މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުޅުދުއްފުށިން 4 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ކުޅުދުއްފުށިން ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ކުޅުދުއްފުށީ ޕޮލިސް ގުޅިގެން އިއްޔެ ކުޅުދުއްފުށީގައި ހިއްގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ކުޅުދުއްފުށީ ލޭކޮކާ، ހަސަން އިބްރާހީމް، 27، އާއި ކަގި، ފާތިމަތު އަލީ، 32، އެވެ. އެ މީހުން ހައްޔަރުކޮށް، ތިބި ގެސްޓްހައުސް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެ އެވެ. އެތަކެތީގެ ވަގުތީ ބަރުދަނަކީ 3.9 ގްރާމެވެ.
މަސްތުވާތަކެތި ވިއްކައި ވިޔަފާރިކޮށް އަދި އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހަސަން އިބްރާހީމް 10 ދުވަހަށް އަދި ފާތިމަތު އަލީ ތިން ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، ޖޫން މަހުގެ 30 ވަނަ ދުވަހު ހިންގި ދެވަނަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީ އެނީޒާ، އާދަމް މުހައްމަދު (42އ) އާއި، އެ ރަށު ހުވަފެނީއައްސޭރި، އަހުމަދު އިސްމާއީލް (33އ) އެވެ. ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް، އެވަގުތު ތިބި ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ 14.06 ގުރާމުގެ ތަކެތި ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދެ މީހުންވެސް 8 ދުވަހުގެ މުއްދަތަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި މިއީ މި އޮޕަރޭޝަންތަކަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ، އޭގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެކެވެ.
ފުލުހުން ދަނީ މި ދެ މައްސަލަވެސް އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ