އެމްޓީސީސީ ބަހަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެ، މީހަކަށް އަނިޔާވެއްޖެ

އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި، ހިނގި އެކްސިޑެންޓެއްގައި މީހަކަށް މިރޭ އަނިޔާވެއްޖެއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، ބޮޑުތަކުރުފާނު މަގުން މާފަންނު ބަސް ޓާމިނަލް ކައިރިން އެމްޓީސީސީގެ ބަހަކާއި ސައިކަލެއް ޖެހި، އެކްސިޑެންޓެއްވި ކަމުގެ މައުލޫމާތު ލިބުނީ މިރޭ 07:07 ހާއިރު ކަމަށެވެ. މި އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހަކަށް އަނިޔާވި ކަމަށާއި އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. ފާހަގަކުރެވޭ ގޮތުގައި، މި އެކްސިޑެންޓާ ގުޅުން ހުރި ވީޑިއޯއެއް މީސްމީޑިއާގައި އަންނަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެކްސިޑެންޓުވެފައި ވަނީ ހުޅުމާލެއާއި މާލެއާ ދެމެދު ދަތުރުކުރާ އެމްޓީސީސީގެ ޑަބަލްޑެކް ބަހަކާއި ސައިކަލެކެވެ. އަދި، އެ ސަރަހައްދުގެ ޓްރެފިކު ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވި މަންޒަރު ވެސް ފެނެއެވެ. މީގެ ކުރިން ވެސް މާލޭއާއި ހުޅުމާލޭގައި ބަސް އެކްސެޑިންޓުތައް ހިނގައި، މީހުންނަށް އަނިޔާތައް ލިބިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ