އީރާނުގެ އިސް ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ބޭއްވި ރަސްމީ ޖަނާޒާގައި، ރާއްޖެއަށް ބައިވެރިނުވެވުނީ ފަހުވަގުތު ޕްރޮޓޮކޯލް ބަދަލުކުރުމުން ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ޙާމަނާއީ އަވަހާރަވުމާ ގުޅިގެން 3 ޖުލައި ގައި އެ މަނިކުފާނުގެ ރަސްމީ ޖަނާޒާ ބޭއްވުމަށް ހަމަޖެހުމާއެކު، އެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ދިވެހި ސަރުކާރަށް ދައުވަތު ދިންކަމަށެވެ. އަދި ރާއްޖޭގެ ފަރާތުން އެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ދިވެހިރާއްޖޭން ސަޢުދީ އަރަބިއްޔާއަށާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، އަލްފާޟިލް އަޙްމަދު ސަރީރު ކަމުގައި އީރާން ސަރުކާރަށް ރަސްމީކޮށް އެންގިކަމަށެވެ.
އެހެންނަމަވެސް، ސަފީރު ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ވަގުތު ކައިރިވެފައި ވަނިކޮށް، ބޭރުޤައުމުތަކުގެ ވަފުދުތަކަށް ޕްރޮޓޮކޯލް އިންތިޒާމް ހަމަޖެއްސުމުގެ އުޞޫލު ހަމަޖެހިފައިވާގޮތުން ސަފީރުންގެ ލެވެލްގައި ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް އީރާން އެމްބަސީން އެންގެވިކަމަށް މިނިސްޓްރީން ބުންޏެވެ.
އީރާނުން އެގޮތައް އެންގުމާއިއެކު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ ފެންވަރުގެ ބޭފުޅެއް ރާއްޖެއިން ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް އީރާނަށް ދަތުރުފުޅު ކުރެއްވުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދިޔަކަމަށްވެސް މިނިސްޓްރީން ބުންޏެވެ. އެހެންނަމަވެސް، ތެހްރާންއަށް ދިއުމުގެ ފްލައިޓްތަކަށް ހުއްދަދެވޭ ސުންގަޑި ކައިރިވެފައިވާކަމަށާއި ސްޓޭޓް މިނިސްޓަރު ރާއްޖެއިން ފުރާވަޑައިގެން ތެހްރާނަށް ވަޑައިގެންނެވޭނީ ޖަނާޒާގެ ރަސްމީބައި ނިމޭފަހުން ކަމުގައިވާތީ، ރާއްޖެއިން ސްޓޭޓް މިނިސްޓަރެއް އެ ޖަނާޒާގައި ބައިވެރިކުރުމަށް ނިންމެވި ނިންމެވުމަށް އީރާން ސަރުކާރުން ޝުކުރުއަދާ ކުރައްވާކަން އަންގަވައި، އެ ދަތުރުފުޅު އެ ވަގުތު ކުރެއްވުމުގެ ބަދަލުގައި ފަހުގެ ތާޜީޚެއްގައި ސަރުކާރުގެ އިސްބޭފުޅަކު ކުރެއްވުމަށް އީރާނު އެމްބަސީން ލަފާދެއްވިކަމަށް މިނސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، ޚާމަނާއީ އަވަހާރަވުމާ ގުޅިގެން ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ފޮރިން މިނިސްޓަރު ތައުޒިޔާ މެސެޖެއް އީރާނުގެ ފޮރިން މިނިސްޓަރަށް ފޮނުވާފައިވާކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
ޚާމަނާއީގެ ޖަނާޒާގައި ބައިވެރިނުވެވުނީ ފަހުވަގުތު ޕްރޮޓޮކޯލް ބަދަލުކުރުމުން: ދިވެހި ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ