެއް ކަމަށްވާ "ޖުމްމާ ޗުމްމާ ދޭ ދޭ" އެވެ. މިއީ ހުކުރު ދުވަހަކު ބައްދަލުކުރުމަށް ލޯބިވެރިއަކު އެދޭ ވާހަކަ ބުނެދޭ ލަވަޔެކެވެ.
ކަޝްމީރުގައި އިންޑިއާގެ ވެރިކަމާ ދެކޮޅަށް ކުރާ ގިނަ މުޒާހަރާތައް އާންމުކޮށް ބާއްވަނީ ހުކުރު ދުވަހު އެވެ.
ކަޝްމީރުގައި އިންޑިއާ ސަރުކާރުން ޕެލެޓް ބަޑި ބޭނުންކުރުން އެންމެ ބޮޑަށް އިތުރުވީ 2016 ވަނަ އަހަރު އެވެ. އެއީ އެ ސަރަހައްދުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހިޒްބުލް މުޖާހިދީންގެ ކޮމާންޑަރު، އުމުރުން 22 އަހަރުގެ ބުރުހާން ވަނީ މަރާލުމާ ގުޅިގެން ބޭއްވި ބޮޑެތި މުޒާހަރާތަކުގަ އެވެ.
ބުރުހާން ވަނީ އާއި އިތުރު ދެ ހަނގުރާމަވެރިން، 2016 ވަނަ އަހަރުގެ ޖުލައި 8 ވަނަ ދުވަހު އިންޑިއާގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި މަރާލީ، ކަޝްމީރުގެ މައި ސިޓީ ކަމަށްވާ ސްރީނަގަރާ 85 ކިލޯމީޓަރު ދުރުގައި އޮންނަ އަނަންތުނާގް ޑިސްޓްރިކްޓްގެ ބުންދޫރާ އަވަށުގަ އެވެ.
ވަނީ މަރާލުމާ ގުޅިގެން މުޅި ކަޝްމީރު ވާދީ ހަފުތާތަކަކަށް ހިތާމައިގެ ތެރެއަށް ގޮސް، ރުޅިވެރިކަމާއެކު މުޒާހަރާތައް ކުރިއަށްދިޔަ އެވެ. މި ކުރިމަތިލުންތަކުގައި އެތައް ބަޔަކު މަރުވެ، އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބައެއްގެ ލޮލުގެ ފެނުން ގެއްލުނެވެ. އޭގެ ތެރޭގައި އުމުރުން އެންމެ 18 މަހުގެ ކުދިން ވެސް ހިމެނެ އެވެ.
އަންދާޒާ ކުރެވޭ ގޮތުގައި ކަޝްމީރުގައި ޕެލެޓް ބަޑީގެ ޝިކާރައަކަށްވި މީހުންގެ 14 އިންސައްތައަކީ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންނެވެ.
ކަޝްމީރުގެ މައްސަލަތަކަށް ހާއްސަވެފައިވާ ޔުނިވާސިޓީ އޮފް ކެލިފޯނިއާ ސެން ޑިއޭގޯގެ މެޑިކަލް އެންތުރޮޕޮލޮޖިސްޓެއް ކަމަށްވާ ސައިބާ ވަރުމާ ވިދާޅުވީ، "ޗޯހާން" ފިލްމުގެ ސިޔާސީ މެސެޖުތަކުން އެނގެނީ އިންޑިއާގެ އާންމު ރައްޔިތުންގެ ޚިޔާލު ބަދަލުވަމުންދާ ގޮތް ކަމަށެވެ. އަދި ކަޝްމީރުގައި ފުލުހުން ހިންގާ ލާއިންސާނީ އަމަލުތަކާ މެދު އުފެދޭ ސުވާލުތަކަށް ދޭ ސަމާލުކަން ކުޑަވެ، މައްސަލަ އިތުރަށް ގޯސްވަމުންދާކަން މީގެން ހާމަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކަޝްމީރުގައި އިންޑިއާއިން ޕެލެޓް ބަޑި ބޭނުންކުރުމާ ގުޅިގެން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އދ. އިން ވެސް ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އދ. އިން ވަނީ ކުޑަކުދިންނާ ދެކޮޅަށް އިންޑިއާއިން "ބޮޑެތި ޖަރީމާތަކެއް" ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
2021 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވިދާޅުވީ، ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އެޅުމަށް ގޮވާލައްވާ ކަމަށެވެ. މީގެ ތެރޭގައި ކުޑަކުދިންނާ ދެކޮޅަށް ޕެލެޓް ބަޑި ބޭނުންކުރުން ހުއްޓާލުމާއި، ސަލާމަތީ ބާރުތަކުގެ އެއްވެސް ކަމެއްގައި ކުޑަކުދިން ބައިވެރިނުކުރުން ކަށަވަރުކުރުމާއި، "ސޭފް ސްކޫލްސް ޑިކްލަރޭޝަން" އަދި "ވެންކޫވާ ޕްރިންސިޕަލްސް" ގަބޫލުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ބޮލީވުޑްގެ ބައެއް ފިލްމު އުފައްދާ ފަރާތްތަކުން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ކަނާތު ފިޔައިގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ސިޔާސަތުތަކާއި ޕްރޮގްރާމްތަކަށް ތާއީދު ހޯދުމަށް "ޕްރޮޕެގެންޑާ" ފިލްމުތަކެއް އުފައްދަމުންދާ ކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. މިފަދަ ފިލްމުތަކުގައި ކަޝްމީރުގެ މައްސަލަ އާއި، އަވަށްޓެރި ޕާކިސްތާނާއެކު އޮންނަ ޒަމާންވީ ދެކޮޅުވެރިކަން ފަދަ ނާޒުކު މައުލޫއުތައް ބޭނުންކޮށްގެން އިންޑިއާގެ 200 މިލިއަން މުސްލިމުންނަށް އަމާޒުކޮށް ނަފުރަތު އުފައްދާ ކަމަށް އެނެލިސްޓުން ބުނެ އެވެ.
އަޖޭގެ އާ ފިލްމުން ކަޝްމީރުގައި ލޮލުގެ ފެނުން ގެއްލިފައިވާ މީހުންނަށް މަލާމާތް ކުރާކަމުގެ ތުހުމަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ